ޚަބަރު

"ފަހި 913" ފުޓްސަލް މުބާރާތް ފަށައިފި


ފަހި 913 ކުޅިވަރު ފެސްޓިވަލްގައި ހިމެނޭ ފުޓްސެލް މުބާރާތް މިއަދު ފަށައިފިއެވެ. 

މުބާރާތް ފައްޓަވައިދެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރުއެވެ. ފެސްޓިވަލް މާދަމާ ކުރިއަށްގެންދަން އޮތްނަމަވެސް ފުޓްސެލް މުބާރާތް މިއަދު ފެށީ އެއްދުވަހުގެ ތެރޭގައި ނިންމާލެވޭވަރަށްވުރެ ފުޓްސެލް މުބާރާތުގައި ވާދަކުރާ ޓީމްތަކާއި މެޗުތައް ގިނަވުމުންނެވެ. މިމުބާރާތުގައި އަށާރަ ޓީމް ވާދަކުރެއެވެ. އެއީ ފިރިހެން ބާރަ ޓީމް އަދި އަންހެން ހަ ޓީމެވެ. މުބާރާތުގެ ފިރިހެން ބައިގެ ފުރަތަމަ މެޗު އެޗްޑީސީއާއި ވާދަކޮށް އެކެއް ސުމަކުން ކާމިޔާބުކުރީ އެމް.ޑަބްލިޔު.އެސް.ސީއެވެ. 

ދެވަނަ މެޗު އެމްޓީސީސީއާއި ވާދަކޮށް، ސްޓެލްކޯ ކާމިޔާބުކުރީ ހައެއް އެކަކުންނެވެ. ތިންވަނަ މެޗުގައި ވާދަކުރީ މޯލްޑިވިއަންއާއި އިމިގްރޭޝަނެވެ. މިމެޗު ނިމުނީ އެކެއް އެކަކުން އެއްވަރުވެގެންނެވެ. 

އެމްއާރުޑީސީއާއި ވާދަކޮށް ފެނަކަ ވަނީ ހައެއް ތިނަކުން މެޗު ކާމިޔާބުކޮށްފައެވެ. ފިރިހެން ބައިގައި ވާދަކުރާ ބާރަ ޓީމް ވަނީ ހަތަރު ގްރޫޕަށް ބަހާލާފައެވެ. ކްއާޓަރ ފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުން ދެޓީމެވެ. އަންހެން ބައިގައި ވާދަކުރާ ހަ ޓީމް ބަހާލާފައިވަނީ ދެ ގްރޫޕަކަށެވެ. ކޮންމެ ގްރޫޕެއްގެ އެއްވަނައާއި ދެވަނަ ދާނީ ސެމީފައިނަލަށެވެ. ފުޓްސެލްގެ އިތުރުން މިފެސްޓިވަލްގައި ހިމެނޭ ކުޅިވަރު މުބާރާތްތަކަކީ ތްރީ އޮން ތްރީ ބާސްކެޓް، ބަށި، ނެޓްބޯޅަ، ހޭންޑްބޯޅަ އަދި ބައިބަލާއެވެ. 

ފެސްޓިވަލް ރަސްމީކޮށް ފަށާނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރުއެވެ. ކުޅިވަރު މުބާރާތްތަކުގެ ފައިނަލް މެޗުތައް ކުޅޭނީ މާދަމާރެއެވެ. ފެސްޓިވަލް ނިމޭނީވެސް މާދަމާރެއެވެ. މިއީ ރައީސް ޔާމީންގެ ރިޔާސީ ދައުރު ދެބައިވުން ފާހަގަކުރެއްވުމަށް ބާއްވާ ފެސްޓިވަލެކެވެ.