ޚަބަރު

އިޤުތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް މިޞްރުގެ އައު ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް


މިޞްރުގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް އެ ޤައުމުގެ ރައީސް ޢަބްދުލްފައްތާޙް އަލް-ސީސީ އޭނާގެ ސަރުކާރުގެ އައު ކެބިނެޓު އިޢުލާނު ކުރައްވައިފިއެވެ. މިޞްރުގެ އަައު ކެބިނެޓު އިޢުލާނު ކޮށްފައި މި ވަނީ, ކުރިން އޮތް ކެބިނެޓު އިސްތިޢުފާ ދިންތާ މަހެއްހާ ދުވަސް ފަހުންނެވެ.

ސީސީގެ އައު ކެބިނެޓު އެކުލަވައިލައްވާފައި ވަނީ, މިޞްރަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ގޮންޖެހުންތަކުގެ އިތުރުން ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ އަސަރުތައް އެ ޤައުމުގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އަދި, އެކަށީގެންވާ ގޮތެއްގައި ކަރަންޓު ޚިދުމަތް ފޯރުކޮށް ނުދެވުމާ ގުޅިގެން ރައްޔިތުންގެ ނުރުހުމާއި ފާޑު ކިޔުންތައް އަމާޒުވެފައިވާ ވަގުތެއްގައެވެ.

ސީސީގެ އައު ސަރުކާރުގައި ބޮޑުވަޒީރު ކަމުގެ މަޤާމު ހަވާލު ކުރައްވާފައި ވަނީ ކުރިން ވެސް އެ މަޤާމު ފުރުއްވަމުން ގެންދެވި މުޞްޠަފާ މަދްބޫލީއަށެވެ. އަދި, ތަކެތީގެ އަގުތަކާއި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލެމުންދާ މައްސަލައަށް އަވަސް ހައްލުތަކެއް ހޯދުމަށް އޭނާ ވަނީ މަދްބޫލީ ހިމެނި ވަޑައިގަންނަވާ އައު ކެބިނެޓަށް އިރުޝާދު ދެއްވާފައެވެ.

މިޞްރަށް ކުރިމަތިވެފައިވާ އިޤުތިޞާދީ އަދި މާލީ ދަތިކަމުން އަރައިގަތުމުގެ ޒިންމާއާ އެކު މާލީ ވަޒީރު ކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތައް ސީސީ ހަވާލު ކުރައްވާފައި ވަނީ އަޙްމަދު ކޫޝޫކާއެވެ. 2016ވަނަ އަހަރުން ފެށިގެން މާލީ ވަޒީރުގެ ނައިބު ކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާ ކޫޝޫކަކީ, ބައިނަލްއަޤުވާމީ މާލީ އިދާރާތަކާ ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެކެވެ. އަދި, އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފާ) ދެމެދު ކުރާ މަޝްވަރާތަކުގައި މިޞްރު ތަމްސީލު ކުރައްވަމުން ގެންދަވަނީ އޭނާއެވެ.

ކޫޝޫކަކީ ކުރިން ވޯލްޑް ބޭންކުގައި އިކޮނޮމިސްޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. މާލީ ވަޒީރު ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ކޫޝޫކް ވިދާޅުވީ މިޞްރުގެ ދަރަނި ކުޑަކޮށް, އައިއެމްއެފުގެ އިރުޝާދުގެ ދަށުން މާލީ ކަންކަން ބައްޓަން ކުުރުމަށް ތައްޔާރަށް ހުންނެވި ކަމުގައެވެ.

ބޭރު ޤައުމުތަކާ ދެމެދު އޮތް ގުޅުންތަކާ ބެހޭ ވުޒާރާ ހިންގެވުމާ ކުރިން ވެސް ހަވާލުވެ ހުންނެވި ރާނިޔާ އަލް-މަޝާޠުގެ ޒިންމާތައް ވެސް ސީސީގެ އައު ކެބިނެޓާ އެކު ވަނީ އިތުރު ކޮށްފައެވެ. އެ ގޮތުން, އިޤުތިޞާދީ ދާއިރާ ކުރިއަރުވަން ބޭނުންވާ ރޭވުންތަކާއި ތަރައްޤީ ކުރުމުގެ ޒިންމާތައް މަތި ކޮށްފައި ވަނީ އަލް-މަޝާޠާއެވެ. އިންވެސްޓްމެންޓުތައް ހޯދުމާ ބެހޭ ވުޒާރާއަށް ސީސީ ޢައްޔަން ކުރައްވާފައި ވަނީ ޙަސަން އަލް-ޚަޠީބެވެ. އޭނާއަކީ ޔޫރަޕިޔަން ބޭންކް އޮފް ރީކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމަންޓުގައި އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.

މިޞްރަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް އެކުވެރި ޢަރަބި އިމާރާތާއި, އައިއެމްއެފްގެ އިތުރުން ވިލާތުގެ އިއްތިހާދުން ވެސް ދަނީ އެ ޤައުމަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ނަމަވެސް, ކަރަންޓު ކެނޑުން ޢާންމުވެ, ގޭސް ލިބުން ދަތިވުމާ ގުޅިގެން މިޞްރުގެ ވިޔަފާރިތަކާއި ޢާންމު ރައްޔިތުންގެ ދިރިއުޅުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

ސީސީގެ ކެބިނެޓުގައި ތެލާ ބެހޭ ވަޒީރު ކަމުގެ މަޤާމަށް ޢައްޔަން ކުރައްވާފައި ވަނީ ތެޔޮ ކުންފުނި, އެސްއެލްބީގެ މެނޭޖަރު ކަމުގެ މަޤާމު ކުރިން ފުރުއްވި ކަރީމް ބަދައްވީއެވެ. އަދި, ކަރަންޓުގެ ޚިދުމަތާ ބެހޭ ވުޒާރާ ހަވާލު ކުރައްވާފައި ވަނީ ކުރިން ޕަބްލިކް އެންޓަރޕްރައިސަސް ވަޒީރު ކަމުގެ މަޤާމުގައި ހުންނެވި މަޙްމޫދު އަޞްމަތެވެ. ސަޕްލައި ކުރުމާ ބެހޭ ވުޒާރާއާ ހަވާލުވެ ވަޑައިގަތީ ޝަރީފް ފާރޫޤެވެ.

އައު ކެބިނެޓެއް އެކުލަވައިލައި ވަޒީރުންތަކެއް ޢައްޔަން ކޮށްފައިވީ ނަމަވެސް, މިޞްރުގެ ޤާނޫނު އަސާސީ ބުނާ ގޮތުން ސަރުކާރު ހިންގުމުގެ ގިނަ ބާރުތައް ދެމިއޮންނާނީ ރައީސްގެ އިތުރުން އަސްކަރިއްޔާއާއި ސަލާމަތީ ބާރުތަކުގެ އަތްމަތީގައި ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ސީސީގެ އައު ކެބިނެޓު އިޢުލާނު ކޮށްފައި މި ވަނީ, ޑިމޮކުރަސީގެ ހަމަތަކުގެ ދަށުން މިޞްރުގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފުރަތަމަ ރައީސް, މުޙައްމަދު މުރްސީގެ ވެރިކަން ވައްޓައިލި ހާދިސާއަށް 11 އަހަރު ފުރޭ ދުވަހާ ދިމާކޮށެވެ. މުރްސީގެ ސަރުކާރު ވައްޓައިލުމުގައި އެންމެ ދައުރެއް އަދާ ކުރެއްވި ސީސީ އެއިރު ހުންނެވީ މިޞްރުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުގެ މަޤާމުގައެވެ.