ޚަބަރު

ދައުލަތުން ކުރަމުންދިޔަ އިސްރާފުތައް ހުއްޓާލުމުން 4 ބިލިއަން ރުފިޔާ ސަލާމަތްވި: ނައިބު ރައީސް


  • ބަދަލު ދިނުމުގެނަމުގައި އުފައްދާފައިވާ ސެޓްލްމެންޓު ކޮމިޓީ އުވާލެއްވި

  • ދައުލަތުގެ އެކި ދިމާލުން ކުރަމުން ދިޔަ އިސްރާފުތައް ހުއްޓުވި

ދައުލަތުގެ ފައިސާއިން އިސްރާފުކުރުމަށް ކުރަމުންދިޔަ ކަންކަން ހުއްޓާލުމުން، ދައުލަތުގެ ބަޖެޓުން 4 ބިލިއަން ރުފިޔާ ސަލާމަތްކުރެވުނުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ މުވައްޒަފުންގެ އަގުވަޒަން ކުރުމަށާއި ކޮރަޕްޝަން ރިސްކް ސެލްފް އެސެސްމެންޓް ޓޫލްކިޓް ޑިޖިޓައިޒްޑް ޕްލެޓްފޯމް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިރަސްމީއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ، ޤައުމުގެ ތަހުޒީބާއި ތަމައްދުން ގެނެސް ކުރިއެރުމާއި ކާމިޔާބީ ދެމެހެއްޓުމުގައި، ނަޒާހާތްތެރިކަމާއި އަމާނާތްތެރިކަން ވަރަށް މުހިންމުކަމަށެވެ. އަދި ކޮރަޕްޝަނާއި ފަސާދައިން މުޖްތަމަޢު ސަލަމަތްވެފައި އޮތުން މުހިންމުކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ޤައުމަށް ޤުދުރަތީ މުއްސަނދިކަމެއް ލިބިފައި އޮތްނަމަވެސް ކޮރަޕްޝަން ޢާންމުވެއްޖެނަމަ އެ ޤައުމެއް ކުރިއަރައިގެން ނުދާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ތަރައްޤީއާއި ކުރިއެރުން ހުއްޓި ފުދުންތެރިކަން ގެއްލިގެން ދިޔަ ނުދިނުމަށްޓަކައި ވެރިކަމުގެ އެންމެ ފުރަތަަމަ ދުވަހުވެސް ހަރުދަނާ ފިޔަވަޅުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަން ފެއްޓެވިކަމަށް ވިދާޅުވެފައެވެ.

މިގޮތުން އެމަނިކުފާނު އެޅުއްވި ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވާ އެމަނިކުފާނު ވިދާޅުވީ އެންމެ މުހިންމު އެއް ފިޔަވަޅަކީ އެކި ނަންނަމުގައި ދައުލަތުން ބަދަލު ދިނުމަށް ކުރީ ސަރުކާރުގައި އުފެއްދެވި ސެޓަލްމެންޓް ކޮމެޓީ އުވާލެއްވުންކަމަށެވެ. އަދި އޭރު މަޝްރޫޢުތަ ހިންގުމުގެ ނަމުގައި 3 ގުނައަށް އިތުރަށް ދައުލަތުން ކުރަމުން ދިޔަ ހޭދަ ހުއްޓުވައި، ދައުލަތުގެ ފައިސާ އިސްރާފުކުރުމަށް ހިންގަމުން ދިޔަ އެތައްކަމެއް ރައީސުލްޖުމުހޫރިއްޔާ ހުއްޓުމަކަށް ގެންނެވިކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

"މަޝްރޫއުތައް ހިންގުމަށް 3 ގުނަ އިތުރަށް ހޭދަކުރުން ހުއްޓުމަކަށް ގެނެސް ދައުލަތުގެ މާލީއްޔާއިން ކުރަމުން ދިޔަ ޚަރަދުތަކަށް އެމަނިކުފާނު ނޫނެކޭ ބުނެ ހުއްޓުމަކަށް ގެނެސްދެއްވި. އެކި ނަންނަމުގައި ރައްޔިތުންގެ ފައިސާ އިސްރާފުކުރަމުން ހިންގި އެތައް ކަމެއް ސުމަކަށް ހައްދަވައި، ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ބަޖެޓުން 4 ބިލިއަން ރުފިޔާ މިހާރުވެސް ވަނީ ސަލާމަތް ކޮށްދެއްވާފައި." ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީ ފަދަ މިނިވަން ހުރިހާ މުއައްސަސާއެއްވެސް މިނިވަން ކަމާއެކު ހިންގުމުގެ ފުރުސަތު މި ސަރުކާރުން ދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި އެ މުއައްސަސާތައް ހިންގުމުގެ ފުރިހަމަ ޤާނޫނީ ބާރާއި އިޙްތިޔާރު ލިބޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހުވާކުރެއްވި ދުވަހު ރައްޔިތުންނަށް ދެއްވި އެންމެ ބޮޑު ޔަޤީންކަމަކީ އަދުލު އިންސާފު ޤާއިމްކޮށްދެއްވުންކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިސަރުކާރުން ޝަރީއަތްތަކަށް ނުފޫޒު ފޯރުވުން އެދުވަހުން ފެށިގެން ނިމުމަކަށް ގެންނެވިކަމަށްވެސް ވިދާޅުވެފައެވެ. މިއީ ކޮރަޕްޝަން ދޮރުތައް ބަންދު ކުރުމަށް އެޅުއްވި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސިފަކުރެއްވިއެވެ.

މި ރަސްމީއްޔާތުގައި އެމަނިކުފާނު ވަނީ ކޮރަޕްޝަނާއި ދެކޮޅަށް އޭސީސީން ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން، ކޮރަޕްޝަނަށް ރައްޔިތުން ހޭލުންތެރިކުރުމަށް އިތުރަށް މަސައްކަތް ކޮށްދެއްވުމަށް އޭސީސީގެ ކިބައިން އެދިވަޑައިގެންފައެވެ.