ޚަބަރު

މޯދީ ޕުޓިންއާ ބައްދަލު ކުރެއްވުމުން އެމެރިކާ ރަތަށް!


އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރަޝިޔާއަށް ދަތުރުފުޅެއް ކުރައްވައި އެ ޤައުމުގެ ރައީސް ވްލަޑިިމިޔަރ ޕުޓިންއާ ބައްދަލު ކުރެއްވުމުން އެމެރިކާއިން އެ ކަމާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފިއެވެ. މޯދީއާއި ޕުޓިންގެ ބައްދަލު ކުރެއްވުމާ ގުޅިގެން އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސަލިވަން ވަނީ އިންޑިޔާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު އަޖީތު ދޯވާލަށް ފޯނުން ގުޅުއްވާފައެވެ.

މޯދީއާއި ޕުޓިންގެ ބައްދަލު ކުރެއްވުމާ ގުޅިގެން އެމެރިކާއިން ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އިންޑިޔާގެ ޚާރިޖީ ވުޒާރާއިން ބުނީ ސަލިވަނާއި ދޯވާލް ފޯނުން ކުރެއްވި މަޝްވަރާތަކުގައި ދެ ޤައުމުގެ ދޭދޭ ގުޅުންތަކާއި ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައިދާނާ ގުޅޭ މައްސަލަތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާ ކަމުގައެވެ. ނަމަވެސް, މޯދީގެ ދަތުރުފުޅާއި އޭނާ ޕުޓިންއާ އެކު ބޭއްވެވި މަޝްވަރާތަކަށް ސަލިވަނާއި ދޯވާލްގެ ފޯނު ކޯލުގައި އަލިއަޅުވައިލާފައިވާ ކަން އިންޑިޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ސާފުކޮށްދީފައެއް ނުވެއެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ މޯދީގެ ދަތުރުފުޅާ ގުޅިގެން އުފެދުނު ކަންބޮޑުވުންތައް އެ ޤައުމުން އިންޑިޔާއާ ހިއްސާ ކޮށްފައިވާނެ ކަމުގައެވެ.

މޮސްކޯއަށް ކުރެއްވި ދަތުރުފުޅުގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވަނީ ހަނގުރާމަތަކުގައި މަރުވާ ކުޑަކުދިންގެ ޢަދަދުތައް އިތުރުވަމުންދާތީ އެ ކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވައި އެއީ ހިތާމަ ކުރައްވާ ކަމެއް ކަމުގައި ވިދާޅުވެފައެވެ. މޯދީ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވްގައި ހުންނަ ކުޑަކުދިންގެ ހަސްފަތާލަށް ޙަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ މެދު މޯދީ ކަންބޮޑުވުން ފާޅުކުރައްވާފައިވީ ނަމަވެސް, އިންޑިޔާއިން ރަސްމީ ހައިސިއްޔަތެއްގައި އެ ހަނގުރާމަ ކުށްވެރި ކޮށްފައެއް ނުވެއެވެ. އަދި, މޯދީއާއި ޕުޓިންއާ ދެމެދު ބޭއްވެވި މަޝްވަރާތަކުގައި ޚިޔާލުތަފާތުވާ މައްސަލަތަކާ މެދު ދެ ބޭފުޅުން ބަހުސް ކުރެއްވި ކަމަށް ބުނެ މީޑިޔާގައި ފަތުރާފައިވާ ރިޕޯޓުތައް އެ ދެ ޤައުމުން ވަނީ ދޮގު ކޮށްފައެވެ.

އިންޑިޔާގެ ޚާރިޖީ ވުޒާރާއިން ބުނީ ސަލިވަނާއި ދޯވާލާ ދެމެދު ބޭއްވެވި މަޝްވަރާތަކުގައި ދެ ޤައުމުގެ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާއި, ސަލާމަތީ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ދެ ބޭފުޅުން ވެސް އިސްކަން ދެއްވި ކަމުގައެވެ. އަދި, ބައިނަލްއަޤުވާމީ ސުލްޙައާއި ހަމަޖެހުމަށް އޮތް ހުރަސްތައް ނައްތައިލުމަށް ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރުމަށް ވެސް ދެ ބޭފުޅުން އެއްބަސްވެ ވަޑައިގެންނެވި ކަމުގައެވެ.

މޯދީ މޮސްކޯއަށް ދަތުރުފުޅެއް ކުރައްވާފައި ވަނީ ނޭޓޯއަށް 75 އަހަރު ފުރުން ފާހަގަ ކުރުމަށް އެމެރިކާގެ ވެރިރަށް ވޮޝިންގޓަންގައި ބޭއްވި ސަމިޓާ ދިމާކޮށެވެ. އެ ސަމިޓުގައި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އެ ސަމިޓުން ފެނިގެން ގޮސްފައި ވަނީ, ރަޝިޔާއާއި ޗައިނާއާ ދެކޮޅު އޮއިވަރެއް ހުޅަނގުގައި ފެތުރެމުންދާ މަންޒަރު ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.

ރަޝިޔާއާއި އިންޑިޔާއަކީ ޒަމާންވީ, ގާތް ދެ ރަޙުމަތްތެރިންނެވެ. އިންޑިޔާގެ ދިފާޢީ ދާއިރާއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންދާ, އަދި އެންމެ ގިނަ ޢަދަދެއްގެ ހަތިޔާރު ވިއްކާ ޤައުމަކީ ރަޝިޔާއެވެ. ޗައިނާއިން އޭޝިޔާ ސަރަޙައްދުގައި ނުފޫޒު ގަދަ ކުރަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި އެމެރިކާއިން ވެސް ދަނީ އިންޑިޔާއާ އެކު އޮތް ގުޅުންތައް އިތުރަށް ހަރުދަނާ ކުރަން މަސައްކަތް ކުރަމުންނެވެ.