ޚަބަރު

އީރާނުން އެމެރިކާގެ ބިރުދެއްކުމަށް ނުސިހޭނެ: ޕީޒިޝްކިޔާން


އެމެރިކާގެ ބިރުދެއްކުމަށް ނުސިހޭނެ ކަމަށާއި ފިއްތުންތަކަށް ބޯނުލަނބާނެ ކަމަށް ވިދާޅުވެ އީރާނުގެ އިންތިޚާބީ ރައީސް މަސްޢޫދު ޕީޒިޝްކިޔާން އެމެރިކާއަށް އިންޒާރު ދެއްވައިފިއެވެ. ޕީޒިޝްކިޔާންގެ އޮފީހުން އެމެރިކާއަށް ފާޑުކިޔައި ނެރުނު ބަޔާނެއްގައި ޗައިނާއާއި ރަޝިޔާއަށް ތާރީފުކޮށް އެ ދެ ޤައުމާއި އީރާނާ ދެމެދު އޮތް ގާތް ގުޅުންތަކުގެ މައްޗަށް އަލިއަޅުވައިލާފައިވެއެވެ. އީރާނުގައި ދާދި ފަހުން ބޭއްވި ރިޔާސީ އިންތިޚާބު ޕީޒިޝްކިޔާން ކާމިޔާބު ކުރައްވާފައި ވަނީ އެ ޤައުމުގެ އިސް ނިއުކްލިޔަރ ނެގޯޝިއޭޓަރ ކަމުގެ މަޤާމު ފުރުއްވާފައިވާ ސަޢީދު ޖަލީލީއާ ވާދަ ކުރައްވައެވެ.

މެދުމިނުގެ ސިޔާސަތުތަކަށް ތާޢީދު ކުރައްވާ ޕީޒިޝްކިޔާން ނެރުއްވި ބަޔާނުގައި އޭނާ ވަނީ އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފައްދަން މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާއާއި ހުޅަނގުން ކުރަމުންދާ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. އަދި, އަވައްޓެރި ޤައުމުތަކާއި އީރާނާ ދެމެދު އޮތް ގުޅުންތައް އިތުރަށް ފުޅާކޮށް, ވިލާތުގެ ޤައުމުތަކާ ގުޅުން ބަދަހި ކުރަން އޭނާގެ ސަރުކާރެއްގައި އިސްކަން ދެއްވާނެ ކަމުގައި ވެސް ޕީޒިޝްކިޔާން ވިދާޅުވިއެވެ.

"އެމެެރިކާއިން ބަލައިގަނެ އެއްބަސްވާން ޖެހޭ ޙަޤީޤަތަކީ, އީރާނުން އެއްވެސް އިރެއްގައި, ކުރިއަށް އޮތް ތަނުގައި ވެސް, [އެމެރިކާގެ] ފިއްތުންތަކަށް ބޯނުލަނބާނެ ކަމާއި, އީރާނުގެ ދިފާޢީ ބޭނުންތަކުގެ ތެރޭގައި ނިއުކްލިޔަރ ހަތިޔާރު ނުހިމެނޭ ކަން،" އައު ދުނިޔެއަށް އަޅުގަނޑުގެ މެސެޖުގެ ނަމުގައި ޕީޒިޝްކިޔާންގެ އޮފީހުން ޝާއިޢު ކޮށްފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

"އަޅުގަނޑުމެންނަށް [އީރާނަށް] ކުރިމަތިވި އެންމެ ހައްސާސް ދަނޑިވަޅުތަކުގައި, ރަޝިޔާއާއި ޗައިނާއިން އަޅުގަނޑުމެންނާ އެކު ދެމިތިބި. އެ ދެ ޤައުމުގެ ރަޙުމަތްތެރި ގުޅުން އަޅުގަނޑުމެން ހެޔޮ ހިތުން ބަލައިގަންނަން. ރަޝިޔާއަކީ ގާތް އަވައްޓެރިއެއް. އަދި, ސަރަޙައްދީ ގުޅުމަށް މުހިންމު ބައިވެރިއެއް. އެ ޤައުމާ އެކު ގުޅުންތައް އިތުރަށް ހަރުދަނާ ކުރަން އަޅުގަނޑުގެ ސަރުކާރުގައި މަސައްކަތް ކުރާނަން،" ޕީޒިޝްކިޔާން ވިދާޅުވިއެވެ.

އީރާންގެ ޚާރިޖީ ސިޔާސަތު ކުރިއަރުވައި, ބައިނަލްއަޤުވާމީ މައިދާނުގައި ހަރުދަނާ އަދި ބިނާކުރަނިވި މަސައްކަތްތަކެއް ކުރުމުގެ މަތިވެރި ޒިންމާ އޭނާގެ ކޮނޑުގައި އީރާނުގެ ރައްޔިތުން އަޅުއްވާފައިވާ ކަމަށް ޕީޒިޝްކިޔާން ގަބޫލު ކުރައްވައެވެ. "އެ ކަން ހާސިލު ކުރުމުގެ ތެރޭގައި އެންމެ އިސްކަމެއް ދޭނީ އީރާނުގެ ރައްޔިތުން މަސްލަޙަތު ހިމާޔަތްކޮށް, ޙައްޤުތައް ކަށަވަރު ކޮށްދޭން. މި ތާރީޚީ މަސައްކަތުގައި އަޅުގަނޑާ ބައިވެރިވުމަށް މުޅި ދުނިޔެއަށް ދަޢުވަތު އަރުވަން،" ޕީޒިޝްކިޔާން ވިދާޅުވިއެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި, ޕީޒިޝްކިޔާނަކީ ދުނިޔޭގެ ބާރުތަކުން, ޚާއްޞަކޮށް ހުޅަނގުގެ ބާރުގަދަ ޤައުމުތަކުން, ބަލައިގަންނާނެ ވެރިއެކެެވެ. އީރާނުން ހިންގާ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅިގެން ހުޅަނގުން, އެމެރިކާ އަޑީގައި އޮވެގެން, ކުރިމަތި ކޮށްފައިވާ ފިއްތުންތަކަށް ޕީޒިޝްކިޔާންގެ ވެރިކަމުގައި ލުއިތަކެއް ހޯއްދަވައިދެއްވާނެ ކަމަށް ވެސް އެ ފަރާތްތަކުން ދެކެއެވެ.

ޕީޒިޝްކިޔާންގެ ވެރިކަމުގައި އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަކަށް ނުބެލެވެއެވެ. ނަމަވެސް, މަޑުޖެހިފައިވާ އީރާންގެ އިޤުތިޞާދަށް ދިރުން ގެނުވައިދެއްވައި, ހިންގުންތެރި ސަރުކާރެއް އެކުލަވައިލައްވައި, ދަޢުލަތުގެ އިދާރާތަކުގައި އޮތް ކޮރަޕްޝަން ހުއްޓުވަން މަސައްކަތް ކުރައްވައި, އެމެރިކާއިން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އުވައިލަން މަސައްކަތް ކުރެއްވުމަށް ވެސް 69 އަހަރުގެ ޕީޒިޝްކިޔާން ވަނީ ވަޢުދުވެ ވަޑައިގަންނަވާފައެވެ.