ޚަބަރު

އިސްރާއީލާއެކު މަޝްވަރާކުރުން ހުއްޓައެއްނުލާން- ފަލަސްތީން


އިސްރާއީލުގެ އަނިޔާވެރި އަމަލުތަކާއެކުވެސް އަމަނާބެހޭ ކަންކަމުގައި އިސްރާއީލާއެކު ވިލަރެސް ކުރުމުގެ ކަންތައް ފަލަސްތީނުން ހުއްޓާނުލާކަމަށް ފަލަސްތީނުގެ ބޮޑުވަޒީރު ރާމީ ހަމްދުﷲ ވިދާޅުވެއްޖެެއެވެ. 

ރަމަﷲ ގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ހަމްދުﷲ ވިދާޅުވީ އަމަނާބެހޭ ކަންކަމުގައި އިސްރާއީލާއެކު ވިލަރެސް ކުރުން ހުއްޓާލުމަށް ޕެލަސްޓައިން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) ގެ ގަރާރަކުން ދާދިފަހުން ނިންމާފައިވާ ކަމަށާ ނަމަވެސް އެ ގަރާރަށް އަދި މިހާތަނަށް އަމަލީ ސިފަ ގެނަސްފައިނުވާނެ ކަމަށެވެ. ނަމަވެސް ޕީއެލްއޯ ގެ ގަރާރު ތަންފީޒު ކުރުމަށް ބޭނުންވާ މެކޭނިޒަމް އެކުލަވާލައި އެމެކޭނިޒަމް ފަލަސްތީނުގެ ވަޒީރުންގެ މަޖިލީހުން ފާސްކުރުމުން އަމަނާބެހޭ ކަންކަމުގައި އިސްރާއީލާއެކު ވިލަރެސް ކުރުން ހުއްޓާލާނެ ކަމަށް ހަމްދުﷲ ވިދާޅުވިއެވެ. 

ހިފާފައިވާ ބިންތަކުގެ އަމަނާބެހޭ ކަންކަމުގައި އިސްރާއީލާއެކު ވިލަރެސް ކުރުން ފަލަސްތީނުން ހުއްޓާލައިފިނަމަ އިސްރާއީލަށް ކެތް ނުކުރެވޭފަދަ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެންދާނެކަމަށް ތަޖްރިބާކާރުން ދެކެއެވެ.