ޚަބަރު

ފުވައްމުލަކު ބެލެނިވެރިންނަށް އެމްއެންޑީއެފުގެ ވޯކްޝޮޕެއް


އެމްއެންޑީއެފް ސަދަން އޭރިއާ އިން ޏ.ފުވައްމުލަކު ސްކޫލްތަކުގެ ދަރިވަރުންގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާބެހޭ ގޮތުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ހިންގަވައިފިއެވެ.

ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒުގައި ހިންގެވި މި ޕްރޮގްރާމްގައި ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިންނާއި، ހާފިޒް އަޙްމަދު ސްކޫލުގެ ބެލެނިވެރިންނާއި، މަދަރަސަތުލް ޝައިޚް މުޙައްމަދު ޖަމާލުއްދީން ސްކޫލުގެ ބެލެނިވެރިންގެ އިތުރުން، ފުވައްމުލަކު ސްކޫލުގެ ދަރިވަރުންގެ ބެލެނިވެރިންގެ ތެރެއިން 94 ބެލެނިވެރިއަކު ވަނީ ބައިވެރިފައެވެ. މިޕްރޮގްރާމްގައި އާއްމު ދިރިއުޅުމުގައި ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި، ކައްކާއިރު ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާބެހޭ ގޮތުންނާއި، ގޭސްފުޅި ގުޅާނެ ގޮތާއި، ގޭސްފުޅިއަށް މައްސަލައެއް ދިމާވެއްޖެނަމަ، އަމަލުކުރަންވީ ގޮތްތަކާބެހޭ ގޮތުންނާއި އަދި އަލިފާނުގެ ހާދިސާއެއް ގޭތެރޭގައި ނުވަތަ ބަދިގެތެރޭގައި ދިމާވެއްޖެ ހާލަތެއްގައި އަމަލު ކުރަންވީ ގޮތް އަމަލީ ގޮތުން ބައިވެރިންނަށް ވަނީ ދަސްކޮށްދެއްވާފައެވެ. 

މިޕްރޮގްރާމް ކުރިއަށްގެންދިއުމުގައި ހަރަކާތްތެރިވެވަޑައިގަތީ އެމްއެންޑީއެފް ސަދަން އޭރިއާގައި މަސައްކަތްކުރައްވާ އެމްއެންޑީއެފްގެ މުދައްރިބުންނެވެ.