އެމެރިކާއިން އުފައްދާފައިވާ ބެލިސްޓިކް މިސައިލް ޙަމަލާތަކުން ދިފާޢުވުމަށް ބޭނުން ކުރާ ނިޒާމެއް ޕޮލެންޑުގައި ގާއިމު ކޮށްފިއެވެ. އެ ނިޒާމު އޮޕަރޭޝަނަށް ގެނެސްފައިވާ ކަން އިޢުލާނު ކުރައްވާފައި ވަނީ ނޭޓޯއަށް 75 އަހަރު ފުރުން ފާހަގަ ކުރުމަށް އެމެރިކާގެ ވޮޝިންގޓަނުގައި ބޭއްވި ހަރަކާތްތަކުގެ ހަވާސާގައި ވާހަކަފުޅު ދައްކަވަމުން އެ އިއްތިހާދުގެ ވެރިޔާ ޔެންސް ސްޓޮލްޓެންބަރގެވެ.
ޕޮލެންޑުގައި ބެލިސްޓިކް މިސައިލުން ދިފާޢުވާނެ ނިޒާމެއް ގާއިމު ކޮށްފައި ވަނީ, ނޭޓޯގެ ޤައުމުތަކުގެ ދިފާޢީ ކަންކަން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުންނެވެ. ނޭޓޯއިން ދެކޭ ގޮތުގައި, ދުޝްމަނުންގެ ކިބައިން އެ އިއްތިހާދުގެ މެންބަރު ޤައުމުތަކަށް އޮތް ނުރައްކާ ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. އޭނާ އިޝާރާތް ކުރައްވާފައި އެ ވަނީ ރަޝިޔާއަށް ކަމަށް ބެލެވެއެވެ.
"ދިފާޢީ އިއްތިހާދަކަށް, އެ ފަދަ [ބެލިސްޓިކް މިސައިލްގެ] ނުރައްކާތަކަށް އަޅައިނުލައި ނުތިބެވޭނެ. މިސައިލް ޙަމަލާތަކުން ދިފާޢުވާނެ ނިޒާމުތައް ގާއިމު ކުރުމަކީ ނޭޓޯ މެންބަރު ޤައުމުތަކުގެ ދިފާޢު ކަށަވަރު ކުރުމަށް އެންމެ މުހިންމު އެއް މަސައްކަތް،" ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާއި މެދުއިރުމަތީގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި ވެސް ގިނަ ޢަދަދެއްގެ ބެލިސްޓިކް މިސައިލް ބޭނުން ކުރަމުންދާ ކަން ފާހަގަ ކުރައްވައި ސްޓޮލްޓެންބަރގް ވިދާޅުވިއެވެ.
އީޖިސް އަޝޯރގެ ނަންދީފައިވާ މިސައިލް ދިފާޢީ ނިޒާމު ގާއިމު ކޮށްފައި ވަނީ ޕޮލެންޑުގެ އުތުރުގައި އޮންނަ ރެޖީކޮވޯގައެވެ. އެއީ, ކުރު-ރާސްތާ އަދި މެދު-ރާސްތާގެ ބެލިސްޓިކް މިސައިލްތައް ދިފާޢުކޮށް ވައްޓައިލަން ބޭނުން ކުރެވޭނެ ނިޒާމެކެވެ. ނޭޓޯގެ ޤައުމުތަކުގައި މިސައިލް ދިފާޢީ ނިޒާމުތައް ގާއިމު ކުރުމަށް އެ އިއްތިހާދުން ހިންގަމުންދާ މި ޕުރޮގުރާމުގެ މަޤުޞަދަކީ, ވިލާތުގެ ޤައުމުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށް ދުޝްމަނުން ދީފާނެ ޙަމަލާއަކުން ދިފާޢުވުމުގެ ގާބިލު ކަން އިތުރު ކުރުން ކަމުގައި އެ އިއްތިހާދުން ބުނެއެވެ.
ޕޮލެންޑުގެ އިތުރުން ރޮމޭނިޔާގައި ވެސް ނޭޓޯން ވަނީ އީޖިސް އަޝޯރ މަރުކާގެ ދިފާޢީ ނިޒާމެއް ގާއިމު ކޮށްފައެވެ. އޭގެ އިތުރުން, ސްޕެއިންގެ ބަނދަރުމަތީ ރަށް, ލީސްތާގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރުތައް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި, މިސައިލް ޙަމަލާގެ އިންޒާރުދޭ އަރލީ ވޯނިންގ ނިޒާމެއް އެމެރިކާއިން ވަނީ ތުރުކީވިލާތުގެ ރަށެއް ކަމުގައިވާ ކުރޭޖިކްގައި ވެސް ގާއިމު ކޮށްފައެވެ.
ނޭޓޯއިން ބުނީ އީޖިސް އަޝޯރ ނިޒާމަކީ ދީފާޢަށް އެކަނި ބޭނުން ކުރާނެ ވަސީލަތެއް ކަމުގައެވެ. ޕޮލެންޑާއި ރޮމޭނިޔާގައި ގާއިމު ކޮށްފައިވާ ނިޒާމުތައް ބަލަހައްޓައި ހިންގުމަށް 200އެއްހާ ސިފައިން ހަރަކާތްތެރިވާނެއެވެ. ރޮމޭނިޔާގެ ދެވެސެލޫގައި އީޖިސް އަޝޯރ ނިޒާމު ގާއިމު ކޮށްފައި ވަނީ 2016 ވަނަ އަހަރުއެވެ.
އޭގެ އިތުރުން, އެމެރިކާއިން އުފައްދާ ދުރު-ރާސްތާ ބެލިސްޓިކް މިސައިލްތައް ޖަރުމަނުވިލާތަށް ފޮނުވަން އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ. ނޭޓޯގެ ދިފާޢު ހަރުދަނާ ކުރުމުގެ ނަމުގައި އެމެރިކާއިން ހިންގާ މަޝްރޫޢުގެ ދަށުން 2026ވަނަ އަހަރުގެ ކުރިން ޖަރުމަނުވިލާތުގައި ދުރު-ރާސްތާ ބެލިސްޓިކް މިސައިލް މަރުކަޒެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަން އިޢުލާނު ކޮށްފައި ވަނީ އެ ޤައުމުން ގުޅިގެންނެވެ.
އެ މަޝްރޫޢުގެ ދަށުން އެމެރިކާގައި އުފައްދާ އެސްއެމް-6 އަދި ޓޮމަހޯކް މަރުކާގެ ކްރޫޒް މިސައިލްތަކާއި, މިިހާރު ބިނާ ކުރަމުންދާ އައު މަރުކާތަކުގެ ހައިޕަރސޮނިކް ނުވަތަ އަޑަށްވުރެ ބާރަށް ދަތުރު ކުރުމުގެ ގާބިލު ކަން ލިބިފައިވާ މިސައިލްތައް ޖަރުމަނުވިލާތަށް ފޮނުވާނެއެވެ. އެއާ އެކު, ދުރުގައި އޮންނަ ދުޝްމަނުންގެ އަމާޒުތަކަށް ޙަމަލާ ދިނުމުގެ ގާބިލުކަން ވިލާތުގެ ޤައުމުތަކަށް ލިބިގެންދާނެއެވެ.
1987ވަނަ އަހަރު އެމެރިކާއާއި ކުރީގެ ރޫސީވިލާތާ ދެމެދު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން 500 ކިލޯމީޓަރަށްވުރެ ދުރު ރާސްތާގެ މިސައިލްތައް އުފެއްދުމާއި ބޭނުން ކުރުން އޮތީ މަނާކޮށްފައެވެ. އެ އެއްބަސްވުމުގެ ބައިވެރިންގެ ގޮތުން ވިލާތުގެ ބައެއް ޤައުމުތައް ކަމުގައިވާ ޖަރުމަނުވިލާތާއި, ހަންގެރީއާއި, ޕޮލެންޑާއި ޗެކް ރިޕަބްލިކުން ވަނީ އެ ފަދަ ހަތިޔާރުތައް ނައްތައިލާފައެވެ. އޭގެ އިތުރުން ސްލޮވާކިޔާއާއި ބަލްގޭރިޔާއިން ވެސް ވަނީ އެ ފަދަ ހަތިޔާރުތައް ނައްތައިލާފައެވެ. ނަމަވެސް, އެ އެއްބަސްވުމުގެ މުއްދަތު 2019ވަނަ އަހަރު ވަނީ ހަމަވެފައެވެ.
އަދި, 2019ވަނަ އަހަރު ރަޝިޔާއިން އެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ބުނެ އެމެރިކާއިން ވަނީ އެއްބަސްވުމަށް އަމަލު ކުރުން ހުއްޓައިލާފައެވެ. އެމެރިކާއިން ތުހުމަތު ކުރި ގޮތުގައި, 9އެމް729 މަރުކާގެ ދުރު-ރާސްތާ މިސައިލް އުފެއްދުން ރަޝިޔާއިން ހުއްޓައިލާފައެއް ނުވެއެވެ. ނަމަވެސް, ކްރެމްލިނުން މި ތުހުމަތުތައް ދޮގު ކުރެއެވެ. އަދި, 500 ކިލޯމީޓަރުން ފެށިގެން 5,500 ކިލޯމީޓަރުގެ ދުރު ރާސްތާ މިސައިލް އުފެއްދުން އަމިއްލައަށް މަނާ ކުރިއެވެ.
ނަމަވެސް, އެމެރިކާއިން ވިލާތާއި އޭޝިޔާގެ ޤައުމުތަކަށް މިސައިލްތައް ފޮނުވަން ފެށުމާ ގުޅިގެން ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވަނީ ކުރު-ރާސްތާ އަދި މެދު-ރާސްތާގެ ބެލިސްޓިކް މިސައިލް އުފެއްދުމުގެ މަސައްކަތް ފެށުމަށް އޭނާގެ އަސްކަރިއްޔާއަށް އިރުޝާދު ދެއްވާފައެވެ. ރަޝިޔާއިން ބުނީ, އެމެރިކާއިން އަމަލު ކުރަމުންދާ ގޮތާ ޚިލާފަށް އެ ޤައުމުން އެހެން ޤައުމުތަކަށް އެ ފަދަ މިސައިލްތައް ނުފޮނުވާނެ ކަމުގައެވެ.