ހުޅުމާލެއާއި މާލޭއާ ދެމެދު ފެނުގެ ވިއުގަ ޤާއިމްކުރުމުގެ މަސައްކަތް މިއަހަރު ފަހުކޮޅު ނިންމާލެވޭނެ ކަމަށް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ، އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ހުޅުމާލެއާއި މާލޭއާ ދެމެދު ފެނުގެ ވިއުގަ ގާއިމްކުރުމަށް ސިނަމާލެ ބުރިޖުގެ އަރިމަތިން ހޮޅިއެއް އަޅާފައިވެއެވެ. ސިނަމާލެ ބްރިޖް މެދުވެރިކޮށް ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަޝްރޫޢަކީ، އެމްޑަބްލިޔުއެސްސީގެ "ވޯޓަރ ސެކިއުރިޓީ ޕްލޭން" ގެ ދަށުން 2016 ވަނަ އަހަރު ފަށާ އެކިސަބަބުތަކާހުރެ މިހާތަނަށް މަޑުޖެހިފައިއޮތް މަޝްރޫޢެކެވެ.
މި މަސައްކަތާ ގުޅޭގޮތުން މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން ވިދާޅުވީ އިދާރީ މަސައްކަތްތަކެއް ދިމާވެ ފެން ހޮޅި ގުޅުވަން ހަދާ ވިއުގަތަކުގެ މަސައްކަތް ނުފެށި، ހުއްޓިފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރު ބަދަލުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލޭގައި ވިއުގަ އެޅުމަށް ބިމެއް
ހަމަޖައްސަވައިދެއްވުމާއެކު މިހާރު މަސައްކަތް ފަށާފައިވާކަމަށް މަތީން ވިދާޅުވިއެވެ.
މަތީން ވިދާޅުވީ މާލޭގެ ފެނުގެ ސެކިޔުރިޓީ ކަށަވަރުކުރުމަށް ނުވަތަ ދިމާވާ ކުއްލި ހާލަތަކުން އަރައިގަތުމަށް ހުޅުމާލެއިން މާލެއަށް ފެން ގެނެވޭނެ ގޮތެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ހުޅުމާލެއާއި މާލޭގައި އަޅާ ވިއުގައިގެ މަސައްކަތް ނިންމުމާއެކު ގަޑިއަކު 800 ޓަނުގެ ފެން މާލެއާއި ހުޅުމާލެއާއި ދެމެދު ދައުރުކުރެވޭނެކަމަށް ވިދާޅުވިއެވެ.
"މިތާ (ފެން ޕަމްޕް ސްޓޭޝަންގައި) ހުންނާނީ ދެބުރި ޢިމާރާތެއް. ފުރަތަމަ ފައުންޑޭޝަން އެޅުމުގެ މަސައްކަތް މިހާރު ކުރަމުން މިދަނީ. ދެން ސްޓީލް ސްޓްރަކްޗަރއެއް ހަދާނެ. ދެކޮޅުގެ ވިއުގަ ގުޅުވާލުމަށް ބޭނުންވާ ޕަމްޕްތައް މިތަނުގައި ހަރުކުރާނީ. އަދި މެއިން ސްޓޯރޭޖް ހުންނާނީ މިތަނުގައި." މަތީން ވިދާޅުވިއެވެ.
މާލޭގެ ޕަމްޕްސްޓޭޝަންގެ މަސައްކަތް ނިމުމާއެކު ސިނަމާލެ ބްރިޖް މަތީގައި އަޅާފައިވާ ހޮޅިމެދުވެރިކޮށް މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅުވާލެވޭނެއެވެ. މީގެ ސަބަބުން މާލޭ ސަރަޙައްދުގައި އެމްޑަބްލިޔުއެސްސީން ފޯރުކޮށްދޭ ސާފު ބޯފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުވެގެން ދާނެއެވެ. މި މަސައްކަތަށް ޖުމްލަ 3.8 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާ ކުރެވެއެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ފެނުގެ ސެކިޔުރިޓީ ކަށަވަރުކުރުމަށް އެމްޑަބްލިޔުއެސްސީން ދަނީ ފެން ޕްލާންޓް އެޅުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އަތޮޅު ތެރޭގައި ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން 11 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމުމަށްފަހު، މިއަހަރު ފަހުކޮޅު ހަވާލުކުރެވޭނެކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވިއެވެ.