ޚަބަރު

މުސްލިމުންނާ ދެކޮޅު އާރްއެނުން ކުރި ހޯދާނެ ކަމަށް ބެލެވޭ އިންތިޚާބުގެ ވޯޓުލުން ފަރަންސޭސިވިލާތުގައި ފެށިއްޖެ


ފަރަންސޭސިވިލާތުގެ ޢާންމު އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށިއްޖެއެވެ. ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާ ދައްކަނީ އިދިކޮޅު ނޭޝަނަލް ރެލީ (އާރްއެނު)ން އިންތިޚާބުގައި ކާމިޔާބީ ހޯދާ މަންޒަރެވެ. ނަމަވެސް, ސަރުކާރެއް އެކުލަވައިލަން ބޭނުން މިންވަރަކަށް އާރްއެނަށް ޤާނޫނު ހަދާ މަޖިލީހުން ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށް ނުބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.

އޮލިމްޕިކް ގޭމްސް ކުޅިވަރު މުބާރާތް ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުންދާ ދަނޑިވަޅުގައި އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ކުރި ނުލިބިއްޖެ ނަމަ, ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. އަދި, ރައީސް އިމަނުއެލް މެކްޚޮންގެ ސަރުކާރު ބާރުތައް ގެއްލި, ސަރުކާރުގެ ސިޔާސަތުތައް ކުރިއަރުވަން ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެއެވެ. ނަމަވެސް, އިދިކޮޅު ލީޑަރު މަރީން ލެ ޕެންގެ އާރްއެނަށް އިންތިޚާބުގައި އަޣުލަބިއްޔަތެއް ލިބިއްޖެ ނަމަ, އިންތިޚާބު ވެގެންދާނީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ކަނާތު ފިޔައިގެ ޕާޓީއަކަށް ފަރަންސޭސިވިލާތުގެ ވެރިކަމާ ހަވާލުވާ ފުރަތަމަ ފަހަރަށެވެ.

ރައީސް މެކްޚޮނާ ޚިލާފަށް ލެ ޕެންއަކީ ވިލާތުގެ އިއްތިހާދު (އީޔޫ)ގެ ބާރުތައް ފުޅާ ކުރުމާ ދެކޮޅު ބޭފުޅެކެވެ. އަދި, ވިޔަފާރީގެ ދާއިރާ ކުރިއަރުވަން މަސައްކަތް ކުރައްވާ މެކްޚޮނާއި ޚިލާފަށް, ލެ ޕެންއަކީ ޤައުމިއްޔަތު ދިރުވައި އާލާ ކުރައްވަން ވަކާލާތު ކުރައްވާ ބޭފުޅެކެވެ. އާރްއެނަކީ އިސްލާމް ދީނާއި, ފަރަންސޭސިވިލާތުގައި ދިރިއުޅޭ މުސްލިމުންނާ ދެކޮޅު ޕާޓީއެއްގެ ގޮތުގައި ވެސް ވަނީ ފާހަގަވެފައެވެ.

ޖޫން 30ގައި ފަރަންސޭސިވިލާތުގެ ބޭއްވި ޢާންމު އިންތިޚާބުގެ ފުރަތަމަ ބުރުގައި ލެ ޕެންގެ އާރްއެނުން ވަނީ ކުރި ހޯދާފައެވެ. ނަމަވެސް, 577 ގޮނޑީގެ ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ކާމިޔާބެއް ނުކުރެވުނެވެ. އެ ނަތީޖާއާ ގުޅިގެން ވެރިކަމުގައި އޮތް މެދުމިނުގެ ސިޔާސަތުތަކުގެ ޕާޓީތަކާއި ވައަތު ފިޔައިގެ ސިޔާސަތުތައް ކުރިއަރުވާ ޕާޓީތަކުން ވަނީ ގުޅިގެން މަސައްކަތް ކުރަން ފަށާފައެވެ. މިއާ އެކު, ލެ ޕެންގެ އާރްއެނަށް އިންތިޚާބުގެ ދެވަނަ ބުރުގައި ވެސް އަޣުލަބިއްޔަތު ހޯދުމުގެ ފުރުޞަތު ހަނިވެގެން ގޮސްފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.

ޤާނޫނު ހަދާ މަޖިލީހުގެ އަޢުލަބިއްޔަތު ހޯދަން ލެ ޕެންގެ އާރްއެނަށް މަދުވެގެން 289 ދާއިރާގެ ގޮނޑި ކާމިޔާބު ކުރަން ޖެހޭނެއެވެ. އަދި, ބޮޑުވަޒީރު ކަމުގެ މަޤާމު ކަށަވަރު ކުރަން ބޭނުންވާ މިންވަރަކަށް އިންތިޚާބުގެ ދެވަނަ ބުރުގައި ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށް އާރްއެންގެ ރައީސް ޖޯޑަން ބަރްޑެލާ ގަބޫލު ކުރައްވައެވެ. މިއާ އެކު, ފަރަންސޭސިވިލާތުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަަރާތަކުން ދެކެއެވެ.

ލެ ޕެންގެ އާރްއެނަށް އިންތިޚާބުގައި ކާމިޔާބީ ލިބުމަކީ, ފަރަންސޭސިވިލާތުން ބޮޑު އަނދަވަޅަކަށް ފުންމައިލުން ފަދަ ކަމެއްގެ ގޮތުގައި ވިލާތުގެ އިއްތިހާދުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމުގައިވާ ރަފަޔަލް ގްލޫކްސަން ގަބޫލު ކުރައްވައެވެ. ސަބަބަކީ, އާރްއެނަކީ ނަސްލީ ތަފާތު ކުރުންތަކަށް ތާޢީދު ކުރުމުގެ އިތުރުން 'އެންޓިސެމިޓިޒަމް' ނުވަތަ ޔަހޫދީންނާ ދެކޮޅު ސިޔާސަތުތަކަށް ވަކާލާތު ކުރުމުގެ ތާރީޚެއް އޮތް ޕާޓީއަކަށްވުމެވެ. ނަމަވެސް, 2022ގެ އިންތިޚާބުގައި އާރްއެނުން ކާމިޔާބު ކޮށްފައިވާ 89 ގޮނޑީގެ ދެގުނަ އިތުރަށް މި އިންތިޚާބުގައި އެ ޕާޓީއަށް ކާމިޔާބީ ލިބޭނެ ކަމަށް ބެލެވެއެވެ.

ލެ ޕެންގެ ޕާޓީން އިންތިޚާބުގައި ކުރި ހޯދައިފި ނަމަ, މިއީ ފަރަންސޭސިވިލާތުގެ މުސްލިމުންގެ އާބާދީއަށް ވެސް އޮތް ނުރައްކަލަކަށް ވާނެއެވެ. "އެއީ [އާރްއެނަކީ] އިސްލާމް ދީނާ ދެކޮޅު ބަޔެއް. އެ މީހުން މުސްލިމުންނަށް ނަފުރަތު ކުރޭ،" 28 އަހަރުގެ ސަލްމާ ބޫޒިޔާން ބުންޏެވެ. "އެ މީހުން ދެކޭ ގޮތުގައި, ފަރަންސޭސިވިލާތަށް ކުރިމަތިވެފައި އޮތް ހުރިހާ މައްސަލައެއްގެ އަޑީގައި އޮތީ އިސްލާމް ދީން. އެ މީހުންގެ ވެރިކަމެއްގައި މުސްލިމުންގެ އާބާދީއަށް ބޮޑެތި ދަތިތަކެއް ކުރިމަތި ކުރުވާނެ."

އިންތިޚާބުގައި މެކްޚޮންގެ ސަރުކާރަށް އޮތް ތާޢީދު ފަނޑުވެފައި ވަނީ, ތަކެތީގެ އަގުތަކާއި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލުމާއި, މެކްޚޮންގެ ސަރުކާރުގެ އިމިގްރޭޝަނާ ގުޅޭ ސިޔާސަތުތަކާ މެދު އޮތް ކަންބޮޑުވުންތަކުގެ ސަބަބުން ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ. އިންތިޚާބުގައި އާރްއެނަށް ކާމިޔާބީ ލިބިއްޖެ ނަމަ, 2027ވަނަ އަހަރު ރިޔާސީ ދައުރު ނިމުމަކަށް އަންނަ މެކްޚޮނަށް އެ މަޤާމު ދިފާޢު ކުރައްވަން ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. އަދި, ރައީސް ކަމުގެ މަޤާމަށް ހަތަރު ވަނަ ފަހަރަކަށް ވާދަ ކުރެއްވުމަށް ލެ ޕެން ހުންނެވީ ކެތްމަދުވެފައި ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.

އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށާފައި ވަނީ ފަރަންސޭސިވިލާތުގެ ގަޑިން ހެނދުނު 8 ޖެހިއިރުއެވެ. އަދި, ކުދި ރަށްތަކާއި އަވަށްތަކުގައި އިރުއޮއްސި 6 ޖަހާއިރު ވޯޓުފޮށިތައް ބަންދު ކުރަން ހަމަޖެހިފައިވާއިރު, ބޮޑެތި ރަށްތަކުގައި 8 ޖަހަންދެން ވޯޓުލުން ކުރިއަށް ދާނެއެވެ. ވޯޓުފޮށިތައް ބަންދު ކުރާ ހިސާބުން ފެށިގެން ނަތީޖާ އިޢުލާނު ކުރަން ފަށާނެ ކަމުގައި ފަރަންސޭސިވިލާތުގެ އިންތިޚާބީ އިދާރާއިން ބުންޏެވެ.