ހުޅުމާލޭގައި ފުލުހުން ދިރިއުޅޭ އެޕާޓްމަންޓަކަށް ވަދެ، ފުލުހެއްގެ ޢާއިލާއަށް ބަޔަކު ގެއްލުން ދިން މައްސަލައެއް ތަޙުޤީޤުކުރަން ފަށައިފިއެވެ.
ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ ފުލުހެއްގެ ޢާއިލާއަށް ބަޔަކު ގެއްލުން ދިން މައްސަލައެއް ތަޙުޤީޤުކުރަމުންދާ ކަމަށެވެ. ޝިފާން މިހެން ވިދާޅުވެފައިވަނީ އެކްސްގައި މީހަކު ކުރި ޕޯސްޓަކަށް ޖަވާބުދެއްވަމުންނެވެ.
އެކްސްގައި ކޮށްފައިވާ އެ ޕޯސްޓުގައިވަނީ ކްރިމިނިލް ކޯޓުގައި މިހާރު ހިނގަމުންދާ ޑްރަގްގެ މައްސަލައެއްގައި ތުހުމަތުވާ ބަޔަކު، ހުޅުމާލޭގައި އުޅޭ ފޮރެންސިކް ފުލުހެއްގެ ޢާއިލާގެ މެންބަރަކަށް އަނިޔާކޮށްފައިވާ ކަމަށެވެ.
މި ޕޯސްޓާ ގުޅިގެން ޝިފާން ވިދާޅުވީ މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށާއި ފުލުހުން ދިރިއުޅޭ އެޕާޓްމަންޓަށް ބަޔަކު ވަދެ، ކުށުގެ ޢަމަލެއް ހިންގާފައިވާކަމުގެ އެއްވެސް ހެއްކެއް އަދި ނެތް ކަމަށެވެ.
Hulhumale' police is currently investigating this incident. So far, there is no evidence that any gang related criminal activity has occurred at the Police Apartment Residence in Hulhumale. https://t.co/FNL1cIOIWQ
— Ahmed Shifan (@Shifan4040) July 6, 2024
ފުލުހުންނަށް ބިރުދައްކާ، ފުލުހުންނަށާއި އެމީހުންގެ ޢާއިލާތަކަށް ގެއްލުންދޭ މައްސަލަތަށް މަދުން ނަމަވެސް ފެން މަތިވެއެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި ފުލުހުންތަކަކަށް ވަޅިން ބިރު ދެއްކި 3 މީހަކު ހައްޔަރުކޮށްފައިވެއެވެ.