ޔަހޫދީން ވެރިވެގަނެފައިވާ ސޫރިޔާގެ ޖޫލާންގެ އުސްބިންތަކުގައި ގާއިމު ކޮށްފައިވާ ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒަކަށް ލުބްނާންގެ ޙިޒްބުالله ޖަމާޢަތުން ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. ޙިޒްބުاللهން ބުނީ, ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޙަރްމޫން ފަރުބަދައިގައި ޔަހޫދީ ސިފައިން ގާއިމު ކޮށްފައިވާ އަސްކަރީ މަރުކަޒަކަށް ކަމުގައެވެ. އެއީ, ޔަހޫދީ ފައުޖުގެ ޖާސޫސީ އިދާރާގެ މައި މަރުކަޒެކެވެ.
މިއީ, 2023 އޮކްޓޫބަރު 7ގައި ޔަހޫދީ ފައުޖުން ޣައްޒާގައި ފެށި ލާއިންސާނީ ޢުދުވާނާ ގުޅިގެން ޙިޒްބުاللهއާއި ޔަހޫދީ ފައުޖާ ދެމެދު ޙަމަލާތައް ބަދަލު ކުރަން ފެށި ފަހުން ޙިޒްބުاللهން ޖޫލާންގެ އުސް ބިންތަކުގައި އޮތް ޔަހުދީންގެ އަސްކަރީ މަރުކަޒަކަށް ޙަމަލާތައް އަމާޒު ކުރި ފުރަތަމަ ފަހަރެވެ. ޙިޒްބުاللهން ބުނީ, ޔަހޫދީންނަށް އަމާޒު ކޮށް ދެމުންދާ ޙަމަލާތައް ހުއްޓައިލާނީ ޣައްޒާ ޢުދުވާނަން ނިމުމެއް ގެނައުމުން ކަމުގައެވެ.
ޙަރްމޫން ފަރުބަދައިގައި އޮންނަނީ ޔަހޫދީ ފައުޖަށް މުހިންމު އަސްކަރީ މަރުކަޒެކެވެ. ވެރިވެގަނެފައިވާ މުސްލިމުންގެ އެ ބިމުގައި ގާއިމު ކޮށްފައިވާ އަސްކަރީ މަރުކަޒުގެ މައިގަނޑު ބޭނުމަކީ ސޫރިޔާގެ ވެރިރަށް ދިމިޝްޤާއި, ޢިރާޤާއި, އުދުރުނާއި ސަޢޫދީ ޢަރަބިއްޔާއަށް ޖާސޫސް ކުރުމެވެ. އަދި, އެ ޤައުމުތަކާ ދެކޮޅަށް އަސްކަރީ ހަރަކާތްތައް ހިންގުމެވެ. ޖޫލާންގެ އުސްބިންތަކަށް ޔަހޫދީން ވެރިވެގަނެފައި ވަނީ 1973ވަނަ އަހަރުގެ ޢަރަބި-އިސްރާއީލް ހަނގުރާމައިގައެވެ.
ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައް ބޮޑު ހަނގުރާމައަކަށް ބަދަލުވެދާނެ ކަމުގެ އިންޒާރު އެކި ފަރާތްތަކުން ދަނީ ކުރަމުންނެވެ. ނަމަވެސް, ޔަހޫދީންނާއި ޙިޒްބުاللهން ފާޅުގައި ބުނަމުން ދަނީ ހަނގުރާމައެއް ފަށަށް ބޭނުން ނުވާ ކަމުގައެވެ. އަދި, ޙަމަލާތައް ހަނގުރާމައަށް ބަދަލުވިޔަ ނުދިނުމަށް ޚާރިޖީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ލުބްނާނާއި އިސްރާއީލާ ދެމެދު ހަނގުރާމައެއް ފަށައިފި ނަމަ, ޔަހޫދީންގެ ދިފާޢުގައި އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއިން ތެދުވެ, ލުބްނާނަށް ބޮން އަޅަން ފަށާނެ ކަމަށް ބެލެވެއެވެ.
ނަމަވެސް, ޙިޒްބުاللهން ވަޢުދުވެފައިވާ ގޮތަށް, އެ ޖަމާޢަތުން ދަނީ މެދުކެނޑުމެއް ނެތި ޔަހޫދީންގެ ރަށްތަކާއި ހައްދުފަހަނަ އެޅި އަސްކަރިއްޔާއަށް އަމާޒުކޮށް ޑްރޯނާއި މިސައިލްގެ އިތުރުން އެހެން ބާވަތްތަކުގެ ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން ޙަމަލާ ދެމުންނެވެ. މި ޙަމަލާތަކުގައި އައު މަރުކާތަކެއްގެ ރޮކެޓުތަކެއް ބޭނުން ކުރަން ފަށާފައިވާއިރު, ޙިޒްބުاللهން ވަނީ ޔަހޫދީންގެ އަސްކަރީ މަތިންދާބޯޓުތަކަށް ޙަމަލާ ދިނުމުގެ ގާބިލު ކަން ވެސް ހޯދާފައެވެ.
ޔަމަންގައި ހަރަކާތްތެރިވާ ޙޫޘީ ޖަމާޢަތުން ވެސް ދަނީ, ޣައްޒާ ޢުދުވާނާ ގުޅިގެން ޔަހޫދީންނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ހިންގަމުންނެވެ. މި އޮޕަރޭޝަންގެ ދަށުން އެ ޖަމާޢަތުން ދާދި ފަހުން ވަނީ އިސްރާއީލުން ވެރިވެގަނެފައިވާ ޚައިފާ ބަނދަރުގެ ވީޑިޔޯތަކެއް ޑްރޯނެއް ބޭނުން ކޮށްގެން ނަގައި ޢާންމު ކޮށްފައެވެ.
އެއީ, ދުނިޔޭގެ އެންމެ ކުޅަދާނަ އެއް އަސްކަރިއްޔާގެ ގޮތުގައި ވަކާލާތު ކުރާ ޔަހޫދީންގެ އަސްކަރިއްޔާއަށް ކުރިމަތިވި ބޮޑު ވެއްޓުމެކެވެ. ވީޑިޔޯތައް ޢާންމު ކުރުމަށް ފަހު ޙޫޘީން ވަނީ ބަނދަރުގައި އަޅާފައި އޮތް އާގުބޯޓުފަހަރަަށް ދެ ފަހަރެއްގެ މަތިން ނުރައްކާތެރި ޙަމަލާތަކެއް އަމާޒު ކޮށްފައެވެ. ޔަހޫދީންގެ މަސްލަޙަތު ހިމާޔަތް ކޮށްދޭން އެމެރިކާއިން ކުރަމުންދާ މަސައްކަތުގެ ދަށުން އެމެރިކާއާއި އިނގިރޭސިވިލާތުން ގުޅިގެން ދަނީ ޔަމަންގައި ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ބޮން އަޅަމުންނެވެ.