ޚަބަރު

ފަލަސްޠީނާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ބްރެޒިލުން ތަންފީޒު ކުރަނީ


ދެކުނު އެމެރިކާގެ ޤައުމެއް ކަމުގައިވާ ބްރެޒިލާއި ފަލަސްޠީނާ ދެމެދު އެކުލަވައިލާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަސްދީޤުކޮށް, އެއަށް އަމަލު ކުރަން ބްރެޒިލްގެ ރައީސް ލުއީސް އިނާސިޔޮ ލޫލާ ދަ ސިލްވާ ނިންމަވައިފިއެވެ. އެއީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ދެކޮޅު ކަން ހާމަކޮށް, ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުތައް ގާއިމު ކޮށްދިނުމަށް ބާރު އެޅުމުގެ ގޮތުން ދަ ސިލްވާ ނިންމަވާފައިވާ ނިންމެވުމެވެ.

ފަލަސްޠީނާއި ބްރެޒިލާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލަން ފަލަސްޠީނުން ހުށަހަޅާފައި ވަނީ މީގެ ދަހަރެއްހާ ދުވަސް ކުރިންނެވެ. ނަމަވެސް, ބްރެޒިލްގެ ސަރުކާރުން އެ އެއްބަސްވުން ތަސްދީޤު ކޮށްފައެއް ނުވެއެވެ. އެ އެއްބަސްވުން ތަސްދީޤުކޮށް އަމަލު ކުރަން ފަށަން ދަ ސިލްވާ ނިންމެވުމުން ފަލަސްޠީނުން ވަނީ އެ ކަމަށް މަރުޙަބާ ކިޔާފައެވެ.

"މި އެއްބަސްވުމަކީ, ފަލަސްޠީނުގެ ދަޢުލަތުގެ އިޤުތިޞާދަށް ކުރިއެރުންތަކެއް ގެނެސްދޭނެ އެއްބަސްވުމެއް. ފަލަސްޠީނުގެ ރައްޔިތުންނަށް, [ޒަޔަނިސްޓު ޔަހޫދީންގެ ދަޢުލަތާ އެކު] ސުލްޙަވެރިކަމާ އެކު ދިރިއުޅެވޭނެ،" ބްރެޒިލްގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ދެކުނު އެމެރިކާގެ ޤައުމުތަކުގެ ވިޔަފާރިއާ ބެހޭ ގުޅުން ކަމުގައިވާ މެރްކޮސޫރާއި ފަލަސްޠީނާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށް އެއްބަސްވުމެއް އެކުލަވައިލާފައި ވަނީ 2011ވަނަ އަހަރުއެވެ. ބްރެޒިލްގެ ޚާރިޖީ ވުޒާރާއިން ބުނީ, ފަލަސްޠީނާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ތަންފީޒު ކުރަން ނިންމީ އެ މަޝްވަރާތަކުގެ ދަށުން ކަމުގައެވެ.

އެ އެއްބަސްވުމުގެ ދަށުން ބްރެޒިލުން ވަނީ ފަލަސްޠީނަކީ މިިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަނެފައެވެ. އަދި, 2010ވަނަ އަހަރު ބްރެޒިލްގައި ރަސްމީކޮށް ފަލަސްޠީނުގެ އެމްބަސީއެއް ހުޅުވިއެވެ. ފަލަސްޠީނާއި މެރްކުސޯރް ބްލޮކްގައި ހިމެނޭ ޤައުމުތަކާ ދެމެދު ކުރާ ވިޔަފާރީގެ އަގު އަހަރަކު 32 މިލިޔަނަށް އަރައެވެ. އަދި, ބްރެޒިލާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒު ކުރަން ފެށުމުން, އެ ޢަދަދު އިތުރަށް އުފުލިގެން ދާނެއެވެ.

ފަލަސްޠީނާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒު ކުރަން ބްރެޒިލުން ނިންމާފައިވީ ނަމަވެސް, މެރްކޮސޫރު ބްލޮކްގައި ހިމެނޭ އެހެން ޤައުމުތަކުން ފަލަސްޠީނާ އެކު އެ ފަދަ އެއްބަސްވުންތަކެއް ތަންފީޒު ކުރަން ފަށާނެ ކަން ސާފެއް ނޫނެވެ. ކަނާތު ފިޔައިގެ ވިސްނުން ކުރިއަރުވާ އާޖެންޓީނާގެ ރައީސް ހާވިއެރް މިލެއި އެ ކަމަށް ތާޢީދެއް ނުކުރައްވައެވެ. ޔުރުގުއާއީއާއި ޕޯޗުގަލުން މި ކަމާ މެދު ވަކި އެއްޗެއް ހާމަ ކުރަން ބޭނުމެއް ނޫނެވެ.

ބްރެޒިލްގެ ނިންމުމަށް މަރުޙަބާ ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ފަލަސްޠީނުން އެ ޤައުމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހީމް އަލް-ޛަބްނީ ވިދާޅުވީ ބްރެޒިލްގެ ސަރުކާރުން ނިންމާފައި ވަނީ ވަރަށް ހިތްވަރު ގަދަ ނިންމުމެއް ކަމުގައެވެ. އަދި, މިއީ, ފަލަސްޠީނުގެ މުސްލިމުންނަށް އެންމެ ބޮޑަށް އެހީތެރިކަމާއި ތާޢީދު ބޭނުންވެފައި އޮތް ދަނޑިވަޅެއްގައި ނިންމާފައިވާ ނިންމުމެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ފަލަސްޠީނާ އެކު ގާއިމު ކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒު ކުރަން ބްރެޒިލުން ނިންމާފައި މި ވަނީ, 2023 އޮކްޓޫބަރު 7ން ފެށިގެން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. މީގެ ނުވަ މަސް ކުރިން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 38,193އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 87,903އަށް އުފުލިފައެވެ. އދން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.