ޚަބަރު

ބޮޑު ދެ ސްކޭމް، ކޮންމެ ސްކޭމެއްގައި 150އަށްވުރެ ގިނަ މީހުން ޝާމިލްވޭ!


  • އެއް ސްކޭމަކީ 1.9 މިލިއަން ރުފިޔާގެ ސްކޭމެއް

  • ދެވަނަ ސްކޭމަކީ 587،000 ރުފިޔާގެ ސްކޭމެއް

އޮޅުވާލައިގެން ކާކުކަން ނޭނގޭގޮތަށް ހިންގި ބޮޑު ދެ ސްކޭމެއްގައި ޖުމްލަ 2.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރިގައިނެފައިވާކަމށް ފުލުހުން ވިދާޅުވެއްޖެއެވެ. މިއިން ކޮންމެ ސްކޭމެއްގައި 150 އަށް ވުރެ ގިނަ މީހުން ޝާމިލްވާކަން މިހާތަނަށް ތަހުގީގަށް ހާމަވެފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން މިކަން ހާމަކޮށްފައިވަނީ ސްކޭމްތަކާއި ގުޅޭގޮތުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ރަސްމާލެ މަޝްރޫޢުކަމަށް ބުނެ އޮޅުވާލައިގެން 1.9 މިލިއަން ރުފިޔާ ފޭރިގަތުން


މިމައްސަލައިގެ ތެރެއިން އެންމެ ބޮޑު އަދަދެއް ފޭރިގައިނެފައިވަނީ ވިޔަފާރި ކުންފުންޏެއްގެ ހިއްސާދާރެއްގެ އަތުންނެވެ. އެގޮތުން މި ޖޫން މަހުގެ 18 ވަނަ ދުވަހު ވިޔަފާރި ކުންފުނީގެ ހިއްސާދާރަށް މެސެޖުކޮށް ރަސްމާލެ މަޝްރޫޢުއަށް ސަޕްލައިކޮށްދިނުމުގެ ނަމުގައި އޮޅުވާލައިގެން އީމެއިލް ހޯދާ އޭނާގެ ބޭންކް އެކައުންޓުތަކަށް ސްކޭމަރުން ވަނީ ވަދެފައެވެ.

ކުންފުނީގެ ހިއްސާދާރަށް އަމާޒުކޮށް ހިންގި މި ސްކޭމުގައި އެމީހާގެ އަމިއްލަ އެކައުންޓުންވެސް 25،000 ރުފިޔާ ފޭރިގަނެފައިވެއެވެ. އަދި އޭނާ ނިސްބަތްވާ ކުންފުނީގެ އެކައުންޓުގައި ހުރި 2.6 މިލިއަން ރުފިޔާގެ ތެރެއިން 1.9 މިލިއަން ރުފިޔާ ވަނީ ފޭރިގަނެފައެވެ. މި ބޮޑު ސްކޭމަށް ހޭދަކުރީ އެންމެ 2 ގަޑި އިރާއި 46 މިނެޓެވެ. މި ސްކޭމް ބޭންކަށް ގުޅައިގެން ހުއްޓުވުނު އިރު ކުންފުނީގެ އެކައުންޓުގައި ބާކީ ހުރީ 8 ލައްކަ ރުފިޔާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ސްކޭމްގެ ފައިސާގެ ހުރިހާ މުޢަމާލާތްތެއްގައި ޖުމްލަ 158 މީހެއް ސީދާ އަދި ނުސީދގޮތުން ބައިވެރިވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލާގައި ހިމެނޭ އެކަކު ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.އަދި 59 އެކައުންޓެއް ވަނީ ފްރީޒްކޮށްފައެވެ. މި މައްސަލާގައި މިހާތަނަށް ރިކަވަރަ ކުރެވިފައިވަނީ ނުވަތަ އަނބުރާ ހޯދިފައިވަނީ 548،000 ރުފިޔާއެވެ. މި މައްސަލަ އަދިވެސް ފުލުހުން ދަނީ ތަހުގީގްކުރަމުންނެވެ.

ދެވަނަ ސްކޭމް، 587,000 ރުފިޔާ

ސްކޭމްގެ ދެވަނަ މައްސަލައަކީ މިއަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި 587،000 ރުފިޔާއެވެ. މި ސްކޭމް ހިންގާފައިވަނީ، މީހެއްގެ އީމެއިލް އެޑްރެސް ހޯދުމަށްފަހު، އޭނާގެ ސިމް އީސިމަކަށް ބަދަލުކޮށް ބޭންކު އެކައުންޓުތަކަށް ވަދެގެންނެވެ. އެ މީހާގެ އެކައުންޓުން ފައިސާ ފޭރިގަތީ ފްލެޓެއް ލިބުނު ކަމަށް ބުނެ ގުޅައިގެން އޮޅުވާލައިގެންނެވެ.

މިމައްސަލާގައި ކުށުގެ ޝިކާރައަކަށްވީ މީހާގެ އަމިއްލަ އެކައުންޓުން 25،000ރ. ނަގާފައިވާއިރު، އޭނާ ނިސްބަތްވާ ޖަމްޢިއްޔާގެ އެކައުންޓުން 562،000ރ. ވަނީ ފޭރިގަނެފައެވެ. ފުލުހުން ވިދާޅުވީ، މިމައްސަލައިގެވެސް ސްކޭމް ހިންގުމަށް ނެގީ މަދު ވަގުތުކޮޅެއް ކަމަށެވެ. މި ސްކޭމަށް ހޭދަވީ 1 ގަޑިއިރާއި 49 މިނެޓު ތެރޭގައެވެ. މިފައިސާތައް ވަނީ އެކި ަރށްރަށުގައި ތިބި އެކި މީހުންގެ އެކައުންޓަށް ޖަމާކޮށްފައެވެ.

މިގޮތުން 8 އަތޮޅެއްގެ 36 ރަށަކުން 150 މީހުން ސީދާގޮތުންނާއި ނުސީދާކޮށް ޝާމިލްވާކަމަށް ފުލުހުން ވިދާޅުވެއެވެ. މިމައްސަލައާއި ގުޅިގެން މާފުށި ޖަލު ފާސްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ޖަލުން ފޯނުތަކާއި އެއާއިގުޅުން ހުރި ބައެއް ތަކެތި ފުލުހުން ވަނީ ހޯދާފައެވެ. އަދި ޖަލުގައި ތިބި ބައެއް ޤައިދީންގެ އެކައުންޓުތަކަށްވެސް ފައިސާ ޖަމާކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި ސްކޭމްތަކުގައި ބައިވެރިވެފައިވާ ބައެއް މީހުންނަކީ މީގެކުރިން ކުށުގައި ޝާމިލްވެފަިއ ނުވާ މިހުންނެވެ. އެގޮތުން ބައެއް މީހުންނަކީ ރުފިޔާ ނެގުމަށް މެދުވެރިކުރުވި މީހުންކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ އެންޓި ސްކޭމް ޑިޕާޓްމެންޓްގެ އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ މިފަދަ މައްސަލަތަކުގައި މާފުށީ ޖަލާއި ގުޅުން ހުރިކަމުގެ ހެކިތައް ލިބިފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ މިފަދަ މައްސަލަތަކާ ހެދި މިއަހަރު މިހާތަނަށް ބޭންކުތައް މެދުވެރިކޮށް 500 އަށް ވުރެ ގިނަ އެކައުންޓުތައް ބްލޮކް ކުރެވިފައިވާ ކަމަށެވެ.