ޚަބަރު

ދަރަންޏާބެހޭ ބިލު ޤާނޫނަކަށްވުމުން ރައްޔިތުންގެ ނަމުގައި ނަގާ ދަރަނިތައް ރައްޔިތުންނަށް ސާފުވާނެ: މަމްދޫޙް


  • ދަރަންޏާބެހޭ ބިލާއެކު ކޮންމެ ކުއާޓާއެއްގައި ޑެޓް ބުލެޓިންއެއް ޝާއިއުކުރާނެ

  • ޑެޓް މެނޭޖުމަންޓާ ގުޅޭ އަހަރީ ރިޕޯޓެއް އެކުލަވާލައި މަޖިލީހަށް ހުށަހަޅަން ލާޒިމްކުރޭ

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާ ދަރަންޏާ ބެހޭ ބިލުގެ ސަބަބުން ރައްޔިތުންގެ ނަމުގައި ނަގާ ލޯނުތަކާއި، އެއިން ހާސިލްވާކަންކަން ރައްޔިތުންނަށް ސާފުވެގެންދާނެ ކަމަށް ފުނަދޫ ދައިރާގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ. މެންބަރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ބާބު ޕްރޮގްރާމުގައި ދަރަންޏާއި ބެހޭ ބިލާބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ދައުލަތުގެ ދަރަންޏާއި ބެހޭ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އިބްތިދާޢީ ބަހުސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ދިރާސާކުރުމަށް މަޖިލީހުގެ މާލީއްޔަތު ކޮމެޓީއަށް ވަނީ ފޮނުވާފައެވެ. މި ބިލު ހުށައެޅުއްވި މަޤްޞަދެއްކަމަށް ބަޔާންކޮށްފައިވަނީ ދައުލަތުގެ ދަރަނި ނެގުމާއި ބެލެހެއްޓުމާއި މެނޭޖުކުރުމާއި ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކުން ނަގާ ދަރަންޏަށް ދައުލަތުން ސޮވެރިން ގެރެންޓީ ދިނުމާއި ދައުލަތުގެ ދަރަންޏާ ބެހޭ މަޢުލޫމާތު ހާމަކުރުމެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މެންބަރު މުޙައްމަދު މަމްދޫހް ޕީއެސްއެމް ނިއުސްގެ ބާބު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މިއަދު ރާއްޖެއަށް ކުރިމަތިވި އިޤްތިޞާދީ ހާލަތު ކުރިމަތި ކުރުވި މައިގަނޑު ސަބަބަކީ ދަރަނިތައް ކަމަށެވެ. އެގޮތުން ދައުލަތުގެ ދަރަނި 120 ބިލިއަން ހުރަސްކޮށްފައިވާކަން މެންބަރު ފާހަގަކުރެއްވިއެވެ. މަމްދޫޙު ވިދާޅުވީ، 2022 އަދި 2023 ވަނަ އަހަރު އަންދާޒާ ކުރި އަދަދާއި ގާތައްވެސް ޓެކްސް ބޮޑުކުރުން ފިޔަވާ އާމްދަނީ އިތުރުކުރެވިފައި ނެތް ކަމަށެވެ. އޭގެ ސަބަބުން އާމްދަނީ އިތުރުނުވެ އިތުރު ލޯނުތަކެއް ނަގައި، ޚަރަދުތައް އެތައް ގުނައެއް އިތުރުވެގެން ދިޔަކަމަށް މަމްދޫޙު ވިދާޅުވިއެވެ.

ފުނަދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މާލީއްޔަތު ކޮމެޓީގައިވެސް އިންނަވާ މަމްދޫހު ވިދާޅުވީ ސަރުކާރުން މިހާރު ހުށަހަޅާފައިވާ ދަރަންޏާއި ބެހޭ ބިލުން ރައްޔިތުންގެ ނަމުގައި ނަގާ ލޯނުތަކުން ފުއްދޭ ކަންކަން ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވެގެން ދާނެ ކަމުގައެވެ.

"އެކަންތައް ޕަބްލިކް ކުރެވިގެންދާނެ ކޮންމެ ތިން މަހަކުން އަދި ކޮންމެ އަހަރެއް ނިންމާފައި. ރައްޔިތުންގެ ނަމުގައި ނެގޭ ލޯނެއްވީއްޔާ ރައްޔިތުންނަށް އެނގެންޖެހެނެ މި ލޯނެއް ނަގަނީ ކޮންކަމަކަށްތޯ. އެކަންތައް ފުދިގެންދޭތޯ. އެހުރިހާ ކަމެއް މި ބިލާއި އެކީގައި ސާފު ކުރެވިގެންދާނެ. " މަމްދޫހު ވިދާޅުވިއެވެ.

ދައުލަތުގެ ދަރަންޏާ ބެހޭ ބިލުގައި، ކަނޑައެޅޭ މުއްދަތުގެ ތެރޭގައި ދައުލަތުގެ ދަރަނީގެ ތަފްސީލް ހާމަކުރަންވާނެކަމަށް ބުނެފައިވެއެވެ. އެގޮތުން ކޮންމެ ކުއާޓަރެއް ނިމޭތާ 45 ދުވަހުގެ ތެރޭގައި ޑެޓް ބުލެޓިންއެއް ޝާއިއުކުރަންވާނެކަމަށާއި، އެގޮތުން ސަރުކާރުގެ ދަރަނީގެ ބާކީ ހުރި މިންވަރާއި އޭގައި އެކުލެވޭ ފައިސާގެ ބާވަތާއި، ދަރަނީގެ ޕޯޓްފޯލިއޯއަށް އޮތް ހިރާސްތަކާއި، ފާސްކޮށްފައިވާ ދައުލަތުގެ ދަރަނީގެ ސްޓްރެޓެޖީއާ އެއްގޮތަށް ކަންކަން ކުރިއަށްގޮސްފައިވާ މިންވަރު ހިމަނަންވާނެކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ދަރަނި ނުވަތަ ޑެޓް މެނޭޖުމަންޓާ ގުޅޭ އަހަރީ ރިޕޯޓެއް އެކުލަވާލައި އެ ރިޕޯޓު ވިދިގެން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރު ނިމޭތާ 30 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅައި މިނިސްޓްރީން ޢާންމުކޮށް ޝާއިއުކުރަންވާނެކަމަށްވެސް ބިލުގައިވެއެވެ.

މި ޤާނޫނާއެކު ލޯނުތައް ނެގުމާއި، ލޯނުތައް މެނޭޖުކޮށް ބެލުމަށް މިނިވަންކަން ލިބިގެންދާނެކަމަށް މަމްދޫހު ވިދާޅުވިއެވެ. އެގޮތުން މީގެ ކުރިން ވަކި ބަޔަކަށް ފައިދާވާ ގޮތަށް ލޯނުތައް ނަގައި މެނޭޖް ކުރެވުނު ނަމަވެސް، މި ބިލު ޤާނޫނަކަށްވުމުން އެކަން ބަދަލުވެގެންދާނެ މަމްދޫހް ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން މިހާރު މަޖިލީހަށް މައިގަނޑު ތިން ބިލެއް ހުށަހަޅާފައިވެއެވެ. އެއީ ދައުލަތުގެ ޚަރަދުތަކަށް ޒިންމާވުމުގެ ބިލާއި، ދަރަންޏާއި ބެހޭ ބިލުގެ އިތުރުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގެ ބިލެވެ.