ޔޫކްރެއިންގެ ވެރިރަށް ކީވްގެ އިތުރުން ބޮޑެތި ރަށްތަކަށް ރަޝިޔާއިން ދިން ވަރުގަދަ މިސައިލް ޙަމަލާތަކެއްގައި ޢާންމުންގެ 41 މީހުން މަރުވެއްޖެއެވެ. ކީވަށް ދިން ޙަމަލާތަކުގައި އެ ރަށުގައި ހުންނަ ކުޑަކުދިންގެ ބަލިތަކަށް ޚާއްޞަ ހަސްފަތާލަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެއީ, ފާއިތުވި މަސްތަކުގެ ތެރޭގައި ރަޝިޔާއިން ދީފައިވާ އެންމެ ނުރައްކާތެރި ޙަމަލާތަކުގެ ގޮތުގައި ޔޫކްރެއިނުން ސިފަ ކުރިއެވެ. އެ ޙަމަލާތަކުގައި ޒަޚަމުވި މީހުންގެ ޢަދަދު ވަނީ 82އަށް އުފުލިފައެވެ.
ކީވްގެ ހަސްފަތާލަށް ރަޝިޔާއިން ޙަމަލާ ދިން ވަގުތު ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ހުންނެނީ ޕޮލެންޑުގައެވެ. އޭނާ ޕޮޮލެންޑުގައި މަޑުކުރައްވާފައި ވަނީ ނޭޓޯގެ ސަމިޓެއްގައި ބައިވެރިވެ ވަޑައިގަތުމަށް އެމެރިކާއަށް ކުރައްވާ ދަތުރުގެ ތެރެއިންނެވެ. އޭނާ ވިދާޅުވީ ރަޝިޔާގެ ޙަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނޭ ކަމުގައެވެ. އޭގެ އިތުރުން, ކުޑަކުދިންގެ މަދަރުސާއަކާއި ވިޔަފާރި މަރުކަޒެއްގެ އިތުރުން ޢާންމުންގެ ގެދޮރަށް ގެއްލުއްވި ކަމުގައި އޭނާ ވިދާޅުވިއެވެ.
އެ ޙަމަލާތަކާ ގުޅިގެން ނޭޓޯއާއި ހުޅަނގަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ "ޙަމަލާތަކާ މެދު ކަންބޮޑުވުން ފާޅުކޮށް, ތަޢުޒިޔާ ކިޔުމަކުން ޙަމަލާތަކެއް ނުހުއްޓުވޭނެ" ކަމަށާއި "ތަޢުޒިޔާގެ މެސެޖުތައް ބޭނުންކޮށްގެން [ޔޫކްރެއިނަށް ރަޝިޔާއިން ދެމުންދާ] ޙަމަލާތަކުން ދިފާޢު ނުވެވޭނެ" ކަމުގައެވެ. ރަޝިޔާގެ ޙަމަލާތަކުގައި ޔޫކްރެއިންގެ އެކި ކަންކޮޅުތަކުން 100އަށްވުރެ ގިނަ ޢިމާރާތަށް ގެއްލުންވި ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
އެ ޙަމަލާތައް ކުށްވެރި ކުރައްވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ, ޔޫކްރެއިންގެ ދިފާޢީ ދާއިރާ އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރުމަށް ނޭޓޯއިން މަޝްވަރާ ކުރަމުންދާ ކަމުގައެވެ. އަދި, ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ ކަމާ ގުޅޭ އައު ރޭވުންތަކެއް އިޢުލާނު ކުރައްވާނެ ކަމުގައެވެ.
ކީވްގެ އިތުރުން ރަޝިޔާގެ ޙަމަލާތައް އަމާޒު ކޮށްފައިވާ ރަށްތަކުގެ ތެރޭގައި ޔޫކްރެއިންގެ މެދުތެރޭގައި އޮންނަ ކްރެވޮޔި ރީހާއި ދްނީޕްރޯގެ އިތުރުން އިރުމަތީގެ ރަށްތައް ހިމެނޭ ކަމުގައި އެ ޤައުމުގެ ދާާޚިލީ ވުޒާރާއިން ބުންޏެވެ. ޔޫކްރެއިންގެ ދިފާޢީ ވުޒާރާއިން ބުނީ, ޙަމަލާތަކުގައި ރަޝިޔާއިން ބޭނުން ކުރި 38 މިސައިލެއްގެ ތެރެއިން 30 ވަރަކަށް މިސައިލް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ. އެ ޙަމަލާތަކުގައި ރަޝިޔާއިން ބޭނުން ކޮށްފައި ވަނީ ކޭއެޗް-101 މަރުކާގެ ކްރޫޒް މިސައިލެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށީ 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. ހަނގުރާމައިގެ ތެރެއިން ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ޔޫކްރެއިންގެ ސަރަޙައްދުތަކުގެ ތެރޭގައި ދޮންބާސްގައި އޮންނަ ދޮންޏެސްކާއި ލުހާންސްކްގެ އިތުރުން ދެކުނުގައި އޮންނަ ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ހިމެނެއެވެ. މީގެ އިތުރުން, ޔޫކްރެއިންގެ އެންމެ ދެކުނުން އޮންނަ ކްރައިމިޔާއަކީ ރަޝިޔާއިން 2014ވަނަ އަހަރު އަތްގަދަ ކޮށްފައިވާ ސަރަޙައްދެކެވެ.