ޚަބަރު

ނޭޓޯގެ ހަތިޔާރު ބޭނުންކޮށްގެން ރަޝިޔާއަށް ޙަމަލާދިނުމުގެ ހުއްދައަށް ޔޫކްރެއިނުން އެދެނީ


ޔޫކްރެއިންގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތް ކުރުމުގެ ބަދަލުގައި, ނޭޓޯއިން ޔޫކްރެއިނަށް ފޯރުކޮށްދެމުންދާ ހަތިޔާރު ބޭނުން ކޮށްގެން ރަޝިޔާގެ ރަށްތަކަށް ޙަމަލާދީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ އިތުރަށް ފުޅާ ކުރުމުގެ ހުއްދަ ހޯދަން ޔޫކްރެއިނުން މަސައްކަތް ފަށައިފިއެވެ. މި ގޮތުން, ނޭޓޯގެ ގުޅުމަށް 75 އަހަރު ފުރުން ފާހަގަ ކުރުމަށް އެމެރިކާގެ ވެރިރަށް ވޮޝިންގޓަނުގައި ބޭއްވި ސަމިޓުގައި ޔޫކްރެއިނުން ވަނީ މި ކަމަށް އެދި ރަސްމީކޮށް ހުށަހަޅާފައެވެ.

އެ ސަމިޓުގައި ނޭޓޯގެ މެންބަރު ޤައުމުތަކުން ވަނީ, ޔޫކްރެއިންގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރުމަށް އެ ޤައުމުން ކުރަމުންދާ ހަނގުރާމައަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމުގައި ދެމި އޮންނާނެ ކަން ހާމަ ކޮށްފައެވެ. އަދި, ޔޫކްރެއިނަށް ބޭނުންވާ ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުން ހަލުވިކޮށް, އެ ޤައުމަށް ނޭޓޯގެ މެންބަރުކަން ދިނުމުގެ ކަންކަން އަވަސް ކުރުމަށް ވެސް އެ އިއްތިހާދުގެ މެންބަރު ޤައުމުތަކުން ވަނީ އެއްބަސްވެފައެވެ.

"[ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި] ޔޫކްރެއިނަށް ކާމިޔާބީ ހޯދައިދިނުމުގެ ބިންގާ އަޅުގަނޑުމެން މިއަދު މި އަޅަނީ. މިއަދު [ރަޝިޔާގެ ވެރިރަށް] މޮސްކޯއަށް އަޅުގަނޑުމެން މި ފޮނުވާ މެސެޖަކީ, ހަނގުރާމައާއި ބިރުދައްކައިގެން ކަންކަން ހާސިލު ނުކުރެވޭނެ ކަން. އަދި, ކާމިޔާބީ ހޯދަން ޔޫކްރެއިނަށް ނޭޓޯއަށް ބަރޯސާވެވޭނެ ކަން،" ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓެންބަރގ ވިދާޅުވިއެވެ.

ވޮޝިންގޓަނުގައި ކުރިއަށް ދިޔަ ނޭޓޯ ސަމިޓުގައި ބައިވެރިވެ ވަޑައިގަންނަވައި ވާހަކަފުޅު ދައްކަވަމުން ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ ޔޫކްރެއިނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް އެ އިއްތިހާދު މެންބަރު ޤައުމުތަކަށް ގޮވައިލައްވާފައެވެ. "އަޅުގަނޑުމެންނަށް [ޔޫކްރެއިނަށް] ކާމިޔާބީއަށް އެދޭ ނަމަ, އަޅުގަނޑުންގެ ޤައުމު ސަލާމަތް ކުރަން ބޭނުންވާ ނަމަ, އަޅުގަނޑުމެންނަށް އޮތް ހުރިހާ ހުރަސްތަކެއް ނައްތައިލަދޭން ޖެހޭ،" ޒެލެންސްކީ ވިދާޅުވިއެވެ.

އޭނާ އިޝާރާތް ކުރައްވާފައި އެ ވަނީ, ނޭޓޯގެ މެންބަރު ޤައުމުތަކުން ފޯރުކޮށްދެމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތައް ބޭނުން ކޮށްގެން ރަޝިޔާގެ ރަށްތަކަށް ޙަމަލާ ދިނުމަށް އޮތް ހުރަސްތައް ނައްތައިލުމަށެވެ. މި ކަމާ ގުޅޭ ގޮތުން ޒެލެންސްކީގެ ކެބިނެޓްގެ އިސް އޮފިޝަލެއް ކަމުގައިވާ އަންދްރީ ޔަރްމަކް ވިދާޅުވީ, ނުރައްކާތެރި ހަތިޔާރު ބޭނުން ކުރުމުގައި ރަޝިޔާއަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި, އެ ކަމުގައި ޔޫކްރެއިނަށް ހުރަސްތަކެއް އޮތުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމުގައެވެ. އަދި, ނޭޓޯގެ ހަތިޔާރު ބޭނުން ކޮށްގެން ޔޫކްރެއިނަށް ރަޝިޔާގެ ރަށްތަކަށް ޙަމަލާ ދިނުމުގެ ހުއްދަ ދީފި ނަމަ, ހަނގުރާމައިގެ މައިދާނަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމުގައެވެ.

ނޭޓޯގެ ޤައުމުތަކުން ޔޫކްރެއިނަށް ގިނަ ޢަދަދެއްގެ ހަތިޔާރު ފޯރުކޮށްދެމުން ދިޔަ ނަމަވެސް, ބައެއް ޤައުމުތަކުން ވަނީ އެ ހަތިޔާރު ބޭނުން ކުރުމުގައި ހައްދުތަކެއް ކަނޑައަޅާފައެވެ. އޭގެ ތެރޭގައި, ނޭޓޯގެ ހަތިޔާރު ބޭނުން ކޮށްގެން ރަޝިޔާގެ ރަށްތަކަށް ޙަމަލާ ދިނުން މަނާ ކުރުން ހިމެނެއެވެ. ނަމަވެސް, އެމެރިކާއިން ވަނީ, އެ ޤައުމުން ފޯރުކޮށްދެމުންދާ ބައެއް ހަތިޔާރު ބޭނުން ކޮށްގެން ވަކި ހާލަތްތަކެއްގައި ރަޝިޔާގެ ރަށްތަކަށް ޙަމަލާ ދިނުމަށް ޔޫކްރެއިނަށް ހުއްދަ ދީފައެވެ.

މި ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބައިޑަން ވިދާޅުވީ "އޭނާއަށް [ޒެލެންސްކީއަށް] މޮސްކޯއަށް ޙަމަލާދިނުމުގެ ހުއްދަ ދީފި ނަމަ, [ރަޝިޔާގެ ރިޔާސީ ގަނޑުވަރު] ކްރެމްލިނަށް ޙަމަލާ ދިނުމުގެ ހުއްދަ ދީފި ނަމަ, އެއީ ހަމަޖެހޭ ކަމަކަށް ނުވާނެ" ކަމުގައެވެ. ރަޝިޔާއަށް ޙަމަލާ ދިނުމުގައި އެމެރިކާގެ ހަތިޔާރު ބޭނުން ކުރުމަށް ޔޫކްރެއިނަށް ހުއްދަ ދެނީ, ކޮންމެ ދުވަހަކު ވެސް އެ ކަން ރަނގަޅަށް މުރާޖާ ކުރުމަށް ފަހުގައި ކަމަށް ވެސް ބައިޑަން ވިދާޅުވިއެވެ.

ވޮޝިންގޓަނުގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ ނޭޓޯގެ ސަމިޓުން ފެނިގެން ގޮސްފައި ވަނީ ރަޝިޔާއާއި ޗައިނާއާ ދެކޮޅަށް މަސައްކަތް ކުރުމުގެ އޮއިވަރެއް ވިލާތުގައި ފެށިފައިވާ ކަން ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. މި ކަމާ ގުޅޭ ގޮތުން ނޭޓޯގެ މެންބަރު ޤައުމެއް ކަމުގައިވާ ހަންގެރީން ބުނީ, ނޭޓޯއަކީ ޗައިނާއާ ދެކޮޅަށް މަސައްކަތް ކުރާ އިއްތިހާދެއްގެ ގޮތުގައި ބަދަލުވާ މަންޒަރު ދެކެން ބޭނުން ނުވާ ކަމުގައެވެ. އަދި, އެ ފަދަ މަގަކުން ނޭޓޯ ހިނގަން ފަށައިފި ނަމަ, އެ ކަމަށް ހުރަސް އަޅާނެ ކަމުގައި ވެސް ހަންގެރީން ބުންޏެވެ.

ނޭޓޯގެ އެހެން މެންބަރު ޤައުުމުތަކާ ޚިލާފަށް, ހަންގެރީން ދަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް ސުލްޙަވެރި ހައްލެއް ހޯދަން މަސައްކަތް ކުރަމުންނެވެ. މި ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް އެ ޤައުމުގެ ބޮޑުވަޒީރު އޫރްބާން ވިކްޓޯޯރް ދާދި ދަހުން ވަނީ ޔޫކްރެއިންގެ ވެރިރަށް ކީވާއި, މޮސްކޯގެ އިތުރުން ޗައިނާގެ ވެރިރަށް ބެއިޖިންގަށް ވަޑައިގަންނަވައި, އެ ޤައުމުތަކުގެ ވެރިންނާ ބައްދަލު ކުރައްވާފައެވެ.

ވިކްޓޯރް ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާ ބައްދަލު ކުރެއްވުމުން, ނޭޓޯގެ ބައެއް މެންބަރު ޤައުމުތަކުން ވަނީ އޭނާއަށް ފާޑުކިޔުންތައް އަމާޒު ކޮށްފައެވެ. މިއީ, ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަކީ ސައްޙަ މަޤުޞަދެއްގައި ހިންގަމުންދާ ހަނގުރާމައެއް ކަމަށް ޕުޓިން ވިދާޅުވާ ވިދާޅުވުމަށް ބާރު ލިބިގެންދިޔަ ދަތުރުފުޅެއް ކަމުގައި ނޭޓޯގެ ބައެއް މެންބަރު ޤައުމުތަކުން ދެކެއެވެ.

އެމެރިކާއިން ވެސް ވަނީ ވިކްޓޯރްގެ ދަތުރުފުޅަށް ފާޑު ކިޔާފައެވެ. ވައިޓް ހައުސްގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސަލިވަން ވިދާޅުވީ, ރަޝިޔާއާ މަޝްވަރާ ކޮށްގެން ހައްލު ހޯދަން ޔޫކްރެއިނުން ބޭނުންނުވާ ކަމަށާއި, ޔޫކްރެއިންގެ ރުހުމާ ނުލައި ރަޝިޔާއާ އެކު ނޭޓޯގެ މެންބަރު ޤައުމަކުން ސުލްޙައިގެ މަޝްވަރާތަކެއް ވިލަރެސް ކުރުމަކީ ޔޫކްރެއިނުން ހިތްހަމަޖެހޭނެ ކަމެއް ނޫން ކަމުގައެވެ. ވިކްޓޯރް މޮސްކޯއަށް ވަޑައިގަންނަވާފައި ވަނީ ނޮވެންބަރު މަހު ބާއްވާ ރިޔާސީ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ބައިޑަނާ ވާދަ ކުރައްވާ ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު, ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެދިވަޑައިގެންނެވުމުގެ މަތިން ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.