އިދިކޮޅު ލޭބަރ ޕާޓީގެ އަތްމައްޗަށް އިނގިރޭސިވިލާތުގެ ވެރިކަން ފުރޮޅޭނެ ކަމަށް ބެލެވޭ ޢާންމު އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ. މިއަދު ކުރިއަށްދާ ޢާންމު އިންތިޚާބާ އެކު ފާއިތުވި 14 އަހަރު ވެރިކަމުގައި އޮތް ކޮންޒަރވެޓިވް ޕާޓީގެ ވެރިކަން ނިމުމަކަށް އަންނާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ. ވޯޓުލުން ފެށުމުގެ ކުރިން ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއިން ފެންނަނީ ބޮޑުވަޒީރު ރިޝީ ސުނާކްގެ ކޮންޒަރވެޓުންގެ މައްޗަށް އިދިކޮޅު ލޭބަރގެ ވެރިޔާ ކީރް ސްޓާމަރ ކުރި ހޯއްދަވާފައިވާ މަންޒަރެވެ.
އެއީ ހައިރާން ވާން ޖެހޭ ނަތީޖާއެއް ނޫނެވެ. އެއް ސަބަބަކީ, ފާއިތުވި 14 އަހަރު ކޮންޒަރވެޓިވް ޕާޓީގެ ވެރިކަމުން ފެނިގެން ދިޔަ ހަލަބޮލި ކަމާއި, ޕާޓީގެ އެތެރޭގެ ނުތަނަވަސް ކަމާ މެދު އިނގިރޭސިވިލާތުގެ ރައްޔިތުން ފޫހިވުފައިވުމެވެ. އަދި, ބަދަލަކަށް ބޭނުންވުމެވެ. ކޮންޒަރވެޓިކް ޕާޓީގެ ވެރިކަމުގައި އެންމެ ފަހު އަށް އަހަރަށް ބަލައިލާއިރު, އެ މުއްދަތުގެ ތެރޭގައި ފަސް ބޭފުޅުން ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވާފައިވެއެވެ.
އެ ކަންކަމާ މެދު އޮތް ހިތްހަމަނުޖެހުމާ އެކު, ބޮޑުވަޒީރު ކަމުގެ މަޤާމު ލޭބަރގެ ސްޓާމަރއާ ހަވާލު ކުރަން އިނގިރޭސިވިލާތުގެ ރައްޔިތުން ތިބީ ތައްޔާރަށް ކަން ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއިން ސާފެވެ. 61 އަހަރުގެ ސްޓާމަރއަކީ އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ޤާނޫނީ ވަކީލެކެވެ.
"މިއަދަކީ އިނގިރޭސިވިލާތުގެ ރައްޔިތުން އައު ޞަފުހާއެއް ފަށާ ދުވަސް. އިތުރު ފަސް އަހަރު ކޮންޒަރވެޓުންގެ އަތްދަށުގައި ހޭދަ ކުރެވޭކަށް ނެތް. ނަމަވެސް, ބަދަލެއް ގެނެވޭނީ ލޭބަރއަށް ވޯޓު އަޅައިގެން،" ވޯޓުލުން ފެށުމުގެ ކުރިން ސްޓާމަރ ވިދާޅުވިއެވެ. އޭނާގެ ލޭބަރއިން ބޮޑު އަޢުލަބިއްޔަތަކުން އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ވަގުތީ ނަތީޖާގެ މޮޑެލްތަކުން ދައްކައެވެ.
44 އަހަރުގެ ސުނާކް ވޯޓު ލައްވާފައި ވަނީ އޭނާގެ ދާއިރާ ކަމުގައިވާ ރިޗްމަންޑްގައެވެ. އިންތިޚާބުގެ ކެެމްޕޭންގެ ތެރެއިން ސުނާކް ފެނިގެން ދިޔައީ, ކޮންޒަރވެޓުންނަށް ވޯޓު ހޯއްދެވުމުގެ ބަދަލުގައި, ލޭބަރ ޕާޓީން ވެރިކަމާ ހަވާލުވެއްޖެ ނަމަ ޤައުމަށް ކުރިމަތިވާނެ ނުރައްކާތެރި ހާލަތާ މެދު ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރެއްވުމުގައި ހޭދަ ކުރެއްވި މަންޒަރު ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
ސުނާކް އިންޒާރު ކުރައްވާ ގޮތުގައި, ލޭބަރގެ ވެރިކަމެއްގައި ޓެކުސްތައް އިތުރަށް ބޮޑު ކުރާނެއެވެ. އަދި, އިޤުތިޞާދީ ދުވެލި މަޑު ޖެހޭނެއެވެ. އެއާ އެކު, ބައިނަލްއަޤުވާމީ މަސްރަޙުގައި އިނގިރޭސިވިލާތަށް އޮތް އިޙުތިރާމާއި ޤަދަރު ފަނޑުވެގެން ދާނެ ކަމުގައި ވެސް އޭނާ އިންޒާރު ކުރައްވައެވެ.
"އެ މީހުން [ލޭބަރއިން] ޤައުމަށް އަދި އިޤުތިޞާދަށް ދިގުދެމިގެން ދާނެ ބޮޑެތި ގެއްލުންތަކެއް ދޭނެ. އެ މީހުން ކުރިން ވެސް ކަންތައް ކުރި ގޮތަށް. އެ ކަން އެ ގޮތަށް ވިޔަދީގެން ނުވާނެ،" ސުނާކް ވިދާޅުވިއެވެ.
އިންތިޚާބަށްޓަކައި އިނގިރޭސިވިލާތުގެ އެކި ކަންކޮޅުތަކުގައި 40,000އަށްވުރެ ގިނަ ވޯޓުލާ މަރުކަޒު ގާއިމުކޮށްފައިވެއެވެ. އަދި, އިނގިރޭސިވިލާތު ގަޑިން ރޭގަނޑު 10 ޖަހަންދެން ވޯޓުލުން ކުރިއަށް ދާނެއެވެ. އިންތިޚާބުގެ ނަތީޖާ އިޢުލާނު ކުރަން ފަށާނީ ޖުލައި 5ވަނަ ދުވަހު ކަމަށް ބެލެވެއެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި, ވިލާތުގެ ގިނަ ޤައުމުތަކުގައި ބާއްވާފައިވާ އިންތިޚާބުތަކުން ފެނުނު މަންޒަރުތަކާ އެއްގޮތަށް އިނގިރޭސިވިލާތުގެ އިންތިޚާބުން ވެސް ފެނިގެން ދާނީ, އިޤުތިޞާދީ ހާލަތާއި ދިރިއުޅުމުގެ ޚަރަދުތައް އުފުލުމާ މެދު ރައްޔިތުން ހިތްހަމަނުޖެހި, ބަދަލަކަށް ބޭނުންވެފައިވާ މަންޒަރެވެ. ކޮވިޑް-19އާއި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ވިލާތުގެ ގިނަ ޤައުމުތަކުގެ އިޤުތިޞާދު ވަނީ ހީނަރުވެފައެވެ.
އިނގިރޭސިވިލާތުގެ ޢާންމު އިންތިޚާބު އަވަސްކޮށް ފަށާފައި މި ވަނީ, ސުނާކަށް އޭނާގެ ކޮންޒަރވެޓިވް ޕާޓީގެ އެތެރެއިން ނުރުހުމާއި ފިއްތުންތައް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނި ގޮތުގައި, ސުނާކްގެ ފަހަތުގައި ތިއްބެވީ ކޮންޒަރވެޓިކް ޕާޓީގެ މަދު ވެރިންތަކެކެވެ.
ނަމަވެސް, އޭނާގެ ވެރިކަމުގައި ތަކެތީގެ އަގުތައް ވެއްޓި, އިޤުތިޞާދު ކުރިއަރަމުންދާ ނިސްބަތް އިތުރުވުން މިއީ, އޭނާގެ ކެމްޕޭނަށް ލިބިގެން ގޮސްފައިވާ ހެޔޮ ފާލެއް ކަމުގައި ސުނާކް ދެކެވަޑައިގަންނަވައެވެ. އަދި, އެ ކަންކަމަށް ރިއާޔަތްކޮށް, އިންތިޚާބުގައި ކޮންޒަރވެޓިވް ޕާޓީއަށް ކާމިޔާބީ ލިބިދާނެ ކަމަށް އޭނާ ގަބޫލު ކުރައްވައެވެ.