އިންޑިއާގެ ޖައިޕޫރުގައި ބާއްވާ އައިއެޗްއެފް ޓްރޮފީގައި ވާދަކުރާ 20 އަހަރުން ދަށާއި 18 އަހަރުން ދަށުގެ ގައުމީ ފިރިހެން ޓީމްގެ ކުޅުންތެރިންނަށް ޖާރޒީ ހަވާލުކޮށްފިއެވެ.
ސަރަހައްދީ އަށް ގައުމު ވާދަކުރާ މި ދެ މުބާރާތް ކުރިއަށްދާނީ މި މަހުގެ 10-14 ގެ ނިޔަލަށެވެ. ރާއްޖެއިން ވާދަކުރާ ދެ ޓީމަށް ޖާރޒީ ހަވާލުކުރުމަށް ހޮނިހިރު ދުވަހު ސޯޝަލް ސެންޓަރުގައި ވަނީ ޙާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ، ކުޅުންތެރިންނަށް ޖާރޒީ ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. މީގެއިތުރުން ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖްތަބާވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ރާފިއު ވިދާޅުވީ, އެންމެން އެއް އަޒުމެއްގައި ވާދަވެރި ޓީމުތައް ބަލިކޮށް މުބާރާތުގައި ކާމިޔާބު ހޯދުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށާއި މެޑަލާއި ވަނަތައް ހޯދުމަށް އެތުލީޓުންނަކީ އަހުލާގު ރަނގަޅު ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޭޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖްތަބާ ވިދާޅުވީ, އައިއެޗްއެފް ޓްރޮފީއަށް ހޭންޑްބޯލް ޓީމް މިފަހަރު ދަނީ މެޑަލެއް ހޯދުމުގެ އުއްމީދުގައި ކަމަށާއި މިއަހަރުގެ މުބާރާތާއެކު އަންނަ އަހަރުގެ މުބާރާތުގެ ތައްޔާރީތައްވެސް މިހާރު ފަށާފައިވާ ކަމަށެވެ.
މުބާރާތުގައި ވާދަކުރުމަށް ގައުމީ ޓީމު އިންޑިއާއަށް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަދުވަހު އެވެ.