މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ހުސްވެފައިވާ ދާއިރާތަކާއި ރަށު ނައިބު ރައީސްކަމުގެ މަޤާމުތަކަށް ވާދަކުރަން ހުޅުވާލައިފިއެވެ.
އެމްޑީޕީގެ ހުސްވެފައިވާ ދާއިރާތަކާއި ރަށު ނައިބު ރައީސްކަމުގެ މަޤާމުގެ ބައި-އިލެކްޝަން އޮންނާނީ އަންނަ މަހުގެ 2 ވަނަ ދުވަހުއެވެ. އެމްޑީޕީން ވަނީ ޖުމްލަ 103 ރަށު ނައިބު ރައީސުންނާއި 13 ދާއިރާ ނައިބު ރައީސްކަމަށް ވާދަކުރަން ހުޅުވާލާފައެވެ.
އެމްޑީޕީގެ ދާއިރާތަކާއި ރަށު ނައިބު ރައީސްކަމުގެ މަޤާމަށް ކުރިމަތިލެވޭނީ މިމަހުގެ 1 ވަނަ ދުވަހާ ހަމައަށް އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަންގެ ދަފްތަރުވެފައިވާ މީހުންނަށެވެ. އަދި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ޕާޓީގެ އަސާސީ ގަވައިދާ ޚިލާފުވެފައިނުވާ މެންބަރަކަށްވާން ޖެހޭނެކަމަށް އެމްޑީޕީން ބުނެއެވެ.
މި މަޤާމުތަކަށް ކުރިމަތިލާން ބޭނުންވާ މެންބަރުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު، މިމަހުގެ 13 ވަނަ ދުވަހުގެ މެންދުރު ފަހު 2:00ގެ ކުރިން ހުށައެޅުމަށް އެމްޑީޕީން އެދެއެވެ. ބައި-އިލެކްޝަންތަކުގައި ވާދަކުރެވޭ މަޤާމުތަކުގެ ތަފްސީލް އެމްޑީޕީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށްވެސް އެޕާޓިން ބުންޏެވެ.
އެމްޑީޕީގެ ދާއިރާތަކާއި ރަށު ނައިބު ރައީސްކަމުގެ މަޤާމަށް ކުރިމަތިލާން މިހާރު ހުޅުވާލާފައިވާއިރު އެ ޕާޓީން ވަނީ ހުސްވެފައިވާ ދާއިރާތަކުގެ ރައީސްކަމަށް ކުރިމަތިލާންވެސް ހުޅުވާލާފައެވެ. އެގޮތުން ދާއިރާތަކުގެ ރައީސްކަމަށް ވާދަކުރަން ހުޅުވާލި މުއްދަތު މިއަދުގެ މެންދުރުފަހު 2:00 އަށް ވަނީ ހަމަވެފައެވެ.
އޮގަސްޓު މަހުގެ 2 ވަނަ ދުވަހު ޖުމްލަ 145 ބައި-އިލެކްޝަނެއް ބޭއްވުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.