ޚަބަރު

އީރާނުގެ އައު ރައީސަކީ މެދުމިނުގެ ސިޔާސަތުތަކުގެ ޕީޒިޝްކިޔާން


އީރާނުގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ކާމިޔާބު ކުރައްވައި, މެދުމިނުގެ ސިޔާސަތުތަކަށް ތާޢީދު ކުރައްވާ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު މަސްޢޫދު ޕީޒިޝްކިޔާން ކުރި ހޯއްދަވައިފިއެވެ. އިންތިޚާބުގައި އޭނާ ވާދަ ކުރައްވާފައި ވަނީ އީރާނުގެ އިސް ނިއުކްލިޔަރ ނެގޯޝިއޭޓަރ ކަމުގެ މަޤާމު ފުރުއްވާފައިވާ ސަޢީދު ޖަލީލީއާއެވެ.

އިންތިޚާބުގައި ކުރި ހޯއްދެވީ ޕީޒިޝްކިޔާން ކަން އިޢުލާނު ކޮށްފައި ވަނީ އީރާނުގެ ދާޚިލީ ވުޒާރާއިންނެވެ. "އިންތިޚާބުގައި ވޯޓުލި މީހުންގެ ބޮޑު އަޢުލަބިއްޔަތަކުން އީރާނުގެ އައު ރައީސް ކަމުގެ މަޤާމަށް އިންތިޚާބުވެ ވަޑައިގަތީ ޕީޒިޝްކިޔާން،" އެ ވުޒާރާއިން ހާމަކުރިއެވެ.

ޖޫން 28ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ހަތަރު ކެނޑިޑޭޓުން ވާދަ ކުރައްވާފައިވާއިރު, އޭގެ ތެރެއިން މެދުމިނުގެ ސިޔާސަތުތަކެއް ކުރިއަރުވާފައިވާ ހަމައެކަނި ކެނޑިޑޭޓަކީ ޕީޒިޝްކިޔާނެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ލާފައި ވަނީ, އެ ކަމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން އެންމެ 40 އިންސައްތައެވެ. ނަމަވެސް, ދެވަނަ ބުރުގައި މި ޢަދަދު 50 އިންސައްތައަށް އުފުލުނެވެ. ޕީޒިޝްކިޔާނާއި ޖަލީލީއާ ދެމެދު ކުރިއަށް ދިޔައީ ވަރަށް ވާދަވެރި އިންތިޚާބެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.

ޕީޒިޝްކިޔާން ގިނަ ބަޔެއްގެ ތާޢީދު ލިބިފައި މި ވަނީ, އޭނާ އިސްކުރައްވަން ވަޢުދުވެ ވަޑައިގަންނަވާފައިވާ މެދުމިނުގެ ސިޔާސަތުތަކުގެ ސަބަބުން ކަމަށް ބެލެވެއެވެ. އޭނާގެ ވަޢުދުތަކުގެ ތެރޭގައި އީރާން ދުނިޔެއަށް ހުޅުވައިލުމާއި, އީރާނުގެ ރައްޔިތުން އެދޭ މިނިވަން ކަން ކަށަވަރު ކޮށްދެއްވުން ހިމެނެއެވެ. އޭގެ ބަދަލުގައި ޖަލީލީ ކުރިއަރުވަން މަސައްކަތް ކުރައްވާފައި ވަނީ ހަރުކަށި ފިކުރުތަކެކެވެ. އޭގެ ތެރޭގައި ހުޅަނގުގެ ސިޔާސަތުތަކާ ދެކޮޅު ޚިޔާލުތައް ހިމެނެއެވެ.

އިންތިޚާބުގައި ޕީޒިޝްކިޔާން ކުރި ހޯއްދަވައި, އީރާނުގެ އައު ރައީސް ކަމުގެ މަޤާމު ކަށަވަރު ކުރެއްވުމާ އެކު އޭނާއަށް ތާޢީދު ކުރާ ގިނަ ޢަދަދެއްގެ ބަޔަކު ވަނީ މަގުތަކަށް ނިކުމެ, އުފާ ފާޅު ކުރަން ފަށާފައެވެ. އުފާ ފާޅު ކުރުމުގެ ހަރަކާތްތައް އެންމެ ފޯރި ގަދަވެފައި ވަނީ ޕީޒިޝްކިޔާންގެ އުފަން ރަށް, އުރްމިޔާގައެވެ. އުފާ ފާޅު ކުރުމަށް ބޭއްވި ހަރަކާތްތަކުގައި ބީޛިޝްކިޔާން ވެސް ބައިވެރި ވަޑައިގެންނެވިއެވެ.

އީރާނުގެ އައު ރައީސް ކަމުގެ މަޤާމަށް ޕީޒިޝްކިޔާން އިންތިޚާބުވެ ވަޑައިގެންނެވި ނަމަވެސް, އެއީ ރަމްޒީ މަޤާމެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ. ސަބަބަކީ, ސިޔާސަތުތައް ކަނޑައެޅުމުގެ އެންމެ ފަހުގެ ނިންމުން ނިންމުމުގެ ބާރު ލިބިވަޑައިގަންނަވަނީ އެ ޤައުމުގެ ރޫހީ އެންމެ މަތީ ވެރިޔާއަށެވެ. ނަމަވެސް, އެ މަޤާމަށް ބޭފުޅުން ޢައްޔަން ކުރުމުގައި ރައީސް ކަމުގެ މަޤާމުގައި ހުންނަވާ ބޭފުޅެއްގެ ދައުރު އޮވެއެވެ. އީރާނުގެ ރޫޙީ އެންމެ މަތީ ވެރިޔާގެ މަޤާމުގައި މި ވަގުތު ހުންނެވީ 85 އަހަރުގެ އާޔަތުالله ޢަލީ އަލް-ޚާމަންޢީއެވެ.

އީރާނުން އައު ރައީސަކު އިންތިޚާބު ކޮށްފައި ވަނީ މެދުއިރުމަތީގެ މަސްރަޙު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ލާއިންސާނީ ޢުދުވާންތަކެއް ހިންގަމުންދާ ވަގުތެއްގައެވެ. އަދި, އީރާނުން ހިންގާ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ކުރަމުންދާ ޔުރޭނިޔަމް މުއްސަނދި ކުރުމުގެ މަސައްކަތް މަޑުޖައްސައިލުމަށް ހުޅަނގުން އެ ޤައުމަށް ބާރު އަޅަމުންދާ ދަނޑިވަޅެއްގައެވެ.

ޕީޒިޝްކިޔާންގެ ވެރިކަމުގައި އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަކަށް ނުބެލެވެއެވެ. އަދި, މެދުއިރުމަތީގެ ޤައުމުތަކުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކާ އެކު އީރާނުން ބާއްވާ ކަމަށް ބުނެވޭ ގުޅުންތަކަށް ވެސް ބަދަލުތަކެއް ގެންނަވާނެ ކަމަށް ނުފެނެއެވެ. ސަބަބަކީ, އެ ފަދަ ނިންމުންތައް ނިންމަވާ ބާރަކީ އަލް-ޚާމަންޢީ ކަމަށްވުމެވެ. ނަމަވެސް, ޕީޒިޝްކިޔާންގެ ވެރި ކަމުގައި އީރާންގެ ޚާރިޖީ ސިޔާސަތުން ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.

އީރާނުުގައި އަވަސް ރިޔާސީ އިންތިޚާބެއް ބާއްވާފައި މި ވަނީ އެ މަޤާމުގައި ހުންނެވި އިބްރާހީމް ރައީސީ އަވަހާރަވުމާ ގުޅިގެންނެވެ. ރައީސީ އަވަހާރަވެފައި ވަނީ މޭ 19ވަނަ ދުވަހު, އޭނާ ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓުނު ހިތާމަވެރި ހާދިސާގައެވެ.

އޭނާއާ އެކު ދަތުރު ކުރައްވަމުން ގެންދެވި ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުއްލުހައްޔާނީއާއި, އީސްޓް އަޒަރްބައިޖާން ޕުރޮވިންސުގެ ގަވަރުނަރު މާލިކު ރަޙްމަތީއާއި, ތަބްރީޛް ސިޓީގެ ހުކުރު ނަމާދާ ބެހޭ އިސްވެރިޔާ މުޙައްމަދު ޢަލީ އަލް-ހާޝިމް ވެސް އެ ހާދިސާގައި އަވަހާރަވިއެވެ.