ޚަބަރު

ފުލުހުންގެ ޚިދުމަތް އިތުރު 20 ރަށެއްގައި ފަށަނީ


ފުލުހުންގެ ޚިދުމަތް މިހާރު ލިބެންނެތް 20 ރަށެއްގައި ވީއެންމެ އަވަހަކަށް ޕޮލިސް ޕޯސްޓްތައް ޤާއިމްކޮށް ފުލުހުން އެރަށްރަށުގައި ބައިތިއްބަން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ނިންމަވައިފިއެވެ. 

މިއީ ދިވެހި ފުލުހުންގެ ޚިދުމަތް މިހާރަށްވުރެ ފުޅާކޮށް ރައްޔިތުން އެދޭ ފަދައިން ކޮންމެ ރަށަކުން ފުލުހުންގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ކުރައްވާ މަސައްކަތެއްކަމަށާއި، އެކަމުގެ ތައްޔާރީތައް މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން މިހާރު ފައްޓަވާފައިވާކަމަށް އެއިދާރާއިން ވިދާޅުވެއެވެ.ފުލުހުން ނެތް ރަށްތަކުގައި ޕޮލިސް ޕޯސްޓްތައް ހެދުމަށް ނިންމެވީ، ފުލުހުންގެ ޚިދުމަތް ރާއްޖޭގެ ކޮންމެ ރަށަކުން ލިބިގެން ދިއުމަށް ރަށްރަށުގެ ކައުންސިލްތަކުންނާއި ރައްޔިތުންގެ ފަރާތުން އެދެމުންދާތީ މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ލަފާ ހޯއްދަވައި މޯލްޑިވްސް ޕޮލިސް ސާވިސްގެ އެގްޒެކެޓިވް ބޯޑުގެ މަޝްވަރާއާއެކު ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެއެވެ. އަދި ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި 20 ރަށުގައި މުޅިން އަލަށް ފުލުހުން ތިބެންފަށާނެކަމަށް ފުލުހުން ވިދާޅުވެއެވެ. 

img:http://s3.psmnews.mv/images/660x400/14634926853355.jpg|ރައީސް ޔާމިން އަދި ފުލުހުންގެ އިސްވެރިން / ފޮޓޯ: ޕީއެސްއެމް

މި ރަށްރަށަށް ފުލުހުން ފޮނުވުމަށްޓަކައި އެކަމަށް ބޭނުންވާ ފުލުހުން މިހާރު ނަގައި ނިމިފައިވާ ކަމަށާއި އެފުލުހުންނަށް ބޭނުންވާ ޚާއްޞަ ތަމްރީނުތައް ކުރިޔަށް އޮތް ހަފްތާގައި ފެށިގެންދާނެ ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެއެވެ. އަތޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް މުޅި ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ދާއިމަށް ފުލުހުން ބޭތިއްބުމަށް ފަށާ މި މަސައްކަތުގެ ދަށުން ފުރަތަމަ ފުލުހުން ބައިތިއްބާ 20 ރަށުގައިވެސް ރަމަޟާންމަސް ފެށުމުގެ ކުރިން ފުލުހުން ތިބެން ފަށާނެކަމަށް އެއިދާރާއިން ވިދާޅުވެއެވެ. އަދި މިއާއެކު އެ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ދާޢިމީ ގޮތެއްގައި ފަށައި ރައްޔިތުންނާ ގާތުން ގުޅިގެން މަސައްކަތްކޮށް އިޖުތިމާޢީ ޙާލަތު ދަމަހައްޓައި ކުށުގެ ނުރައްކާ ކުޑަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރައްޔިތުންނާއި ކައުންސިލާއެކު ގުޅިގެން ކުރަމުން ގެންދާނެކަމަށްވެސް ފުލުހުން މައުލޫމާތުދެއްވައެވެ. 

img:http://s2.psmnews.mv/images/660x400/14634927585581.jpg|ފުލުހުންގެ އަހަރީދުވަހުގެ ރަސްމިއްޔާތެއްގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ޕޮލިސް ޕޯސްޓް ތަކުގައި މަސައްކަތް ކުރާނެ ފުލުހުން ނަގަމުންދަނީ ފުލުހުންގެ ތެރޭގައި އެކަމަށް އިއުލާނުކޮށް އެކަމަށް ކުރިމަތިލާ ފުލުހުންގެ ތެރެއިންކަމަށާއި، ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް މުޅި ރާއްޖެއަށް ފުލުހުންގެ ޚިދުމަތްދިނުމަށް ކުރަމުންދާ މަސައްކަތަކީ، ރައްޔިތުންނަށް ކުރިމަތިވާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭނެޖެހޭ ބަޔަކީ ފުލުހުންނަށްވެފައި، ކުށުގެ ނުރައްކާ ކުޑަކޮށް ޖިނާޢީ މައްސަލަތައް ތަޙުޤީޤު ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް ގެނައުމަށް ކުރެވޭ މަސައްކަތެއްކަމަށް މޯލްޑިވްސް ޕޮލިސްސަރވިސަސްއިން ދެކެއެވެ. 

މުޅިރާއްޖޭއަށް ބަލާއިރު، 79 ރަށެއްގައި ފުލުހުންގެ 79 މަރުކަޒުހުރެއެވެ. އަދި އެ ރަށްރަށުގައި ދާޢިމީ ގޮތެއްގައި ފުލުހުން ދަނީ ހަރަކާތްތެރިވެ ޚިދުމަތްދެއްވަމުންނެވެ.