ޚަބަރު

ނޭޕާލްގައި ދެ ބަސް ކޯރަކަށް ވެއްޓި 60އަށްވުރެ ގިނަ މީހުން ގެއްލިއްޖެ


ނޭޕާލަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައިގައި ހިނގި ބިންގަަނޑު ކެނޑުމާއި ކިސަޑު ފޭބުމުގެ ހާދިސާއަކާ ގުޅިގެން ފަސިންޖަރުން އުފުލާ ދެ ބަސް ކޯރަކަށް ވެއްޓި 62އަށް ވުރެ ގިނަ މީހުން ގެއްލިއްޖެއެވެ. އެ ހާދިސާ ހިނގާފައި ވަނީ ވެރިރަށް ކަތްމަންޑޫގެ 86 ކިލޯމީޓަރު ހުޅަނގުން އޮންނަ ޗިތްވަން ޑިސްޓްރިކްޓުގައެވެ. ދެ ބަސް ވެއްޓިފައި ވަނީ އެ ސަރަޙައްދުން ދެމޭ ތްރީސުލީ ކޯރަށެވެ.

ދެ ބަސް ވެސް ކޯރަށް ވެއްޓިފައި ވަނީ, މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހުމާ ގުޅިގެން ކޯރުގެ ފެންގަނޑު އުފުލިފައިވާ ދަނޑިވަޅެއްގައެވެ. ޗިތްވަން ޑިސްޓްރިކްޓުގެ އޮފިޝަލެއް ކަމުގައިވާ އަންތިމް ސިންޖާލީ ވިދާޅުވީ, ކޯރުގެ ތެރެއަށް ވެއްޓި ބާރު އޮޔާ އެކު ދަމައިގަނެފައިވާ ދެ ބަސް ފެނިފައި ނުވާ ކަމުގައެވެ. އެ ދެ ބަސް ހޯދައި, އޭގައި ތިބި ފަސިންޖަރުން ސަލާމަތް ކުރެވޭތޯ ނޭޕާލްގެ ސިފައިންނާއި ފުލުހުން ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

ސިންޖާލީ ވިދާޅުވީ, ދެ ބަސް ކޯރަށް ވެއްޓުމުގެ ކުރިން އޭގައި ތިބި ފަސިންޖަރުންގެ ތެރެއިން ތިން މީހަކު ފުންމައިލާފައިވާ ކަމުގައެވެ. އަދި, އެ ތިން މީހުންނަށް ހާނީއްކަވެފައިވީ ނަމަވެސް, އެ މީހުންގެ ފުރާނަ ސަލާމަތްވެފައިވާ ކަމުގައެވެ. އެ ހާދިސާގައި ގެއްލިފައިވާ ކަމަށް ބެލެވޭ މީހުންގެ ތެރޭގައި އިންޑިޔާގެ ހަތް ރައްޔިތުން ހިމެނޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ވިއްސާރައާ ގުޅިގެން ނޭޕާލްގެ އެހެން ސަރަޙައްދުތަކުގައި ވެސް ބިންގަނޑު ކެނޑުމާއި ކިސަޑު ފޭބުމުގެ ހާދިސާތައް ހިނގާފައިވެއެވެ. މި ގޮތުން, ކަތްމަންޑޫގެ ހުޅަނގުން 150 ކިލޯމީޓަރު ދުރުގައި އޮތް ކަސްކީ ޑިސްޓްރިކްޓުގައި ހިނގި ހާދިސާއެއްގައި 11 މީހުން މަރުވިއެވެ. އެ މީހުން މަރުވީ, ބިންގަނޑު ކެނޑުމާ ގުޅިގެން ތިން ޢިމާރާތެއް ކިސަޑުތަކުގެ ދަށުވުމުގެ ސަބަބުންނެވެ. އޭގެ އިތުރުން, ކަސްކީއާ އިންވެގެން އޮތް މިޔަގްދީ ޑިސްޓްރިކްޓުގައި ހިނގި މި ފަދަ އެހެން ހިދިސާއެއްގައި އިތުރު ތިން މީހުން މަރުވިއެވެ.

ޖޫން މަހުގެ މެދެއްހާ ހިސާބުން ފެށިގެން ނޭޕާލްގެ އެކި ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ހިނގި މި ފަދަ އެކި ހާދިސާތަކުގައި މަރުވެފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 91އަށް އުފުލިފައެވެ. ސޯޝަލް މީޑިޔާއަށް ކުރެއްވި ޕޯސްޓެއްގައި ނޭޕާލްގެ ބޮޑުވަޒީރު ޕުސްޕާ ކަމަލް ދަހަލް ވަނީ މި ކަމާ މެދު ހިތާމަ ފާޅު ކުރައްވާފައެވެ. އަދި, ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޤައުމުގެ އިދާރާތަކަށް އިރުޝާދު ދެއްވާފައެވެ.