ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނަށް ވަގުތުން ނިމުމެއް ގެންނަން ޖެހޭ ކަމަށާއި, އެއަށް ފަހު ޔަހޫދީންގެ އަޅުވެތިކަމުން ޣައްޒާގެ މުސްލިމުން މިނިވަން ކުރަން ޖެހޭ ކަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ. އޭނާ ހުށަހަޅުއްވާފައިވާ ސުލްޙައިގެ މަގުޗާޓާ ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ބައިޑަން ވިދާޅުވީ, މަގުޗާޓުގައިވާ މައިގަނޑު ކަންކަމަށް ދެ ފަރާތުން ވެސް އެއްބަސްވެފައިވާ ކަމުގައެވެ.
"އެއްބަސްވުމުގެ މައިގަނޑާ މެދު ދެ ފަރާތުން ވެސް އެއްބަސްވޭ. އެހެންވެ, އަޅުގަނޑުގެ ޓީމުތައް ފޮނުވާފައި ވާނީ, ދެ ފަރާތުގެ ދެމެދުގައި އޮތް ޚިޔާލު ތަފާތުވުންތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަން،" ބައިޑަން ވިދާޅުވިއެވެ.
ޣައްޒާ ޢުދުވާނަށް ނިމުމެއް ގެނައުމާ ގުޅޭ ގޮތުން ސުލްޙައިގެ މަގުޗާޓެއް އެކުލަވައިލައްވައި ބައިޑަން އެ ކަން އިޢުލާނު ކުރައްވާފައި ވަނީ މޭ 31ވަނަ ދުވަހުއެވެ. އެއީ, ތިން މަރުޙަލާއެއްގެ މައްޗަށް ބިނާކޮށްފައިވާ މަގުޗާޓެކެވެ. އޭގެ ދަށުން ހާސިލު ކުރެވޭނެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ ޔަހޫދީ އަސީރުން މިިނިވަން ކުރުމާއި, ޔަހޫދީ ފައުޖުން ހައްޔަރު ކޮށްފައިވާ ފަލަސްޠީނުގެ މުސްލިމުން މިނިވަން ކުރުން ހިމެނެއެވެ.
އަދި, ޢުދުވާން ހުއްޓައިލައި ޣައްޒާއަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން އެ ސަހަރުން ބޭލުމުގެ އިތުރުން ޣައްޒާ އަލުން އާރާސްތު ކުރުމުގެ މަޝްވަރާތައް ވެސް އޭގެ ތެރޭގައި ހިމެނެއެވެ. އެ ކަންކަމާ މެދު ޤަޠަރާއި މިޞްރުން އިސްވެ ވިލަރެސް ކުރަމުންދާ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަތުމަށް އެމެރިކާގެ ޖާސޫސީ އިދާރާގެ ވެރިޔާ ވިލިޔަމް ބަރންސާއި މެދުއިރުމައްޗަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ބްރެޓް މެކްގަރކް މިހާރު ގެންދަވަނީ މެދުއިރުމަތީގެ ޤައުމުތަކަށް ދަތުރު ކުރައްވަމުންނެވެ.
"ހައްލު ހޯދަން ޖެހޭ ވަރަށް ހައްސާސް މައްސަލަތައް އެބަހުރި. ޚިޔާލު ތަފާތުވުންތައް އެބަހުރި. ނަމަވެސް, ކުރިއެރުން އެބަ ލިބޭ. އެއީ ރަނގަޅު ފާލެއް. މަޝްވަރާތައް ކާމިޔާބު ކަމާ އެކު ނިންމައިލައި, އެއްބަސްވުމެއްގެ ދަށުން ހަނގުރާމަ [ޔަހޫދީ ފައުޖުގެ ލާއިންސާނީ ޢުދުވާން] ނިމުމަކަށް ގެނެވޭނެ ކަމާ މެދު އުންމީދު އެބައޮތް. ހަނގުރާމަ [ޢުދުވާން] ހަމަ މިހާރު ހުއްޓައިލަން ޖެހޭ،" ބައިޑަން ވިދާޅުވިއެވެ.
އެމެރިކާގެ އެދުމުގެ މަތިން ޙަމާސުން ވަނީ އެ ޖަމާޢަތުން ކުރަމުން ދިޔަ މައިގަނޑު އެއް ޝަރުޠު ދޫކޮށްލާފައެވެ. އެއީ, އެއްވެސް އެއްބަސްވުމެއް އެކުލަވައިލުމުގެ ކުރިން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓައިލުމެވެ. އެއީ ޔަހޫދީން ވެސް ބޭނުންވާ ގޮތެވެ. ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވައިލި ނަމަވެސް, ޢުދުވާންތައް ހުއްޓައިލަން ޔަހޫދީންގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބޭނުމެއް ނުވެއެވެ.
ޢުދުވާން ނިމުމަކަށް ގެނައުމުގެ އިތުރުން ޣައްޒާގެ މުސްލިމުން އަޅުވެތި ކަމުން ސަލާމަތް ކުރަން ޖެހޭ ކަމަށް ވެސް ބައިޑަން އެއްބަސްވެ ވަޑައިގަންނަވައެވެ. އޭގެ އިތުރުން, ޔަހޫދީ އިސްރާއީލުގެ ހަނގުރާމައިގެ ކެބިނެޓަށް ވެސް އޭނާ ފާޑު ވިދާޅުވިއެވެ. ބައިޑަން ވިދާޅުވީ, އިސްރާއީލުގެ ވެރިން ލައްވައި ކަންކަން ކުރުވުމަކީ "ބައެއް ފަހަރު ފަސޭހަ ކަމެއް ނޫން" ކަމުގައެވެ.
ޢުދުވާންތައް ހުއްޓުވަން ބައިޑަން މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅުގައި, ޢުދުވާނުގައި ޔަހޫދީ ފައުޖުން ބޭނުން ކުރަމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ޔަހޫދީންނަށް ފޯރުކޮށްދިނުމަށް ވެސް އެމެރިކާއިން ދަނީ މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންނެވެ. އެ ގޮތުން, މަޑުޖައްސައިލާފައި އޮތް 500-ޕައުންޑުގެ ބޮމުގެ ޝިޕްމަންޓުތައް އިސްރާއީލަށް ފޮނުވުމުގެ މަސައްކަތް ބައިޑަންގެ ސަރުކާރުން އަނެއްކާ ވެސް ވަނީ ފަށާފައެވެ.
ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ދަނީ 2023 އޮކްޓޫބަރު 7ން ފެށިގެން ލާއިންސާނީ ޢުދުވާނެއް ހިންގަމުންނެވެ. އޭގެ ނުވަ މަސް ކުރިން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 38,345އަށް އުފުލިފައެވެ.
އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 88,295އަށް އުފުލިފައެވެ. އދން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.