ޚަބަރު

ތިނަދޫގައި 82 ވެހިކަލް ޗެކްކޮށް، 15 ފަރާތަކަށް ފިޔަވަޅު އަޅައިފި


ގދ. ތިނަދޫގައި ފުލުހުންގެ ހިންގި ޓްރެފިކް އޮޕަރޭޝަނުގައި 82 ވެހިކަލެއް ބަލާފާސްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. 

ފުލުހުން ވިދާޅުވީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގދ.ތިނަދޫގައި ހިންގި ޓްރެފިކް އޮޕަރޭޝަނުގައި އުޅަނދުތައް ބަލާފާސްކޮށް، ޤާނޫނާއި ޤަވާއިދުތަކާއި ޙިލާފުވި 15 ފަރާތަކާއި މެދު ފިޔަވަޅު އަޅާފައިވާކަމަށެެވެ. އާދީއްތަ ދުވަހު ފުލުހުން ހިންގި ޓްރެފިކް އޮޕަރޭޝަނަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ގދ.ތިނަދޫގައި ދުއްވާ އެއްގަމު އުޅަނދުތަކަކީ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށް ހުރި އުޅަނދުތަކެއްތޯ ބެލުމުގެ ގޮތުން ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުން ވިދާޅުވެއެވެ. 

މި ޓްރެފިކް އޮޕަރޭޝަނުގައި ގދ.ތިނަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ވަނީ ރަށުގެ އެކިއެކި ސަރަހައްދުތަކުގައި ވެހިކަލް ޗެކްޕޮއިންޓްތައް ޤާއިމްކޮށް އެއްގަމު ދަތުރު ފަތުރުގެ ޤާނޫނުން ލާޒިމުކުރާ ކަންތައްތައް ދުއްވާ ފަރާތްތަކުން ފުރިހަމަކޮށްފައިވޭތޯ ބަލާފައެވެ. އެގޮތުން ލައިސަންސް އަދި އަހަރީފީ އާއި ރޯޑްވާދިނަސް އާއި ތާރޑްޕާރޓީ އިންސްއަރެންސް އަދި އުޅަނދު ދުއްވަނީ ކަނޑައެޅިފައިވާ ޒޯނުގައިތޯ ބަލާފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.