ހައްދުފަހަނަ އެޅި ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ އައިއެސްގެ ވެރިޔާ އަބޫ ބަކްރު އަލް-ބަޣްދާދީގެ އަންބަކަށް މަރުގެ އަދަބު ދޭން ޢިރާޤުގެ ކޯޓަކުން ޙުކުމް ކޮށްފިއެވެ. އޭނާއަށް މަރުގެ އަދަބު ދޭން ޙުކުމް ކޮށްފައި ވަނީ އަލް-އަޔިޛީދީ ދަރިކޮޅުގެ އަންހެނުން ރަހީނުކޮށް, އަޅުވެތިކޮށް, އެ މީހުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގުމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ.
ޢިރާޤުގެ ޝަރުޢީ އެންމެ މަތީ އިދާރާ, ސުޕްރީމް ޖުޑީޝަލް ކައުންސިލުން ބުނީ, އަލް-ބަޣްދާދީއާއި އޭނާގެ އަންބެއްގެ ބައިވެރިވުމާ އެކު އެ ޤައުމުގެ ސިންޖާރު ޑިސްޓްރިކްޓުގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ އަޔިޛީދީ ދަރިކޮޅު އަންހެނުން ރަހީނުކޮށްފައިވާ ކަމުގައެވެ. އަދި, އަލް-މަވްޞަލްގައި އެ މީހުން ދިރިއުޅޭ ގޭގައި އަޔިޛީދީ ދަރިކޮޅުގެ އަންހެނުން އަޅުވެތި ކޮށްގެން ގެންގުޅެފައިވާ ކަމަށާއި, އެ މީހުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގާފައިވާ ކަމުގައެވެ.
"ޢިރާޤުގެ ކްރިމިނަލް ކޯޓުން ވަނީ ބަޣްދާދީގެ އަންބަކު ދަންޖައްސައި މަރަން ޙުކުމް ކޮށްފައި. އޭނާގެ މައްޗަށް ސާބިތުވެފައި ވަނީ ޔައިޛީދީ ދަރިކޮޅުގެ އަންހެނުންނާ ދެކޮޅަށް އިންސާނިއްޔަތާއި ޚިލާފު އަމަލުތައް ހިންގުމާއި, ގަތުލުއާންމު ހިންގުމާއި, ނިރުބަވެރިންނަށް ތާޢީދުކޮށް އެހީތެރިވެދިނުމުގެ ކުށް،" ނަން ހާމަ ކޮށްފައި ނުވާ ޢިރާޤުގެ ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ބުންޏެވެ. ބަޣްދާދީގެ އަނބި މީހާގެ މައްޗަށް ކުށް ސާބިތުވެފައިވީ ނަމަވެސް, މަރުގެ ޙުކުމް ތަންފީޒު ކުރާނީ ޢިރާޤުގެ އެޕީލްސް ކޯޓުން އެ ޙުކުމް ދަމަހައްޓައިފި ނަމައެވެ.
ބަޣްދާދީ އިސްވެ ޢިރާޤާއި ސޫރިޔާގައި ފެށި ހަނގުރާމައިގައި ހައްދުފަހަނަ އެޅި ނިރުބަވެރިންގެ ޖަމާޢަތެއް ކަމުގައިވާ އައިއެސުން ވަނީ އެ ދެ ޤައުމުގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކޮށްފައެވެ. އިސްލާމީ ޚިލާފަތެއް އުފެއްދުމުގެ ނަމުގައި އޭނާ އިސްވެ ހިންގާފައިވާ ނިރުބަވެރި ކަމުގެ އަމަލުތައް 2014އިން 2017ވަނަ އަހަރާ ޖެހެންދެން ދެމިގެން ދިޔައެވެ. އައިއެސްގެ ވެރިކަން ނިމުމަކަށް ގެނެސްފައި ވަނީ އެމެރިކާއިން އިސްވެ އެ ޖަމާޢަތާ ދެކޮޅަށް ފެށި ހަނގުރާމައިގައެވެ.