ޚަބަރު

ހަޔަރ އެޑިޔުކޭޝަނުން ލިއޯ ޓްރޭޑިންގއާއެކު ޒުވާނުން ބިނާކުރުމާ ގުޅޭގޮތުން މަޝްވަރާއަށް


  • ލިއޯގެ ތިލަފުށީ ސައިޓުތަކުގައި ދިވެހި ޒުވާނުންނަށް ގިނަ ފުރުޞަތުތަކެއް އެބަހުރި

  • ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ފުރުޞަތުތައް އުޖޫރަ ލިބޭނެހެން ދިނުމަށް މަޝްވަރާކުރެވުނު

ލިއޯ ޓްރޭޑިންގ އާއި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އަދި ޕޮލިޓެކްނިކް ގުޅިގެން ޒުވާނުން ބިނާކުރުމަށް މަސައްކަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. އެމްއެންއެސްޑީއޭ އަދި ޕޮލިޓެކްނިކްގެ އިސްވެރިންވަނީ ލިއޯގެ ތިލަފުށީ ސައިޓުތަކުގައި ދިވެހީންނަށް ހުރި ފުރުސަތުތައް ބައްލަވާލައްވާފައެވެ.

މޯލްޑިވްސް ޕޮލިޓެކްނިކް އަދި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވޮލޮޕްމަންޓް އޮތޯރިޓީގެ މަސައްކަތްތަކުގައި ލިއޯ ޓްރޭޑިންގއަށް ކޮށްދެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި 3 މުއައްސަސާގެ އިސްފަރާތްތައް ވަނީ ލިއޯގެ ތިލަފުށީގައި ހިނގަމުންދާ އޮޕަރޭޝަން ބައްލަވާލައްވާ އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަފީޢުއާއި، ޑެޕިއުޓީ މިނިސްޓަރ ޒޫޝާން ކަމާލުއްދީން އަދި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވޮލޮޕްމަންޓް އޮތޯރިޓީގެ ސީއީއޯ ޑރ. ޒަހްރާ މުހައްމަދު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި ލިއޯ ޓްރޭޑިންގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ސަވާދާއި ޖެނެރަލް މެނޭޖަރ މިފްޒާލް މުހައްމަދު އަދި ޗީފް ކޮމާރޝަލް އޮފިސަރ އިމްޖާދު ޖަލީލްވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މިބައްދަލުވުމުގައި ދިވެހި ޒުވާނުން ބިނާކޮށް ވަޒީފާގެ ބާޒާރަށް ތައްޔާރުކުރުމަށް ލިއޯ ޓްރޭޑިންގައި ހުރި ފުރުޞަތުތައް ހަޔަރ އެޑިއުކޭޝަންގެ ފަރާތުންވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ތެރެއިން ތިލަފުށީގައި ހިނގަމުންދާ ލިއޯގެ ސައިޓްތަކުގައި އުޖޫރަ ލިބޭނެހެން މަސައްކަތްކުރުމުގެ ފުރުޞަތު ފަހިކުރުމާއި ގުޅޭގޮތުން ދެފަރާތުންވަނީ މަޝްވަރާކޮށްފައެވެ. އަދި ލިއޯގެ ފަރާތުން ތިލަފުށީގައި ތަރައްޤީކުރާ ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރިއަލް ވޯރކްޝޮޕްގެ މަސައްކަތް ނިމެންވާއިރަށް އެތަނުގައި މަސައްކަތްކުރާނެ މުވައްޒަފުން ތަމްރީނުކުރުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

މިބައްދަލުވުމުގައި ދެފަރާތުންވެސް ވަނީ ރާއްޖޭގައި ޒުވާނުންނަށް އިތުރު ފުރުޞަތު ފަހިކުރުމަށް ގުޅިގެން މަސައްކަތް ކުރެވޭނެ ގިނަ ދާއިރާތަކެއް ހުރިކަން ފާހަގަކޮށް އެގޮތުގައި ކުރިއަށްދިޔުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.