ޚަބަރު

ކީރް ސްޓާމަރ: އިނގިރޭސިވިލާތުގެ އިންތިޚާބީ ބޮޑުވަޒީރާއި އޭނާގެ ވަޢުދުތަކަށް ނަޒަރެއް


ޖުލައި 4ވަނަ ދުވަހު އިނގިރޭސިވިލާތުގައި ބޭއްވި ޢާންމު އިންތިޚާބުގައި އިދިކޮޅު ލޭބަރ ޕާޓީއަށް ލިބުނު ކާމިޔާބީއާ އެކު އެ ޤައުމުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް އިންތިޚާބުވެފައި ވަނީ ލޭބަރގެ ވެރިޔާ ކީރް ސްޓާމަރއެވެ. ބޮޑު އަޣުލަބިއްޔަތެއް ލިބުނު މި އިންތިޚާބަކީ ލޭބަރއަށް ލިބުުނު ބޮޑު ކާމިޔާބީއެކެވެ. ނަމަވެސް, ލޭބަރއިން އިނގިރޭސިވިލާތުގެ ވެރިކަމާ މި ހަވާލު ވަނީ ވަރަށް ހައްސާސް ދަނޑިވަޅެއްގައެވެ. ދަތިތަކާއި ގޮންޖެހުންތައް ގިނަ ވަގުތެއްގައެވެ.

ސްޓާމަރގެ ކުރިމަތީގައި އޮތް މައްސަލަަތަކުގެ ލިސްޓު ވަރަށް ވެސް ދިގެވެ. ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ ގޮންޖެހުންތައް ބޮޑެވެ. އަދި, އެ ކަންކަން ހައްލު ކުރައްވަން ލިބިވަޑައިގަންނަވާނެ ފުރުޞަތު ހަނިވެފައި, އެ ކަމުގައި ބޭނުން ކުރެވެން އޮތް ވަސީލަތްތައް ވެސް މަދެވެ. އިނގިރޭސިވިލާތުގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ހާލަތު ދަށްވެފައިވާ ކަމަށް ބުނާ މި ދަނޑިވަޅުގައި ހެޔޮ ބަދަލުތަކެއް ގެނެސް, ކަންކަން ހަމަ މަގަށް އަޅުވަން ސްޓާމަރއަށް ގިނަ ވަގުތު ނުލިބޭނެ ކަމަށް ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.

ނަމަވެސް, އިންސާނީ ޙައްުޤުތަކުގެ ދާއިރާއިން ޤާނޫނީ ވަކީލެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި 61 އަހަރުގެ ސްޓާމަރ އިންތިޚާބުގެ ކެމްޕޭންގެ ދުވަސްވަރު މި ކަންކަމަށް ވަރަށް ބޮޑަށް ވިސްނާ ވަޑައިގަންނަވާފައިވާ ކަމަށް ފެނެއެވެ. ކެމްޕޭންގެ ދުވަސްވަރު އޭނާ ހޭދަ ކުރައްވާފައި ވަނީ ޤައުމުގެ ހާލަތާ ގުޅޭ ގޮތުން ޢާންމުން ދެކޭ ގޮތް ދެނެވަޑައިގެންނެވުމުގައެވެ.

ޚާއްޞަކޮށް, ހާލަތު ދެރަވެފައިވާ ޞިއްޙީ ނިޒާމާއި ތަޢުލީމީ ދާއިރާގެ އިތުރުން ތަކެތީގެ އަގުތައް އުފުލި ދިރިއުޅުމުގެ ހާލަތަށް އައިސްފައިވާ ބަދަލުތަކާ ގުޅޭ ގޮތުން ޢާންމުންގެ ޚިޔާލު ހުރިނެތްގޮތް ދެނެވަޑައިގަތުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. ޢާންމުންނާ ސުވާލުކޮށް, އެ މީހުންނާ އެކު ގިނަ ވަގުތުތަކެއް ހޭދަ ކުރެއްވިއެވެ. އޭނާގެ އެންމެ މުހިންމު ވަޢުދަކީ, އިނގިރޭސިވިލުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ހެޔޮ ކޮށްދެއްވުމެވެ.

"ޖާދޫއެއް ހަދައިގެން ނެތް ފައިސާއެއް އެއް ދުވަހުން ހޯދޭނެއޭ ދަންނަވާކަށް އަޅުގަނޑު ނެތިން. މި ޤައުމުގެ އިޤުތިޞާދު އޮތީ ވަރަށް ބޮޑަށް ހީނަރު ކޮށްލާފައި. އެ ކަންކަން ހައްލު ކުރަން ގިނަ ދުވަސްތަކެއް ހޭދަވާނެ،" ވެރިކަން ކުރާ ކޮންޒަރވެޓިވް ޕާޓީގެ ބޮޑުވަޒީރު ރިޝީ ސުނާކާ އެކު ބޭއްވި ބަހުސެއްގައި ވާހަކަފުޅު ދައްކަވަމުން ސްޓާމަރ ވިދާޅުވެފައިވެއެވެ.

ނަމަވެސް, މިއަދުގެ ހާލަތު ބަދަލު ކުރެވޭނެ ކަމަށް ސްޓާމަރ ގަބޫލު ކުރައްވައެވެ. އިންތިޚާބުގައި ލޭބަރއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރައްވައި ވާހަކަފުޅު ދައްކަވަމުން ވެސް ސްޓާމަރވަނީ އެ ކަމަށް އިޝާރާތް ކުރައްވާފައެވެ. "މިއަދަކީ ބަދަލުގެ ފެށުން. މި ހަމަނުޖެހުމަށް ނިމުމެއް ގެންނާނަމޭ އަޅުގަނޑުމެން ބުނިން، އެ ކަން ކުރާނަން، މިއަދު އައު ޞަފުހާއެއް ފެށުނީ. މިއަދު އަޅުގަނޑުމެން މި ފަށަނީ ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް، ޤައުމު އަލުން އާރާސްތު ކުރުމުގެ މަސައްކަތް،" ސްޓާމަރ ވިދާޅުވިއެވެ.

ނަމަވެސް, ޤައުމަށް ލޭބަރއިން ވަޢުދުވެފައިވާ ހެޔޮ ބަދަލުތައް ގެންނަން ކުރާނެ މަސައްކަތްތަކުގެ ބޮޑު ތަފުސީލެއް އެ ޕާޓީން ހާމަ ކޮށްފައެއް ނެތެއެވެ. ސްޓާމަރ ވިދާޅުވެފައި ވަނީ, ވިލާތުގެ އިއްތިހާދު (އީޔޫ)ގެ މެންބަރު ކަމުން އިނގިރޭސިވިލާތް ވަކިވި ދުވަސްވަރު ލޭބަރ ޕާޓީއަށް ކުރިމަތިވި ހާލަތު މިހާރު ބަދަލުވެފައިވާ ކަމުގައެވެ. އަދި, ޕާޓީ އިތުރަށް ހަރުދަނާވެފައިވާ ކަމުގައެވެ. ހަރުދަނާ ސިޔާސަތުތަކެއްގެ ބަދަލުގައި ކެމްޕޭންގެ ދުވަސްވަރު ވެސް ލޭބަރއިން ދައްކާފައި ވަނީ ޕާޓީއަށް އައިސްފައިވާ ހެޔޮ ބަދަލުތަކުގެ ވާހަކައެވެ. ނަމަވެސް, ޕާޓީގެ ސިޔާސަތުތައް ކުރިއަރުވައި ތަންފީޒު ކުރަން ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމުގައި ސްޓާމަރ ވިދާޅުވެފައިވެއެވެ.

ސްޓާމަރ ސިޔާސީ މައިދާނަށް ނިކުމެވަޑައިގަތީ އުމުރުން 50ގެ އަހަރުތަކުގެ ތެރޭގައެވެ. ނަމަވެސް, އޭނާއަކީ ސިޔާސީ ކަންކަމާ ދުރު ބޭފުޅެއް ނޫނެވެ. އޭނާއަށް ނަން ކިޔާފައި ވަނީ ވެސް ލޭބަރ ޕާޓީގެ ބާނީ ކީރް ހާޑީގެ ނަމާ ގުޅުވައި ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ޤާނޫނީ ވަކީލެއްގެ ގޮތުގައި އޭނާ ކުރައްވާފައިވާ މަސައްކަތްޕުޅުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަރުގެ ހުކުމް އިއްވާފަައިވާ މީހުންގެ ދިފާޢުގައި އޭނާ ކުރައްވާފައިވާ މަސައްކަތްތަކެވެ. އެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އިނގިރޭސިވިލާތުގެ ރާނީ އޭނާއަށް ނައިޓެއްގެ ދަރަޖަ އަރުވާފައިވެއެވެ.

ޤާނޫނު ހަދާ މަޖިލީހުގައި ސްޓާމަރ ލޭބަރ ޕާޓީ ތަމްސީލު ކުރައްވަން ފައްޓަވާފައި ވަނީ 2015ވަނަ އަހަރެވެ. ލޭބަރގެ ވެރިއެއްގެ ގޮތުގައި އޭނާ ޢައްޔަން ކޮށްފައި ވަނީ 2020ވަނަ އަހަރުގެ އިންތިޚާބުގައި އެ ޕާޓީއަށް ލިބުނު ނާކާމިޔާބީގެ ފަހުންނެވެ. އެއީ, 1935ވަނަ އަހަރަށް ފަހު އިންތިޚާބެއްގައި ލޭބަރއަށް ލިބުނު އެންމެ ބޮޑު ނާކާމިޔާބީގެ ގޮތުގައި ފާހަގަ ކުރެވެއެވެ. ނަމަވެސް, ޕާޓީއެއް ހެޔޮ ބަދަލުތަކެއް ގެންނަވަން އޭގެ ފަހުން އޭނާ ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައެވެ.

"އޭނާ [ސްޓާމަރ] އަބަދު ވެސް ވިސްނަވާނީ އެހެން މީހުންނަށް ކުރިއެރުން ހޯދައިދެވޭނެ ގޮތްތަކާ މެދު،" ސްޓާމަރއާ އެކު މަސައްކަތް ކޮށްފައިވާ މީހަކު ބުންޏެވެ. ނަމަވެސް, މި ސިޔާސަތާ މެދު ސްޓާމަރއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. އަދި, 1997ވަނަ އަހަރު ލޭބަރއަށް ކާމިިޔާބީ ހޯއްދަވައިދެއްވައި ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވި ޓޯނީ ބްލެޔަރއާ ސްޓާމަރ އެއްގޮތް ކަމަށް ބުނާ އަޑުތައް ގަދަވިއެވެ.

ލޭބަރގެ ސަރުކާރެއްގައި ތަންފީޒު ކުރާނެ މެނިފެސްޓޯއަކާއި ސިޔާސަތުތަކާ ބެހޭ ގިނަ މަޢުލޫމާތުތަކެއް ހާމަކޮށްފައި ނުވާއިރު, ވެރިކަމުގައި އޮތް ކޮންޒަރވެޓިވް ޕާޓީން ވަނީ ސްޓާމަރގެ ވެރިކަމެއްގައި އިޤުތިޞާދު އިތުރަށް ފުނޑިގެންދާނެ ކަން ވޯޓުލާ މީހުންނަށް ވިސްނައިދޭން މަސައްކަތް ކޮށްފައެވެ. މި ގޮތުން, ސްޓާމަރގެ ވެރިކަމެއްގައި ޓެކުސްތައް އިތުރަށް ބޮޑު ކުރާނެ ކަމުގައި ސުނާކް ވިދާޅުވެފައިވެއެވެ.

ނަމަވެސް, ސްޓާމަރ ވަނީ މި ކަން ދޮގު ކުރައްވާފައެވެ. އޭނާ ވިދާޅުވީ އާމްދަނީން ނަގާ ޓެކުހާއި, އިންޝިއުރެންސްގެ ގޮތުގައި ދައްކާ ފީއާއި, ވެލިޔު-އެޑެޑް ޓެކުހާއި ވިޔަފާރިތަކުން ނަގާ ކޯޕޮރޭޓް ޓެކުސްތައް ބޮޑު ކުރުމަކީ އޭނާގެ ސަރުކާރެއްގެ ސިޔާސަތަށް ނުވާނެ ކަމުގައެވެ. މިއީ, ވިޔަފާރިވެރިންގެ މެދުގައި ސްޓާމަރއަށް އޮތް މަޤުބޫލު ކަން އިތުރުވެގެން ދިޔަ ވަޢުދެެތަކެކެވެ.

އިންތިޚާބުގައި ލޭބަރއަށް ކާމިޔާބީ ލިބުނު ނަމަވެސް ސްޓާމަރ ވިދާޅުވި ގޮތަށް ކުރިމަތީގައި އޮތީ ބުރަ އަދި ބޮޑު މަސައްކަތްތަކެކެވެ. ޓެކުހުގެ ބުރަ އޮތީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އުފުލިފައިވާ އެންމެ މައްޗަށް އުފުލިފައެވެ. ދަރަންޏާއި އިޤްތިޞާދީ އުފެއްދުންތެރިކަން ވަނީ ގާތްގަނޑަކަށް އެއްހަމަވެފައެވެ. ޚަރަދު ބޮޑުވެ ދިރިއުޅުމުގެ ފެންވަރު ވަނީ ދަށްވެފައެވެ. އާންމު ޚިދުމަތްތަކުގެ ފެންވަރު ވެއްޓިފައިވާއިރު، އެންމެ ބޮޑަށް ފެންވަރު ދަށްވެފައިވާ ދާއިރާތަކުގެ ތެރޭގައި ޞިއްޙީ ޚިދުމަތްތަކުގެ ދާއިރާ ހިމެނެއެވެ.

"އަޅުގަނޑު [ލޭބަރއަށް އަދި ސްޓާމަރއަށް] ވޯޓުލީ ލޭބަރ ޕާޓީއަށް އޮތް ލޯތްބެއްގެ ސަބަބަކުން ނޫން. ނަމަވެސް, ބަދަލަކަށް ބޭނުންވެފައިވާތީ،" އިންތިޚާބުގައި ވޯޓުލި 28 އަހަރުގެ އެލީ އޮކޮނެލް ބުންޏެވެ. މިއީ, އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް ސްޓާމަރ އިންތިޚާބު ކުރުމަށް އޭނާއަށް ވޯޓުދިން ގިނަ މީހުންގެ ވިސްނުން ހުރި ގޮތް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ. އަދި, ސްޓާމަރ ވަނީ އެ ވިސްނުން ޙަޤީޤަތަކަށް ހައްދަވައިދެއްވަން މަސައްކަތް ކުރައްވަން ވަޢުދުވެ ވަޑައިގަންނަވާފައެވެ.