ޚަބަރު

ޔޫކްރެއިންގެ ފެނާއި ކަރަންޓު ވިއުގަތަކަށް ރަޝިޔާގެ ވަރުގަދަ ޙަމަލާތަކެއް


ޔޫކްރެއިންގެ ދޮންޏެސްކަށް އަތްގަދަ ކުރުމަށް ރަޝިޔާގެ ފައުޖުތަކުން ދެމުންދާ ޙަމަލާތަކުގެ ތެރެއިން އެ ސަރަޙައްދުގެ ރަށެއް ކަމުގައިވާ ތޯރެތުސްކަށް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. ރަޝިޔާގެ ފައުޖުން މިހާރު ދަނީ ތޯރެތުސްކުގެ ރަށް ބޭރުގައި ހަރަކާތްތެރިވަމުންނެވެ. އަދި, އެ ރަށަށް އަތްގަދަ ކުރުމުގެ ބޭނުމުގައި, އެ ރަށް ދިފާޢު ކުރަން މަސައްކަތް ކުރަމުންދާ ޔޫކްރެއިންގެ ފައުޖުތަކަށް ޙަމަލާތައް އަމާޒު ކުރަމުންނެވެ.

އެ ޙަމަލާތަކުން ސަލާމަތް ވާން, އަމިއްލަ ވަޒަން ދޫކޮށް ދާން ބޭނުންވެފައިވާ މީހުންނަށް ވަނީ ވަގުތު ކުޑަތަންވެފައެވެ. ރަޝިޔާގެ ޙަމަލާތަކުގައި ތޯރެތުސްކުގެ ބޮޑު ސަރަޙައްދެއް ވަނީ ސުންނާފަތި ކޮށްލާފައެވެ. އެ ރަށުގެ އަހުލުވެރިންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަަޔަކު މިހާރު ވެސް ވަނީ އެ ރަށް ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައެވެ. ނަމަވެސް, އެ ރަށުގައި އަދިވެސް ގިނަ ޢަދަދެއްގެ ބަޔަކު މަޑުކޮށްގެން ތިބި ކަން ފާހަގަވެއެވެ.

އެ ރަށުން ފައިބަން ދެކޮޅު ހަދަމުންދާ މީހުންގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ. ނަމަވެސް, ޔޫކްރެއިންގެ ފުލުހުން ދަނީ އެ ރަށުން ފައިބައި, ރައްކާތެރި ހިސާބުތަކަށް ދަތުރު ކުރަން އެ މީހުންނަށް އިރުޝާދު ދެމުންނެވެ. އަދި, އެ ކަމަށް ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ނަމަވެސް, އެ ކަމުގައި ޔޫކްރެއިންގެ ފުލުހުންނާއި އިޖުތިމާޢީ ޚިދުމަތްތެރިންނަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ތޯރެތުސްގައި މި ވަގުތު މަޑުކޮށްގެން ތިބި މީހުންގެ ތެރެއިން ގިނަ ބަޔަކު އަމިއްލަ ވަޒަން ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ބޭނުމެއް ނުވެއެވެ. ސަބަބަކީ, އަމިއްލަ ގެދޮރާއި ޢާއިލާގެ މެންބަރުންނާ ވަކިވާން ބޭނުން ނުވުމެވެ.

"އަޅުގަނޑުގެ ޢާއިލާގެ މެންބަރުންގެ ތެރެއިން ދުނިޔޭގައި މި ވަގުތު ހުރީ އަޅުގަނޑު އެކަނި. އެހެން އެންމެން މަރުވެއްޖެ. ކޮންމެ ރެޔަކު މި ރަށް މަތިން އަސްކަރީ މަތިންދާބޯޓުތައް ދަތުރު ކުރޭ. ޙަމަލާދޭ. ފާއިތުވި ދެ ދުވަހު ދީފައިވާ ޙަމަލާތައް އިތުރު،" ތޯރެތްސްކުގައި ދިރިއުޅޭ 75 އަހަރުގެ ވަލެންޓީނާ ކިޔާ އަންހެނަކު ބުންޏެވެ. މި ފަދަ 5,000އެއްހާ މީހުން އަދިވެސް ތޮރެތުސްކުގައި ތިބި ކަމަށް ޔޫކްރެއިންގެ އިދާރާތަކުން އަންދާޒާ ކުރެެއެވެ.

ތޯރެތުސްކުގެ އިތުރުން ޔޫކްރެއިންގެ އިރުއުތުރުގައި އޮންނަ ސޫމީއަށް ވެސް ރަޝިޔާގެ ފައުޖުތަކުން ދަނީ ވަރުގަދަ ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ. ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނީ, އެ ޤައުމުގެ 12 ސަރަޙައްދަކަށް ޙަމަލާ ދޭން ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ރަޝިޔާއިން ބޭނުން ކުރި 27 ޑްރޯނެއްގެ ތެރެއިން 24 ޑްރޯނެއް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ.

ނަމަވެސް, ރަޝިޔާގެ ޙަމަލާތަކުގައި ސޫމީއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެ ގޮތުން, އެ ރަށަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުން ކުރާ އިންޖީނުގެތަކާއި ކަރަންޓު ވިއުގައަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު, އެ ރަށުގެ ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ. އަދި, ސޫމީގެ ގެދޮރަށް ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމަށް ވެސް ވަނީ ހުއްޓުން އައިސްފައެވެ. އެ ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ އުކްރެނެރްހޯން ބުނީ, ޚިދުމަތް ކެނޑިފައިވާ ސަރަޙައްދުތަކަށް އަލުން ޚިދުމަތް ގުޅައިދޭން މަސައްކަތް ކުރަމުންދާ ކަމުގައެވެ.

މި އަހަރުގެ މާރިޗު މަހަށް ފަހު, ޔޫކްރެއިންގެ ކަރަންޓު ވިއުގައަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް ރަޝިޔާއިން އިތުރު ކޮށްފައިވާ ކަން ފާހަގަ ކުރެވެއެވެ. އެ ޙަމަލާތަކުގައި އެ ޤައުމުގެ އިންޖީނުގެތަކާއި ޖަނަރޭޓަރުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މިއާ އެކު, ޔޫކްރެއިންގެ ބައެއް ސަރަޙައްދުތަކަށް ދުވާލު ވަގުތުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ހުރަސް އެޅިފައެވެ.

ޔޫކްރެއިންގެ ވެރިރަށް ކީވާއި, އެ ރަށާ އިންވެގެން އޮތް ބައެއް ސަރަޙައްދުތަކުން ވެސް ފެނުގެ ޚިދުމަތް ކެނޑިފައިވާ ކަމުގައި އެ ޤައުމުން ބުންޏެވެ. ޔޫކްރެއިންގެ ދަޢުލަތުގެ މީޑިޔާއިން ބުނީ, ކީވްގެ ރަށް ބޭރުގައި އޮންނަ ސަރަޙައްދުތަކަށް ރަޝިޔާގެ ފައުޖުތަކުން ވަރުގަދަ ޙަމަލާތަކެއް ދީފައިވާ ކަމުގައެވެ. އެ ސަރަޙައްދުތަކުން ފެނުގެ ޚިދުމަތް ކެނޑިފައި ވަނީ މި ޙަމަލާތަކާ ގުޅިގެން ކަމަށް ބެލެވެއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށީ 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. ހަނގުރާމައިގެ ތެރެއިން ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ޔޫކްރެއިންގެ ސަރަޙައްދުތަކުގެ ތެރޭގައި ދޮންބާސްގައި އޮންނަ ދޮންޏެސްކާއި ލުހާންސްކްގެ އިތުރުން ދެކުނުގައި އޮންނަ ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ހިމެނެއެވެ. މީގެ އިތުރުން, ޔޫކްރެއިންގެ އެންމެ ދެކުނުން އޮންނަ ކްރައިމިޔާއަކީ ރަޝިޔާއިން 2014ވަނަ އަހަރު އަތްގަދަ ކޮށްފައިވާ ސަރަޙައްދެކެވެ.