ދުނިޔެ

ސޫރިޔާގައި ހާލުގައިޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދެނީ


ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ސަރަހައްދުތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި އެތަންތަނުގެ ރައްޔިތުންގެ ޙާލަތު ރަނގަނޅު ކުރުމަށް މަސައްކަތް ކުރަމުން ގެންދާކަން ސޫރިޔާ ސަރުކާރުން ހާމަކޮށްފިއެވެ.

ސޫރިޔާގެ އެތެރޭގެ އެއްބައިވަންތަކަމާބެހޭ ވަޒީރު ޢަލީ ހައިދަރު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ޙިސާރުކޮށްފައިވާ ސިޓީތަކާއި ވިލެޖްތަކުން ޙިސާރުގެ ފިޔަވަޅުތައް ނައްތާލައި އެތަންތަނަށް ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދިނުމަށް އެސަރަހައްދުތަކުގެ ރައްޔިތުންނާ ގުޅިގެން ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަމަށެވެ.

ސޫރިޔާގެ ދާޚިލީ އެއްބައިވަންތަކަމޭބެހޭ ވަޒީރު ޢަލީ ހައިދަރު މިހެން ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ޙިސާރުކޮށްފައިވާ ސޫރިޔާގެ ސިޓީތަކާއި ވިލެޖްތަކުގެ މަންދޫބުންނާއެކު ވެރިރަށް ދިމިޝްގުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ޙިސާރުގެ ދަށުގައިވާ ސިޓީތަކާއި ވިލެޖްތަކުގެ ރައްޔިތުން ދިރިއުޅޭ ނިކަމެތި ޙާލަތު ސަރުކާރަށް އެނގޭކަމަށާ ނަމަވެސް އެޙާލަތަށް އެތަންތަން ދިޔައީ އިދިކޮޅު ޖަމާއަތްތަކުން ސަރުކާރާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގެ ސަބަބުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަނގުރާމައިގެ ހާލަތުގައިވެސް ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށާ އެހެންކަމުން ޙިސާރުގެ ދަށުގައިވާ ސިޓީތަކާ އަދި ވިލެޖްތަކަށް ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދީ ޙިސާރުގެ ފިޔަވަޅުތައް ލުއިކުރެވޭނެ ގޮތްތަކެއް ސަރުކާރުން ހޯދަމުން ގެންދާކަމަށް ސޫރިޔާގެ ވަޒީރު ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14634614110078.jpg|ސޫރިޔާގެ ރެފިއުޖީ ކޭމްޕެއް- ފޮޓޯ: ޒިންހުއާ

ދާޚިލީ ހަނގުރާމައިގެ ސަބަބުން ޙިސާރުކޮށްފައިވާ ސޫރިޔާގެ ސިޓީތަކާއި ވިލެޖްތަކުގެ ރައްޔިތުން އުޅެންޖެހިފައިވަނީ ހައިހޫނުކަމުގެ ޙާލަތުގައި ކަމަށާ ބައެއް ވިލެޖްތަކުގައި ހައިހޫނުކަމާއި ބަލިމަޑުކަމުގެ ސަބަބުން ކުޑަކުދިންނާއި މުސްކުޅިން މަރުވަމުންދާކަމަށްވެސް އދ. ން ބުނެއެވެ. އަދި ޙިސާރުކޮށްފައިވާ ސަރަހައްދުތަކުގެ ހާލަތު މިހިސާބަށް ދިޔައީ އެސަރަހައްދުތަކަށް ކާބޯތަކެއްޗާއި ބޭހާއި އެނޫންވެސް އިންސާނީ އެހީ ފޯރުކޮށް ދިނުމުގައި ސޫރިޔާ ސަރުކާރުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ކަމަށްވެސް އދ. ގެ މަސްއޫލުވެރިން ވިދާޅުވެއެވެ.

ފަސްއަހަރުވީ ލޭއޮހޮރުވުން ބޮޑު ދާޚިލީ ހަނގުރާމައިގެ ސަބަބުން ސޫރިޔާގެ ރައްޔިތުންގެ ތެރެއިން ތިން ލައްކައަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ޒަޚަމްވެފައިވާ މީހުންގެ އަދަދުވެސް ދެމިލިޔަނަށްވުރެ ގިނައެވެ. އަދި ހަނގުރާމައިގެ ޙަމަލާތަކުގައި ޒަޚަމްވުމުގެ ސަބަބުން އަތްފައި ބުރިވެ ހަށިގަނޑުގެ ބައެއް ގުނަވަންތައް ގެއްލި ނުކުޅެދޭ ހާލަތަށްގޮސްފައިވާ މީހުންގެ އަދަދުވެސް ލައްކައިން ގުނާލެވެއެވެ. މީގެއިތުރުން ހަނގުރާމައިގެ ސަބަބުން ސޫރިޔާގެ ގިނަ ސިޓީތަކާއި ވިލެޖްތައް މުޅިން ހަލާކުވެ ސުންނާފަތިވެފައިވާއިރު ސޫރިޔާގެ އެއަރޕޯޓްތަކާއި މަގުތަކާއި ފެނާއި ނަރުދަމާފަދަ މަދަނީ އިންފްރާސްޓްރަކްޗަރ ވެސް ވަނީ މުޅިން ކަހަލަ ގޮތަކަށް ހަލާކުވެފައެވެ. އަދި އާންމުންގެ ގެދޮރާއި ސްކޫލްތަކާއި ހޮސްޕިޓަލްތަކުގެ ބޮޑުބައިވެސް ހަލާކުވެ ސުންނާފަތިވެފައިވާއިރު ސޫރިޔާގެ އާބާދީގައި ހިމެނޭ ބާވީސް މިލިޔަން މީހުންގެ ތެރެއިން އެގާރަ މިލިޔަން މީހުންވަނީ ގެދޮރުގެއްލި ރެފިއުޖީންނަށް ވެފައެވެ. މިއާއެކުވެސް ސޫރިޔާގެ މައްސަލަތައް ސިޔާސީގޮތުން ހައްލުކޮށް އެޤައުމުގެ ދާޚިލީ ހަނގުރާމަ ކައިރި މުސްތަގްބަލެއްގައި ހުއްޓުވޭނެ ކަމުގެ އެއްވެސް އުންމީދެއްނެތެވެ. މިއުންމީދު ގެއްލިފައިވަނީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ބޭރުގެ ގައުމުތައް ވަދެ އެޤައުމުތަކުގެ އަމިއްލަ އަމިއްލަ މަސްލަހަތުތައް މިހަނގުރާމައިގެ ތެރެއަށް ވަދެފައިވުމުގެ ސަބަބުން ކަމަށް މުހައްލިލުން ވިދާޅުވެއެވެ.