ޚަބަރު

ޣައްޒާގެ ފޭލިގެ ކޭމްޕަކަށް ބޮންއަޅައި 29 މީހުން ޝަހީދު ކޮށްލައިފި


ފަލަސްޠީނުގެ ޣައްޒާގެ ޚާން ޔޫނިސްގެ ރަށްބޭރުގައި އޮންނަ ފޭލިގެ ކޭމްޕަކަށް ޔަހޫދީ ފައުޖުން ރަޙުމު ކުޑަ ޙަމަލާތަކެއްދީ ޢާންމުންގެ 29 މީހުން ޝަހީދު ކޮށްލައިފިއެވެ. އެއީ, 2023 އޮކްޓޫބަރު 7ން ފެށިގެން, ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން ދީފައިވާ ޙަމަލާތަކެކެވެ. ޔަހޫދީ ފައުޖުގެ ޢުދުވާންތައް އިތުރަށް ވަރުގަދަކޮށް ފުޅާ ކުރަމުން ދަނީ, ޢުދުވާންތައް ހުއްޓުވުމާ ގުޅޭ މަޝްވަރާތައް ޤަޠަރުގެ ވެރިރަށް ދޯހާގައި ފެށުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

ފާއިތުވި 24ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ދީފައިވާ އެ ފަދަ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 60އަށްވުރެ މައްޗަށް އުފުލިފައެވެ. ޔަހޫދީ ފައުޖުން ޙަމަލާ ދީފައިވާ ފޭލިގެ ކޭމްޕު އޮންނަނީ ޚާން ޔޫނިސްގެ އިރުން އޮތް ޢަބްސާނުގައެވެ. އެ ތަނަށް ދިން ޙަމަލާތަކުގައި ޝަހީދު ކޮށްލާފައި ވަނީ ރެފިއުޖީންގެ ތެރޭގައި ހިމެނޭ ކުށެއް ނެތް އަންހެނުންނާއި ކުޑަކުދިން ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ.

މީގެ އިތުރުން ޣައްޒާގެ އުތުރުގައި އޮތް ޣައްޒާ ސިޓީ ހުސްކުރަން ވެސް ޔަހޫދީ ފައުޖުން ދަނީ އަންގަމުންނެވެ. ބަރުހަތިޔާރާއި އަސްކަރީ ޓޭންކުފަހަރާ އެކު ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން މީގެ ތިން ދުވަސް ކުރިން އެ ރަށަށް އަރައިގަނެފައިވާއިރު, ޢާންމުންގެ ގެދޮރާއި, ވަގުތީ ހިޔާތަކާއި ހަސްފަތާލުތަކަށް އަމާޒުކޮށް ދެމުންދާ ރަޙުމު ކުޑަ ޙަމަލާތައް ވަނީ އިތުރު ކޮށްފައެވެ.

ޣަައްޒާ ސިޓީގެ ރައްޔިތުން ބުނީ, ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން އެ ރަށުގެ ކޮންމެ ގެއަކަށް ގަދަބާރުން ވަދެގަނެ, އެ ގެތަކުގެ އަހުލުވެރިންނަށް ބިރު ދައްކަމުންދާ ކަމުގައެވެ. އަދި, ޢާންމުން ދިރިއުޅޭ ގިނަ ޢަދަދެއްގެ ގެދޮރަށް އަސްކަރީ ޓޭންކުފަހަރުން ޙަމަލާ ދީފައިވާ ކަމުގައި ވެސް އެ ރަށުގެ ރައްޔިތުން ބުންޏެވެ. އެ ރަށުގައި ހުންނަ, ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާގެ މައި އޮފީހަށް ވެސް ޔަހޫދީ ފައުޖުގެ ސިފައިން ވަނީ ވަދެގަނެފައެވެ. އަދި, އެ ތަނުގެ ގޯތި ތެރޭގައި ޔަހޫދީ ފައުޖުގެ އަސްކަރީ ޓޭންކުފަހަރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ފަލަސްޠީނުގެ ރެޑް ކްރެސެންޓުން ބުނީ, ޔަހޫދީ ފައުޖުގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ ގިނަ ޢަދަދެއްގެ ބަޔަކު ހަސްފަތާލުތަކަށް ގެންގޮސްދިނުމަށް އެދި ގުޅައި, އާދޭސް ކުރަމުންދާ ކަމުގައެވެ. ނަމަވެސް, އެ އިދާރާގެ އެމްބިޔުލާންސްތަކަށް ޔަހޫދީ ފައުޖުން ހުރަސް އަޅަމުންދާތީ, ޒަޚަމު ކޮށްލާފައިވާ މީހުންނަށް ޞިއްޙީ ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހުރަސް އެޅިފައިވާ ކަމުގައި އެ އިދާރާއިން ބުންޏެވެ.

"ޣައްޒާ ސިޓީން ލިބެމުން ދަނީ ބިރުވެރި މަޢުލޫމާތުތަކެއް. އެ ރަށުގެ ރައްޔިތުން ދިރިއުޅެމުން ދަނީ ވަރަށް ނިކަމެތި ހާލުގައި. [އިސްރާއީލުގެ] އިސްތިޢުމާރީ ސިފައިން ދަނީ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ޙަމަލާ ދެމުން. ރެފިއުޖީންގެ ދިރިއުޅޭ ފޭލިގެ ކޭމްޕުތަކާއި ވަގުތީ ހިޔާތަކަށް ބޮން އަޅަމުން،" ރެޑް ކްރޮސުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ފުޅާ ކުރަމުންދާ ޢުދުވާންތަކާ އެކު, ސުލްޙައިގެ މަގުޗާޓު ކުރިއެރުވުމަށް ބާއްވަން ތައްޔާރުވެފައިވާ މަޝްވަރާތައް ފޭލުވެދާނެ ކަމުގެ އިންޒާރު, ޣައްޒާގައި ވެެެރިކަން ކުރާ ޙަމާސް ޖަމާޢަތުން ވަނީ ދީފައެވެ. ޔަހޫދީންގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ބޭނުމަކީ ވެސް މިއީއެވެ. ޣައްޒާ ޢުދުވާން އިތުރަށް ފުޅާކޮށް, ޝަހީދު ކުރަމުންދާ މުސްލިމުންގެ ޢަދަދު އިތުރުކޮށް, ޙަމާސުން މަޝްވަރާތަކާ ދުރު ކުރުވުމެވެ.

ޣައްޒާގެ މިނިވަން ކަމާއި ސިޔާދަތު ހިމާޔަތް ކުރަން ޖިހާދު ކުރަމުންދާ ޙަމާސް އަދި އިސްލާމިކް ޖިހާދު ޖަމާޢަތުގެ މުޖާހިދުން ދަނީ ޣައްޒާ ސިޓީއަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިންނާ ކުރިމަތިލަމުންނެވެ. އެ ދަނޑިވަޅުގައި, ޣައްޒާގެ މެދުތެރޭގެ ސަރަޙައްދުތަކަށް ވެސް ޔަހޫދީ ފައުޖުން ދަނީ ޙަމަލާތައް އަމާޒު ކުރަމުންނެވެ. ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, ޣައްޒާގެ ދެކުނުގައި އޮތް އަލް-ނުޞަޔިރާތު ރެފިއުޖީ ކޭމްޕުގައި ޢާންމުން ދިރިއުޅޭ ގެއަކަށް ބޮންއަޅައި, ހަ މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.

ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ދަނީ 2023 އޮކްޓޫބަރު 7ން ފެށިގެން ލާއިންސާނީ ޢުދުވާނެއް ހިންގަމުންނެވެ. މީގެ ނުވަ މަސް ކުރިން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 38,243އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 88,243އަށް އުފުލިފައެވެ. އދން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.