ޚަބަރު

އެމެރިކާގެ ޓެކްސަސްގެ ބޮޑު ސަރަޙައްދެއް ކަނުއަނދިރީގައި އޮންނަތާ ފަސް ދުވަސް


ބާރުގަދަ ތޫފާނެއް ކަމުގައިވާ ބެރިލްގެ ސަބަބުން އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ ޓެކްސަސްގެ ބޮޑު ސަރަޙައްދަކުން ކަރަންޓުގެ ޚިދުމަތް ކެނޑިފައި އޮންނަތާ ފަސް ދުވަސް ފާއިތުވެއްޖެއެވެ. ބެރިލްގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން ޓެކްސަސްގައި ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާ ގެދޮރާއި ވިޔަފާރިތަކުގެ ޢަދަދު މިލިޔަނަކަށް އަރައެވެ. އެ އިމާރާތްތަކަށް ކަރަންޓުގެ ޚިދުމަތް އަލުން ގުޅައިދިނުމަށް ކަރަންޓުގެ ޚިދުމަތްދޭ ކުންފުނިތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ތޫފާން ބެރިލްގެ ސަބަބުން ޓެކްސަސްގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުން ކުރާ ގިނަ ޢަދަދެއްގެ ހޮޅިދަނޑިތަކާއި ޓަވަރުތައް ވެއްޓި, ކަރަންޓު ވިއުގައަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި, ތޫފާނާ ގުޅިގެން އާދަޔާ ޚިލާފަށް ވައިބާރުވެ, ގިނަ ޢަދަދެއްގެ ގަސްތައް ވެއްޓުނެވެ. އަދި, ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެ, ޢާންމުންގެ ގެދޮރާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ޓެކްސަސްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނި, ސެންޓަރޕޮއިންޓް އެނަރޖީން ބުނީ, ތޫފާނާ ގުޅިގެން ޚިދުމަތް ކެނޑުނު 1.4 މިލިޔަން ކަސްޓަމަރުންނަށް މިހާރު ޚިދުމަތް ގުޅައިދީފައިވާ ކަމުގައެވެ. ނަމަވެސް, އަދިވެސް 860,000އަށް ވުރެ ގިނަ ކަސްޓަމަރުންނަށް ޚިދުމަތް ނުލިބޭ ކަމަށާއި, އެ އިމާރާތްތަކަށް ޚިދުމަތް ގުޅައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމުގައި އެ ކުންފުނިން ބުންޏެވެ.

ޓެކްސަސްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ އެހެން ކުންފުންޏެއް ކަމުގައިވާ ޔޫޓިލިޓީ އެންޓަރޖީން ބުނީ, ތޫފާން ބެރިލްއާ ގުޅިގެން އެ ކުންފުނިން ޚިދުމަތް ފޯރުކޮށްދޭ 252,460 ކަސްޓަމަރުންނަށް ޚިދުމަތް ކެނޑުނު ކަމުގައެވެ. އަދި, އޭގެ ތެރެއިން 183,000 ކަސްޓަމަރުންނަށް މިހާރު ޚިދުމަތް ގުޅައިދީފައިވާ ކަމުގައި އެ ކުންފުނިން ބުންޏެވެ. ނަމަވެސް, ޚިދުމަތް ނުލިބޭ ކަސްޓަމަރުންނަށް ޚިދުމަތް އަލުން ގުޅައިދޭން އިތުރު ދެ ދުވަސް ހޭދަވާނެ ކަމުގައި ވެސް އެ ކުންފުނިން ބުންޏެވެ.

އެ ކަމާ ގުޅިގެން ޓެކްސަސްގެ ރައްޔިތުން ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ. އެ ކަމާ މެދު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކޮށް, ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް ފާޑުކިޔުންތައް އަމާޒު ކޮށްފައި ވަނީ ހިޔުސްޓަންގެ ރައްޔިތުންނެވެ. އެ ރަށުގެ ރައްޔިތުން ކަރަންޓުގެ ޚިދުމަތުން މަހުރޫމުވެފައި ވަނީ, ފިނިހޫނުމިން 38 ޑިގްރީ ސެލްސިއެސަށް އުފުލިފައިވާ ދަނޑިވަޅެއްގައެވެ. އެ ކަމާ ގުޅިގެން ހިޔުސްޓަންގެ ގިނަ ވިޔަފާރިތައް ވަނީ ބަންދު ކޮށްފައެވެ.

އެ ކަމާ މެދު ހިތްހަމަ ނުޖެހުން ފާޅު ކުރަމުން ހިޔުސްޓަންގައި ކޮފީ ޝޮޕެއް ހިންގާ މީހެއް ކަމުގައިވާ ސުންކަކް ކުކް ބުނީ, ބެރިލްއަކީ އެންމެ ބާރު ދެރަ, ކެޓެގަރީ 1ގެ ތޫފާނެއް ކަމުގައެވެ. "ކުރިއަށް އޮތް ދުވަސްތަކުގައި މި ސަރަޙައްދަށް އިތުރު ތޫފާންތައް އަރާނެ ކަމަށް މޫސުމީ އިދާރާއިން އިންޒާރު ކުރޭ. އެ ތޫފާންތަކުގެ ބާރު [ބެރިލްއަށް ވުރެ] ގަދަވާނެ. ތޫފާނެއް އަރާ ކޮންމެ ފަހަރަކު ކަރަންޓު ކެނޑޭނެތަ؟ އިތުރު ތޫފާނެއްގެ ކުރިން ކުންފުނިތަކަށް ކަރަންޓު ވިއުގަ މަރާމާތު ކުރެވޭނެތަ؟" އޭނާ ސުވާލު އުފެއްދިއެވެ.

ކޮލޮރާޑޯ ޔުނިވަރސިޓީގެ މޫސުން ލަފާ ކުރާ މާހިރުން ބުނީ, މި އަހަރުގެ ތޫފާން މޫސުމުގައި އެމެރިކާ ސަރަޙައްދުގައި ބާރުގަދަ ތޫފާންތަކެއް އުފެދޭނެ ކަމަށް ލަފާ ކުރެވޭ ކަމުގައެވެ. އެ ގޮތުން, ކުރިއަށް އޮތް މޫސުމުގައި ބާރުގަދަ ހަ ތޫފާނެއް އެ ސަރަޙައްދުގައި އުފެދޭނެ ކަމަށް އެ ފަރާތްތަކުން ލަފާ ކުރާއިރު, އެ ތޫފާންތަކާ އެކު ގަޑިއަކު 111 މޭލަށް ވައިބާރުވާނެ ކަމަށް ވެސް އެ ފަރާތްތަކުން ލަފާ ކުރެއެވެ.

ތޫފާން ބެރިލްއަކީ އެޓްލާންޓިކް ކަނޑުގެ ތޫފާން މޫސުމުގައި މި އަހަރު އުފެދުނު ފުރަތަމަ ބާރުގަދަ ތޫފާނެވެ. މޫސުން ދިރާސާ ކުރާ މާހިރުން ބުނީ, އެއީ އެވުރެޖުކޮށް ތޫފާންތައް އުފެދެން ފަށާ ތާރީޚަށްވުރެ ކުރިން އުފެދިފައިވާ ތޫފާނެއް ކަމުގައެވެ. ކެރިބިޔަންގެ ބައެއް ޤައުމުތަކަށް އެރުމުގެ ކުރިން ތޫފާން ބެރިލްގެ ބާރު ކެޓެގަރީ 5އަށް އުފުލުނެވެ. ނަމަވެސް, ޓެކްސަސަށް އެރުމުގެ ކުރިން ތޫފާނުގެ ބާރު ވަނީ ކެޓެގަރީ 1އަށް ދަށްވެފައެވެ. އެޓްލާންޓިކް ކަނޑުގައި ތޫފާން އުފެދޭ މޫސުން އާންމު ގޮތެއްގައި ޖޫން މަހުގެ ކުރީކޮޅުން ފެށިގެން ނޮވެންބަރު މަހާ ހަމައަށް ދެމިގެން ދެއެވެ.

ޓެކްސަސްގެ މެޓެގޯޑާ ސަރަޙައްދަށް ތޫފާން ބެރިލް ފޯރާފައި ވަނީ ޖުލައި 8ވަނަ ދުވަހުއެވެ. އެ ތޫފާނާ ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ޓެކްސަސްގެ ފްރީޕޯޓްގައި އޮންނަ ލިކުއިފައިޑް ނެޗަރަލް ގޭސް (އެލްއެންޖީ) އުފައްދާ ފްރީޕޯޓް އެލްއެންޖީ ކުންފުނީގެ ކާރުޚާނާތައް ވަނީ ބަންދު ކޮށްފައެވެ. އެއީ, އެލްއެންޖީ އުފައްދާ އެމެރިކާގެ ތިންވަނައަށް އެންމެ ބޮޑު ކުންފުންޏެވެ. ތޫފާނަށް ފަހު, ތެޔޮ އުފެއްދުމުގެ މަސައްކަތް އެ ކުންފުނިން އަދިވެސް ފަށާފައެއް ނުވެއެވެ. ފްރީޕޯޓް އެލްއެންޖީގެ އިތުރުން އެ ސަރަޙައްދުގައި އޮންނަ ގިނަ ޢަދަދެއްގެ ކާރުޚާނާތައް ބަންދު ކޮށްފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.