ޚަބަރު

ޒުވާނުންގެ އެވޯޑު ބާއްވާ ތާރީޚް ފަސްކޮށްފި


  • ކުރިން ޒުވާނުންގެ އެވޯޑު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަކީ 12 އޮގަސްޓު

  • އެވޯޑަށް ކުރިމަތިލުމަށް އަލުން ހުޅުވާލާނެ

މިއަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިނުމަށް ހަމަޖެހިފައިވާ ޒުވާނުންގެ އިނާމު ދިނުމުގެ ހަފްލާ ފަހުގެ ތާރީޚަކަށް ބަދަލުވެފައިވާކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ޒުވާނުންގެ އިނާމު ދިނުމުގެ ހަފްލާ ބާއްވަން ކުރިން ނިންމާފައި އޮތީ އޯގަސްޓު، 12 ގައެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި ބެހޭ ވުޒާރާއިން، ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވި ގޮތުގައި، އިނާމް ދިނުމުގެ މިހަފްލާ ފަސްކުރީ، ދައުލަތުން ކުރާ ޚަރަދު ކުޑަކުރުމަށް ސަރުކާރުން އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުގެ ދަށުންނެވެ. މިހަފްލާ ބާއްވާނެ ތާރީޚެއް ފަހުން އިޢުލާންކުރައްވާނެ ކަމަށް އެވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

އެވޯޑު ދިނުމުގެ ހަފްލާ ލަސްވުމާއި ގުޅިގެން، އަލުން އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލާނެ ކަމަށާއި އެހެންނަމަވެސް މިހާރު ކުރިމަތިލާފައި ތިބި ފަރާތްތަކަށް އިތުރު ބަދަލެއް ނާންނާނެ ކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.

މިއަހަރު 17 ދާއިރާއަކުން އެވޯޑް ދޭންވަނީ ނިންމާފައެވެ. އޭގެތެރޭގައި ވިޔަފާރިއާއި އިޤްތިޞާދު، ފަންނުވެރިކަމާއި ސަގާފަތްދިރުވުން، ދަރުމަވެރިން، ނަފްސާނީ ދުޅަހެޔޮ މުޖުތަމަޢަކަށް މަސައްކަތްކުރުން، ތިމާވެށި، ބަސް ދިރުވާ އާލާކުރުން، ކުޅިވަރު އަދި މަސްވެރިކަމާއި ދަނޑުވެރިކަން، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުން، ވޮކޭޝަނަލް ޓްރެއިނިން ދިނުން ފަދަ ދާއިރާތައް ހިމެނެއެވެ.

މީގެއިތުރުން ކުޅިވަރުގެ ދާއިރާގައި ބައިނަލްއަޤްވާމީގޮތުން އާދަޔާ ޚިލާފު ކާމިޔާބީއެއް ހޯދާފައިވާ މީހުންނަށް ދޭ އެވޯޑާއި، "ޝަހީދު ޖަވާދު ޢުމަރުގެ ހަނދާނީ ފިލާ"ވެސް މިހަފްލާގައި ދިނުމަށްވަނީ ހަަމަޖެހިފައެވެ.

ޒުވާނުންގެ އެވޯޑަށް ކުރިމަތިލެވޭނީ، 18 އަހަރާއި 35 އަހަރާއި ދެމެދުގެ ދިވެހި ޒުވާނުންނަށެވެ.
ރާއްޖޭގައި 2016 ވަނަ އަހަރުން ފެށިގެން ދަނީ ޒުވާނުންގެ އެވޯޑުދެމުންނެވެ.