ޚަބަރު

ކްރިމިނަލް ކޯޓުގެ މައްސަލަތައް އަވަސްކުރެވޭނީ ޝަރީޢަތްތައް ވިދިވިދިގެން ބާއްވައިގެން: ސުޢޫދު


  • ކްރިމިނަލް ކޯޓުގައު ނުނިމި 2050 މައްސަލަ އެބައޮތް

  • ޢިމާރާތުގެ މައްސަލައަކީވެސް މައްސަލަތައް ލަސްވާ ސަބަބެއް

ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލަތައް އަވަސް ކުރެވޭނީ މިހާރު އެކޯޓުގައި މައްސަލަތައް ހިނގަމުންދާގޮތަށް ބަދަލު ގެނެސްގެންކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސްނުއްސުޢޫދު ވިދާޅުވެއްޖެއެވެ. ސުޕްރީމް ކޯޓުގެ ފަރާތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގައިވެސް އިންނަވާ މެންބަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކްރިމިނަލް ކޯޓުން ބަލަމުންދާ މައްސަލަތައް ލަސްވެ ފުނިޖެހިފައިވާ މައްސަލައަކީ އަބަދުވެސް އެކޯޓުގައި އޮންނަ މައްސަލައެކެވެ. ޚާއްޞަކޮށް އެކޯޓަށް ދާއިމީ ޢިމާރާތެއް ނެތުމުން، ޝަރީޢަތް ނުބޭއްވި ލަސްވެފައިވެއެވެ. ކްރިމިނަލް ކޯޓަށް ހުށަހެޅި މިހާތަނަށް ނުނިމި 2050 މައްސަލަ އެބައޮތެވެ.

ކްރިމިނަލް ކޯޓުގެ ކޮންމެ ޤާޒީއެއްގެ އަތްޕުޅުގައި މިހާރުވެސް 200އަށް ވުރެ ގިނަ މައްސަލަ ހުރިކަން ކްރިމިނަލް ކޯޓުން ކޮމިޓީގައި ފާހަގަކުރައްވާފައިވެއެވެ. މިމައްސަލަތައް އަވަސްކުރަން ކްރިމިނަލް ކޯޓަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާކަން ފާހަގަ ކުރައްވާ އެކޯޓުން ވިދާޅުވީ، މިހާރުވެސް ދުވާލެއްގެ މައްޗަށް 75 މައްސަލައާއި 85 މައްސަލައާއި ދެމެދުގެ އަދަދަކަށް މައްސަލަތައް ޝެޑިއުލްކުރެވޭ ކަމަށެވެ. ކްރިމިނަލް ކޯޓުން ވަނީ އެ ކޯޓުން މިހާރު ބަލަމުންދާ މައްސަލަތަކުގެ ތެރެއިން 150 އެއްހައި މައްސަލައަކީ 3 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތައް ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް މިމައްސަލަތައް ޝެޑިއުލްކުރެވުނަސް، މައްސަލައިގެ ހިމެނޭ މީހުންނާއި، އެ މައްސަލައިގެ ހެކިވެރިން ހާޒިރުނުވުމުން ޝެޑިއުލްތަކާއި އެއްގޮތަށް މަސައްކަތް ނުކުރެވޭ ކަމަށެވެ. މީގެ އިތުރުން މިހާރު އެ ކޯޓަށް ދިމާވެފައިވާ އިމާރާތުގެ މައްސަލައާއެކު ޝަރީޢަތްތައް ވަރަށް ބޮޑަށް ލަސްވެގެން ގޮސްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ. ކޯޓުގެ ޝަރީއަތް މިހާރު ކުރިއަށް ގެންދަނީ މާލެ އަދި ހުޅުމާލޭގައެވެ.

މިކަންކަމަށް އިޝަރާތްކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުޢޫދު ވިދާޅުވީ، ކޯޓު ޢިމާރާތުގެ މައްސަލައަކީ އެކޯޓުން ބަލަމުންދާ މައްސަލަތައް ލަސްވުމުގެ 50 އިންސައްތަ މައްސަލަކަމަށެވެ. ނަމަވެސް އެކޯޓުގެ މައްސަލަތައް ބަލާ ގޮތަށް ބަދަލު ގެނެސްގެން މައްސަލަތައް އަވަސް ކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަަމަށް ފަނޑިޔާރު ސުޢޫދު ވިދާޅުވިއެވެ.

"ޢިމާރާތަކީ މައްސަލަތައް ލަސްވުމުގެ މުޅި މައްސަލައެއް ނޫން. އޭގެ 50 އިންސައްތަ އަޅުގަނޑަށް ދެންނެވިދާނެ އިމާރާތްތަކާއި ވަސީލަތްތައް ނެތުން. އެހެންނަމަވެސް ސްޓްރަކްޗަރަލީ ޝަރީއަތް ކުރުމުގެ ގެންގުޅެންޖެހޭ ވަސީލަތްތަކާއި އެކު، ބާކީ އޮތް 50 އިންސައްތަ ޙައްލު ކުރެވިދާނެ." ފަނޑިޔާރު ސުޢޫދު ވިދާޅުވިއެވެ.

ފަނޑިޔާރު ސުޢޫދު ހުށަހެޅުއްވީ ޝަރީޢަތްތައް ލަސްވާ މައްސަލައަށް އޮތް އެއް ހައްލަކީ މައްސަލަތައް ވިދިވިދިގެން ޝެޑިއުލްކުރެވިގެން ބޭއްވުމެވެ. އެގޮތުން ވާނުވާ ބަނދުގައި ގިނައިން ތިބެނީ މާރާމާރީއާއި، ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތާއި، މަރުގެ މައްސަލަ ފަދަ ބޮޑެތި މައްސަލަތަކުގައި ހިމެނޭ މީހުން ކަމަށްވާއިރު، އެ މައްސަލަތަކަކީ މެދުނުކެނޑި ކުރިއަށްގެންދެވޭ ޝަރީއަތެއްގެ ގޮތުގައި ގެންދެވިދާނެ މައްސަލަތަކެއްކަމަށެވެ. އެގޮތުން އެއީ ވިދިވިދިގެން 3 ދުވަހު ޝަރީއަތް ބާއްވައިގެން އަވަހަށް ނިންމޭނެ މައްސަލަތަކެއް ކަމަށް ސުޢޫދު ވިދާޅުވިއެވެ.

މީގެ އިތުރުން ޤާނޫނު އިސްލާހުކޮށްގެން މިހާރު ތިބި ކޮންމެ ޤާޒީއަކަށް މެޖިސްޓްރޭޓް ލެވެލްގެ އެހީތެރިއެއް ލައިގެން އިބްތިދާޢީ މަރުހަލާގައި ކުރަން ޖެހޭ މަސައްކަތްތައް އެސިސްޓެންޓް މެޖިސްޓްރޭޓް ލެވެލްގެ ފަނޑިޔާރެއް ކުރެއްވުމަށް ސުޢޫދު ވަނީ ހުށައަޅުއްވާފައެވެ. މިއާއެކު އަސްލު ޝަރީއަތް ޤާޒީ ކުރިއަށް ގެންދިއުމުން މައްސަލަތައް އަވަސް ކުރެވިދާނެކަމަށްވެސް ސުޢޫދު ވިދާޅުވިއެވެ.

މިމައްސަލައިގައި ކްރިމިނަލް ކޯޓުގެ ރެޖިސްޓްރާ ހަސަން ރަޝީދު ވިދާޅުވީ، ކޯޓަށް ލިބެންޖެހޭ ހުރިހާ ވަސީލަތެއް ލިބިއްޖެނަމަ، އަހަރެއްހާ ދުވަހުގެ ތެރޭގައި މިހާރު އޮތް ބެކްލޮގް ކްލިއަރ ކުރާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ގިނަ ޝަރީއަތްތައް މިހާރު ކުރިއަށްގެންދަނީ ހުޅުމާލޭގައި ހުރި ޢިމާރާތުގައެވެ. ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ހުޅުމާލޭގައި ކުރިއަށްގެންދަން އެ ކޯޓުން ނިންމާފައި މިވަނީ ޖާގައިގެ ދަތިކަމުގެ މައްސަލަ އެ ކޯޓަަށް ވަރަށް ބޮޑަށް ކުރިމަތިވެފައިވާތީއެވެ.