ޚަބަރު

ވަގަށް ނަގާފައިވާ ސާމާނުތަކަކާއެކު ބިދޭސީއަކު ހައްޔަރުކޮށްފި


ތ.ތިމަރަފުށީ އެކިއެކި ތަންތަނުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ސާމާނުތަކެއް ހޯދައި އެކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. 

ފުލުހުން ވިދާޅުވީ މި މައްސަލާގައި ތިމަރަފުށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށެވެ. އަދި މީނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ވަގަށް ނަގާފައިވާ ސާމާނުތައް ހިމެނޭ ފޮށިގަނޑު، މާލެ ފުރަން އޮތް ބޯޓަކަށް އަރުވަން އުޅެނިކޮށްކަމަށް ފުލުހުން ވިދާޅުވެއެވެ. އެފޮށިގަނޑުގައި ކަރަންޓް ސާމާނުކަކާއި ކަރަންޓް ވަޔަރިންގ އަށް ބޭނުންކުރާ ތަކެއްޗާއި ސަމްސާތަކަކާއި ކޮފީ ޕެކެޓްތަކެއްގެ އިތުރުން އިސްތިރިއަކާއި މިކްސަރުގެ ތަށިތަކެއް ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދުގެ މުއްދަތަށް 5 ދުވަސް މެޖިސްޓްރޭޓް ކޯޓުން ދެއްވާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.