ޚަބަރު

ލެ ޕެންްގެ އާރްއެނުން ވެރިކަން ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވެއްޖެ


ފަރަންސޭސިވިލާތުގައި ވެރިކަން ކުރާ މެދުމިނުގެ ޕާޓީތަކާއި ވައަތު ފިޔައިގެ ސިޔާސަތުތަކަށް ތާޢީދު ކުރާ ޕާޓީތަކުން ގުޅިގެން, އިދިކޮޅު ލީޑަރު މަރީން ލެ ޕެންގެ ނޭޝަނަލް ރެލީ (އާރްއެނު)ން ވެރިކަން ހޯދަން ކުރި މަސައްކަތްތައް ނާކާމިބުކޮށް, ފޭލު ކޮށްލައިފިއެވެ. ޖުލައި 7ވަނަ ދުވަހު ބޭއްވި ޢާންމު އިންތިޚާބުގެ ދެވަނަ ބުރުގައި ލެ ޕެންގެ އާރްއެނުން ބޮޑު އަޣުލަބިއްޔަތެއް ހޯދާނެ ކަމަށް ބެލެވުނު ނަމަވެސް, ވެރިކަން ކުރާ މެދުމިނުގެ ޕާޓީތަކާއި ވައަތު ފިޔައިގެ ސިޔާސަތުތަކަށް ތާޢީދު ކުރާ ޕާޓީތަކުން ގުޅިގެން ކުރި މަސައްކަތްތަކުން, އެ ކަމަށް މިވަނީ ހުރަސް އަޅާފައެވެ.

އިންތިޚާބުގައި ކުރި ހޯދާފައި ވަނީ ނިއު ޕޮޕިއުލަރ ޕްރަންޓް (އެންޕީއެފް) ކޯލިޝަނުންނެވެ. ނަމަވެސް, އަމިއްލައަށް ސަރުކާރު އެކުލަވައިލަން ބޭނުންވާ މިންވަރަށް އެއްވެސް ޕާޓީއަކަށް ތާޢީދު ލިބިފައެއް ނެތެވެ. އެހެންކަމުން, ގުޅިފައިވާ ސަރުކާރެއް އެކުލަވައިލުމުގެ މަޝްވަރާތައް, އެންޕީއެފް ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ކުރިއަށް ދުވަސްތަކުގެ ތެރޭގައި ފަށާނެ ކަމަށް ބެލެވެއެވެ.

ވެރިކަން ހޯދަން ލެ ޕެން ކުރެއްވި މަސައްކަތް ނާކާމިޔާބުވި ނަމަވެސް, އަމިއްލަ ސަރުކާރެއް އެކުލަވައިލުމުގެ ފުރުޞަތު ރައީސް އިމަނުއެލް މެކްޚޮނަށް ވެސް ވަނީ ގެއްލިފައެވެ. މިއާ އެކު, އޮލިމްޕިކް ގޭމްސް ކުޅިވަރު މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުންދާ މި ދަނޑިވަޅުގައި ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާއާ އެކު, ފަރަންސޭސިވިލާތުން ވިލާތުގެ އިއްތިހާދު (އީޔޫ)ގައި އަދާ ކުރާ ދައުރު ހީނަރުވެގެންދާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.

އިންތިޚާބުގެ ނަތީޖާއަށް ބަލައިލާއިރު ވައަތު ފިޔައިގެ ސިޔާސަތުތަކަށް ތާޢީދު ކުރާ މެންބަރުން ވަނީ ޤާނޫނު ހަދާ މަޖިލީހުގެ 182 ގޮނޑި ކާމިޔާބު ކޮށްފައެވެ. މެކްޚޮންގެ މެދުމިނުގެ ސިޔާސަތުތަކަށް ތާޢީދު ކުރާ ކެނޑިޑޭޓުންނަށް ލިބުނީ 168 ގޮނޑިއެވެ. އަދި, ލެ ޕެންގެ އާރްއެނުން ވަނީ 143 ދާއިރާއިން ކާމިޔާބީ ހޯދާފައެވެ.

އިންތިޚާބުގައި މެކްޚޮންގެ ޕާޓީއަށް ލިބުުނު ނާކާމިޔާބީއާ ގުޅިގެން, އެ ޕާޓީގެ ފަރާތުން ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާ ގެބްރިއޭލް އަތާލް ވަނީ އިސްތިޢުފާ ހުށަހަޅުއްވަން ނިންމަވާފައެވެ. ނަމަވެސް, މެކްޚޮން އޭނާގެ އިސްތިޢުފާ ބަލައިގަންނަވާނެ ކަމަކަށް ނުބެލެވެއެވެ. އެ މަޤާމާ ހަވާލުވާން ބޭނުންވާ ބޭފުޅުންގެ ތެރޭގައި އެންއެފްޕީ ކޯލިޝަންގައި ހިމެނޭ ގްރީންސްގެ ވެރިޔާ މަރީން ތޮންދުލިއޭ ހިމެނެއެވެ.

މި އިންތިޚާބުގައި މެކްޚޮންގެ ސަރުކާރަށް އޮތް ތާޢީދު ފަނޑުވެފައި ވަނީ, ތަކެތީގެ އަގުތަކާއި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލުމާއި, މެކްޚޮންގެ ސަރުކާރުގެ އިމިގްރޭޝަނާ ގުޅޭ ސިޔާސަތުތަކާ މެދު އޮތް ކަންބޮޑުވުންތަކުގެ ސަބަބުން ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ. މެކްޚޮންގެ ރިޔާސީ ދައުރު 2027ވަނަ އަހަރު ހަމަވާއިރު, އާރްއެންގެ ލެ ޕެން ގެންދަވަނީ އޭނާއާ ދެކޮޅަށް އިންތިޚާބުގައި ވާދަ ކުރައްވަން ތައްޔާރުވަމުންނެވެ.

ލެ ޕެންގެ އާރްއެނަކީ ނަސްލީ ތަފާތު ކުރުންތަކަށް ތާޢީދު ކުރުމުގެ އިތުރުން 'އެންޓިސެމިޓިޒަމް' ނުވަތަ ޔަހޫދީންނާ ދެކޮޅު ސިޔާސަތުތަކަށް ވަކާލާތު ކުރުމުގެ ތާރީޚެއް އޮތް ޕާޓީއެކެވެ. އާރްއެނަށް އިންތިޚާބުގައި ކާމިޔާބީ ލިބުނު ނަމަ ފަރަންސޭސިވިލާތުގެ މުސްލިމުންގެ އާބާދީއަށް ވެސް ނުރައްކާތެރި, އަދި ބިރުވެރި ދުވަސްތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ފަރަންސޭސިވިލާތުގެ ބައެއް މުސްލިމުން ދެކެއެވެ. ސަބަބަކީ, އާރްއެނަކީ އިސްލާމް ދީނާ ދެކޮޅު, މުސްލިމުންނަކީ ދުޝްމަނުންގެ ގޮތުގައި ދެކޭ ޕާޓީއެވެ.