ޚަބަރު

ކޮލަމްބިއާއިން 8 ޓަނުގެ މަސްތުވާތަކެތި އަތުލައިގަނެފި


ކޮލަމްބިއާ ޕޮލިހުން ހިންގި ޚާއްސަ އޮޕަރޭޝަންތަކެއްގައި 8 ޓަނަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް އެޤައުމުން ހާމަކޮށްފިއެވެ.

ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ "ކްލޭން އުސުގާ" ނަމަކަށްކިޔާ ޖަމާއަތަކާއި ދެކޮޅަށް ހިންގި މިއޮޕަރޭޝަނުގައި އަތުލައިގަނެފައިވަނީ މަސްތުވާތަކެތީ ބާވަތެއްކަމަށްވާ ކޮކެއިންކަމަށާއި އޭގެ ބަރުދަނުގައި ސަތާރަ ހާސް ފަސްސަތޭކަ ޕައުންޑް ނުވަތަ 8 ޓަނު ހުންނާނެކަމަށް ކޮލަމްބިއާގެ އޮފިޝަލުންނާއި ހަވާލާދީ ޚަބަރުތައް ބުނެއެވެ.

ކޮލަމްބިއާ ސަރުކާރުން ހާމަކުރާ ގޮތުގައި މިއީ އެގައުމުގެ ތާރީހުގައި އެއްފަހަރާ އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަނެވުނު ފަހަރެވެ. އަދި އެކަމަށްޓަކައި މިއޮޕަރޭޝަން ހިންގި ފުލުހުންނަށް އެޤައުމުގެ ރައީސް ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

ފުލުހުން ހިންގި އޮޕަރޭޝަނުގައި ހަތަރު މީހަކު ހަތިޔާރާއެކު ހައްޔަރުކޮށްފައިވާކަމަށް ޙަބަރުތައް ބުނެއެވެ.

ޙަބަރުތައް ބުނާގޮތުން "ކްލޭން އުސުގާ" އަކީ ކޮލަމްބިއާގައި ބޮޑެތި ޖަރީމާތައް ހިންގާ އެންމެ ނުރައްކާތެރި އެއް ޖަމާއަތެވެ. އަދި އެމެރިކާއިން ސިފަކުރާ ގޮތުގައި އެޖަމާއަތަކީ ކޮލަމްބިއާގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު އަދި އެންމެ ނުފޫޒުގަދަ ޖަމާއަތެވެ. މިގްރޫޕުގެ ލީޑަރު ހޯދުމަށް އެހީތެރިވާ ފަރާތަކަށްވެސް 5 މިލިއަން ޑޮލަރުގެ އިނާމެއް އެމެރިކާއިން ވަނީ ހުށަހަޅާފައެވެ.