ޤައުމު ހިންގުމުގައި ޒުވާނުންގެ ދައުރު އެންމެ މުހިންމުވެފައިވަނިކޮށް، ޓެކްނޮލޮޖީގެ ވަސީލަތުގެ ފަހަތުގައި ބަޔަކު ފިލާތިބެ ޤައުމަށް ގެއްލުން ދިނުމަށް ޒުވާނުން ޝާމިލްކުރަމުންދާކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ދަ ނޭޝަނަލް ހައި ލެވެލް ކޮންފަރެންސް އޮން ޕީސް އެންޑް ސެކިއުރިޓީ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވީ ފަހަކަށް އައިސް ނިރުބަވެރި ނުވަތަ ޓެރަރިޒަމްގެ ޢަމަލުތައް ހިންގާ މިންވަރު އިތުރުވެފައިވަމުން އަންނަކަމަށެވެ. އެފިކުރަށް މިކަމުގައި ޝާމިލްނުވާ އައު މީހުން ލެންބުމަށް އެފަދަ ޢަމަލުތައް ހިންގާ މީހުން މަސައްކަތްކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.
ޣައްސާން ވިދާޅުވީ މިފަހަކަށް އައިސް ނިރުބަވެރިކަމަށް މީހުންނަށް ދަޢުވަތު ދެމުންގެންދަނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަމަށެވެ. އަދި ޓެކްނޮލޮޖީ ބޭނުންކޮށްގެން މިފަދަ ކަންކަން ކުރުމަށް ހިތްވަރު ދެމުންގެންދާއިރު މިކަމުގެ ޝިކާރައަކަށްވަނީ ދިވެހި ޒުވާނުންކަމަށް ވަޒީރު ވިދާޅުވިއެވެ.
"ޤައުމުގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް، ޤައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ޒުވާނުންގެ ޝާމިލްވުން އެންމެ ބޭނުންވާ ވަގުތު، އެ ޒުވާން ސިކުނޑިތަކަށް ފޯރުކޮށްދެނީ ޓެކްނޮލޮޖީގެ ވަޞީލަތްތަކުގެ ފަހަތުގައި ފިލާ ބަޔަކު ތިބެގެން ޤައުމަށް ގެއްލުންދޭ ފިކުރުތައް." ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޓެރަރިޒަމްގެ ޢަމަލުތައް ހުއްޓުވުމަށް ކުރިއަށްވުރެ ބޮޑަށް ގޮންޖެހުންތައް އެބަހުރި ކަމަށާއި އެކަން ހުއްޓުވުމަށް ކުރަންޖެހޭ ޚަރަދުވެސް ބޮޑު ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.
މިއީ ޤައުމީ ސަލާމަތަށް އޮތް ނުރައްކާ އަދި ހައްސާސް މައްސަލައެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ޓަރަރިޒަމް ހުއްޓުވޭނީ ކަމާބެހޭ ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ.
ދަ ނޭޝަނަލް ހައި ލެވެލް ކޮންފަރެންސް އޮން ޕީސް އެންޑް ސެކިޔުރިޓީއަކީ ނެޝަނަލް ކައުންޓަރ ޓެރޮރިޒަމް ސެންޓަރާއި ލައިން އެޖެންސީތަކުން ސަރުކާރުގެ އިސްވެރިންނާއެކު ޓެރަރިޒަމް ހުއްޓުވުމަށާއި ޓެރަރިޒަމަށް މަގުފަހިވާ އަނިޔާވެރި ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް މަސައްކަތްތަކެއް ކުރުމުގައި އިސްކަންދޭ ކަންތައްތަކާއި ސިޔާސަތުތައް ކުރިއެރުވުމަށްޓަކައި މަޝްވަރާކޮށް މަޢޫލޫމާތު ބަދަލުކުރުމަށް އެހީތެރިވެދިނުމުގެ މަޤުޞަދުގައި ބާއްވާ ކޮންފަރެންސެކެވެ.