ޚަބަރު

އެމެރިކާއިން މަޑުޖައްސައިލި ބޮމުގެ ޝިޕްމަންޓް އަލުން ފޮނުވަނީ


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނަށް ބޭނުންވާ 500-ޕައުންޑުގެ ނުރައްކާތެރި އަދި ފަނާކުރަނިވި ބޮމުގެ ޝިޕްމަންޓުތައް އަލުން ފޮނުވަން ފެށުމަށް ނިންމައިފިއެވެ.

ޣައްޒާގެ މުސްލިމުންގެ ގެދޮރާއި, ފޭލިގެ ކޭމްޕުތަކާއި, ހަސްފަތާލުތަކާއި, މަދަރުސާތަކާއި މިސްކިތްތަކަށް ބޮންއެޅުމަށް ޔަހޫދީ ފައުޖުން ބޭނުން ކުރަމުންދާ ހަތިޔާރުގެ ބޮޑު ބަޔެއް ފޯރުކޮށްދެމުން ދަނީ އެމެރިކާއިންނެވެ. ނަމަވެސް, ޣައްޒާގެ މުސްލިމުންގެ ލޭއޮހޮރުވައިލުމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ބައިވެރިވުން އޮތް ކަމަށް ބުނާ އަޑުތައް ގަދަވާން ފެށުމުން އެމެރިކާއިން ވަނީ ބައެއް ބާވަތްތަކުގެ ހަތިޔާރު ފޯރުކޮށްދިނުން މަޑުޖައްސައިލާފައެވެ. އެއީ, މޭ މަހުގެ ތެރޭގައެވެ.

އެ ގޮތުން, ޔަހޫދީންނަށް ފޯރުކޮށްދިނުން މަޑުޖައްސައިލާފައިވާ ހަތިޔާރުތަކުގެ ތެރޭގައި 500-ޕައުންޑު ބޮމާއި, 2,000-ޕައުންޑުގެ ނުރައްކާތެރި ބޮންތައް ހިމެނެއެވެ. އޭގެ ތެރެއިން 500-ޕައުންޑު ބޮމުގެ ޝިޕްމަންޓުތައް ޔަހޫދީންނަށް އަލުން ފޯރުކޮށްދޭން ފެށުމަށް ބައިޑަންގެ ސަރުކާރުން ނިންމާފައިވީ ނަމަވެސް, 2,000-ޕައުންޑުގެ ބޮމުގެ ޝިޕްމަންޓުތައް ފޮނުވަން ފަށާނެ ތާރީޚެއް އިޢުލާނު ކޮށްފައެއް ނެތެވެ.

ޔަހޫދީ ފައުޖުން އެ ފަދަ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން އެންމެ ގިނަ ޙަމަލާތަކެއް އަމާޒު ކޮށްފައި ވަނީ 1.5 މިލިޔަނަށްވުރެ ގިނަ ޢަދަދެއްގެ ރެފިއުޖީން ތިބި ރަފަޙަށެވެ. 2,000-ޕައުންޑުގެ ބޮންތައް ބޭނުންކޮށްގެން ޔަހޫދީ ފައުޖުން ދަނީ ޣައްޒާގެ މުސްލިމުންގެ ގެދޮރު ސުންނާފަތިކޮށް, ބިމާ ހަމަ ކުރަމުންނެވެ.

"އަޅުގަނޑުމެންގެ [ބައިޑަން ސަރުކާރުގެ] ކަންބޮޑުވުމަކަށްވީ, 2,000-ޕައުންޑުގެ ބޮން ބޭނުން ކޮށްގެން [ޒަޔަނިސްޓު] އިސްރާއީލުގެ ފައުޖުން ރަފަޙަށް ޙަމަލާ ދިނުން. ނަމަވެސް, ރަފަޙުގައި ހިންގަމުންދާ އަސްކަރީ ކެމްޕޭން ނިމުމަކާ ގާތްވެފައިވާ ކަން އެ މީހުން [ޔަހޫދީން] ވަނީ އިޢުލާނު ކޮށްފައި. 500-ޕައުންޑުގެ ބޮން މިހާރު ވެސް މި ދަނީ ފޮނުވަމުން،" ނަން ހާމަ ކޮށްފައި ނުވާ އެމެރިކާ ސަރުކާރުގެ އޮފިޝަލު ބުންޏެވެ. އެމެރިކާއިން ނުރައްކާތެރި ހަތިޔާރު ޔަހޫދީންނަށް ފޯރުކޮށްދޭން އަލުން ފެށުމަށް ނިންމާފައި ވަނީ, ޔަހޫދީންގެ އެ ބަސްތަކާ ގުޅިގެންނެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމަށް ބޭނުންވާ ބައެއް ހަތިޔާރު ފޯރުކޮށްދިނުން އެމެރިކާއިން މަޑުޖައްސައިލުމާ އެކު ޔަހޫދީންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ބައިޑަނަށް ވަރަށް ބޮޑަށް ފާޑުކިޔައި, ބަހުގެ ޙަމަލާތަކެއް އަމާޒު ކޮށްފައެވެ. އެ ކަމާ ހިތްދަތިވެ, އެމެރިކާއިން ވަނީ ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދިނުން މުޅިން ހުއްޓައިލާފައި ނުވާނެ ކަމަށް ބުނެފައެވެ. އަދި, ޔަހޫދީންގެ މަސްލަަޚަތު ޙިމާޔަތް ކޮށްދިނުމުގައި ދެމި އޮންނާނެ ކަމުގެ ޔަގީން ކަން އަރުވާފައެވެ.

2023 އޮކްޓޫބަރު 7ގައި ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ބޭނުން ކުރުމަށް އެމެރިކާއިން ގިނަ ޢަދަދެއްގެ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ފޮނުވާފައިވެއެވެ. އޭގެ ތެރޭގައި, އެމްކޭ-84 މަރުކާގެ 2,000-ޕައުންޑުގެ 14,000 ބޮމާއި, 500-ޕައުންޑުގެ 6,500 ބޮމާއި, ހެލްފަޔަރ މަރުކާގެ 3,000 މިސައިލާއި, ބަންކަރ ނުވަތަ ބިންގަރާސް ފަދަ ތަންތަނަށް ޙަމަލާ ދޭން ބޭނުން ކުރާނެ 1,000 ބޮމުގެ އިތުރުން އެހެން މަރުކާތަކުގެ 2,600 އަށްވުރެ ގިނަ ބޮން ހިމެނެއެވެ.

އެ ހަތިޔާރުތަކުގެ ޢަދަދުން ހާމަ ވަނީ ހަމަ އެންމެ ކަމެކެވެ. އެއީ, ޣައްޒާގެ މުސްލިމުންގެ ތެރެއިން ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިން ޝަހީދު ކުރަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި އެމެރިކާގެ ބައިވެރިވުން އޮތް މިންވަރެވެ. ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުތަކުގައި ބައިޑަން ބައިވެރިވެ ވަޑައިގަންނަވަމުން ގެންދަވާ ކަމެވެ. ފަލަސްޠީނުގެ މުސްލިމް ތުއްތު ޝަހީދުންގެ ލެއިން ބައިޑަންގެ ދެ އަތްތިލަ ތަތްތެޅިފައިވާ ކަމެވެ.

ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ދަނީ 2023 އޮކްޓޫބަރު 7ން ފެށިގެން ލާއިންސާނީ ޢުދުވާނެއް ހިންގަމުންނެވެ. އޭގެ ނުވަ މަސް ކުރިން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 38,295އަށް އުފުލިފައެވެ.

އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 88,241އަށް އުފުލިފައެވެ. އދން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.