ޚަބަރު

އެއްބަސްވުމެއް އެކުލަވައިލި ނަމަވެސް ޢުދުވާން ހުއްޓައެއް ނުލާނަން: ނަތަންޔާހޫ


ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާ އެކު ޔަހޫދީން އެއްބަސްވުމެއް އެކުލަވައިލި ނަމަވެސް, ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ހުއްޓައިނުލައި ކުރިއަށް ގެންދާނެ ކަމުގައި ޔަހޫދީންގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ. އެއްބަސްވުމެއް އެކުލަވައިލުމޭ ބުނެ އޭނާ އިޝާރާތް ކޮށްފައި ވަނީ ޙަމާސުން ރަހީނު ކޮށްފައިވާ ޔަހޫދީ އަސީރުން މިނިވަން ކުރުމާ ގުޅޭ އެއްބަސްވުމަކަށެވެ.

ހައްދުފަހަނަ އެޅި ނަތަންޔާހޫ ބުނީ, ޙަމާސާ އެކު އެއްބަސްވުމެއް އެކުލަވައިލި ނަމަވެސް, ޢުދުވާނުގެ މައިގަނޑު އަމާޒު ހާސިލު ކުރެވެން ދެން ފަލަސްޠީނުގެ މުސްލިމުންގެ ގެދޮރާއި, ވަގުތީ ހިޔާތަކާއި, ހަސްފަތާލުތަކާއި, މަދަރުސާތަކާއި މިސްކިތްތަކަށް ބޮންއަޅައި, މުސްލިމުން ޝަހީދު ކުރުން މެދުކަނޑައި ނުލާނެ ކަމުގައެވެ. ޔަހޫދީން ބުނާ ގޮތުގައި, ފަލަސްޠީނުގެ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންގެ ލޭއޮހޮރުވައިލައި, ޝަހީދު ކުރަމުން އެ ދަނީ ޙަމާސް ޖަމާޢަތް ނައްތައިލުމުގެ އަމާޒުގައެވެ.

މޭ 31ވަނަ ދުވަހު އެމެރިކާއިން ހުށަހެޅި ސުލްޙައިގެ މަގުޗާޓު ކުރިއެރުވުމާ ގުޅޭ ގޮތުން ޙަމާސާއި ޔަހޫދީންނާ ދެމެދު ކުރަމުން ދިޔަ މަޝްވަރާތައް އޮތީ ހުއްޓިފައެވެ. މަޝްވަރާތަކަށް ހުރަސް އަޅަމުން ދަނީ ޔަހޫދީންގެ ހައްދުފަހަނަ އެޅި ސަރުކާރުންނެވެ. ނަމަވެސް, އެއްބަސްވުމުގައިވާ ބައެއް ކަންކަމަށް ރުހޭ ކަމުގައި ޙަމާސުން ދާދި ފަހުން ބުނުމާ ގުޅިގެން, މަޝްވަރާތައް އަލުން ފެށުމަށް, އެ ކަން ވިލަރެސް ކުރާ ޤަޠަރާއި މިޞްރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ޙަމާސުން ބުނީ އެއްބަސްވުމާ ގުޅޭ ގޮތުން ޔަހޫދީންގެ ޖަވާބަކަށް އިންތިޒާރު ކުރަމުންދާ ކަމުގައެވެ. އެމެރިކާއިން އިސްވެ ހުށަހަޅާފައިވާ މަގުޗާޓުގެ ބޭނުމަކީ, ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުންގެ ތެރެއިން ބާކީ ތިބި 120 ޔަހޫދީން މިނިވަން ކުރުވުމެވެ. ޙަމާސުން ކުރިން ޝަރުޠު ކޮށްފައި ވަނީ, އެއްވެސް އެއްބަސްވުމެއްގައި ސޮއި ކުރުމުގެ ކުރިން ޔަހޫދީ ފައުޖުގެ ލާއިންސާނީ ޢުދުވާންތައް ހުއްޓުވުމަށެވެ.

ނަމަވެސް, ޔަހޫދީން އެ ކަމާ ދެކޮޅު ހެދުމުން ޙަމާސުން މިހާރު މި ވަނީ އެ ޝަރުޠު ދޫކޮށްލާފައެވެ. އަދި, ހަ ހަފުތާއަށް ދެމިގެންދާނެ ކަމަށް ބެލެވޭ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ތެރޭގައި ޢުދުވާން ހުއްޓުމަކަށް ގެނައުމާ މެދު ފުޅާ ދާއިރާއެއްގައި ޔަހޫދީންނާ މަޝްވަރާ ކުރަން ތައްޔާރަށް އޮތް ކަމުގައި ޙަމާސުން ބުނެއެވެ. ނަމަވެސް, ޙަމާސް ޖަމާޢަތް ނައްތައިލުމުގެ އަމާޒު ހާސިލު ނުވަނީސް, ޣައްޒާގެ މުސްލިމުން ޝަހީދު ކުރުން ހުއްޓައިލަން އަނިޔާވެރި ނަތަންޔާހޫ އަދިވެސް ދަނީ ދެކޮޅު ހަދަމުންނެވެ.

ޔަހޫދީންނާއި ޙަމާސާ ދެމެދު މަޝްވަރާތައް އަލުން ފެށުމަށް ތައްޔާރުވުމުގެ ގޮތުން މިޞްރާއި ޤަޠަރާއި އެމެރިކާއާ ދެމެދު ވާހަކަތައް ބޭއްވުމަށް އެމެރިކާގެ ޖާސޫސީ އިދާރާގެ ވެރިޔާ ވިލިޔަމް ބަރންސް ޖުލައި 10ވަނަ ދުވަހު ދޯހާއަށް ވަޑައިގަންނަވާނެއެވެ. އަދި, ޤަޠަރުގެ އަމީީރުގެ އިތުރުން އެ ޤައުމާއި މިޞްރުގެ ޖާސޫސީ އިދާރާތަކުގެ އިސްވެރިންނާ މަޝްވަރާތައް ބާއްވަވާނެއެވެ. އެ މަޝްވަރާތަކަށް ފަހު އޭނާ ޔަހޫދީންގެ ވަފުދަކާ އެކު މިޞްރަށް ވެސް ވަޑައިގަންނަވާނެއެވެ.

ސުލްޙައިގެ މަޝްވަރާތައް ފެށުމަށް ތައްޔާރުވަމުންދާ ދަނޑިވަޅުގައި ވެސް ޔަހޫދީ ފައުޖުން ދަނީ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާން އިތުރަށް ފުޅާ ކުރަމުންނެވެ. އެ ގޮތުން, އެ ސަހަރުގައި އުތުރުގައި އޮންނަ ޣައްޒާ ސިޓީއަށް ދެމުންދާ ރަޙުމު ކުޑަ ޙަމަލާތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން, އެ ރަށުން ފޭބުމަށް އެ ރަށުގެ އަހުލުވެރިންނަށް ޔަހޫދީ ފައުޖުން ވަނީ އަންގާފައެވެ. އެއަށްފަހު, ޔަހޫދީ ފައުޖުން ވަނީ އަސްކަރީ މަތިންދާބޯޓުތަކާއި ޓޭންކުފަހަރު ބޭނުންކޮށް އެ ރަށަށް ދެމުންދާ ޙަމަލާތައް އިތުރު ކޮށްފައެވެ.

"މިއީ [ފާއިތުވި ނުވަ މަހުގެ ތެރޭގައި] އަމިއްލަ ގެދޮރުން އަޅުގަނޑުމެން މަޖުބޫރުން ނެރުނު ހަ ވަނަ ފަހަރު. ދެން ދާނެ ތަނެއް ނޭނގޭ. އަޅުގަނޑުގެ ގެއަށް [ޔަހޫދީ ފައުޖުން ވަނީ] ބޮންއަޅައި ސުންނާފަތި ކޮށްލާފައި. ޔަހޫދީންގެ ޙަމަލާއެއްގައި ޒަޚަމުވެ, އަޅުގަނޑުގެ ފިރިމީހާގެ އެއް ފައި ވަނީ ބުރިކޮށްލަން ޖެހިފައި،" ޣައްޒާ ސިޓީގައި ދިރިއުޅޭ އަންހެނެއް ބުންޏެވެ. އެ ރަށަށް ދެމުންދާ ޙަމަލާތައް އިތުރު ކުރުމާ ގުޅިގެން ގިނަ ޢަދަދެއްގެ ޢާއިލާތަކެއް ވަނީ އެ ރަށުގައި ތާށިވެފައެވެ.

މީގެ ނުވަ މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 38,153އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 87,828އަށް އުފުލިފައެވެ. އދން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.