ވިލާތުގައި ހުންނަ ނިއުކްލިޔަރ ހަކަތަ އުފައްދާ އެންމެ ބޮޑު އިންޖީނުގޭން ނިކުމެ, އެ ތަން މިިނިވަން ކުރަން އދގެ ޢާންމު މަޖިލީހުން ރަޝިޔާއަށް އަންގައިފިއެވެ. ވިލާތުގައި ހުންނަ ނިއުކްލިޔަރ ހަކަތަ އުފައްދާ އެންމެ ބޮޑު އިންޖީނުގެ ހުންނަނީ ޔޫކްރެއިންގެ ޒަޕޮރީޜިޔާގައެވެ.
ޒަޕޮރީޜިޔާ ނިއުކްލިޔަރ ޕްލާންޓް މި ވަގުތު އޮތީ ރަޝިޔާ ސިފައިންގެ އަތްދަށުގައެވެ. އެ ތަން މިނިވަން ކުރުމަށް ގޮވައިލައި އދގެ ޢާންމު މަޖިލީހުން ޤަރާރެއް ފާސްކޮށްފައި ވަނީ އދގެ މެންބަރުންގެ ތެރޭގައި ހިމެނޭ 193 ޤައުމުގެ ތެރެއިން 99 ޤައުމުގެ ތާޢީދާ އެކުއެވެ. ޤަރާރާ ދެކޮޅަށް ނުވަ މެންބަރުން ވޯޓުލިއެވެ. އަދި, 60 ޤައުމަކުން ވަކި އަތަކަށް ވޯޓުދީފައެއް ނުވެއެވެ.
އދގެ ޢާންމު މަޖިލީހުން ފާސްކޮށްފައިވާ ޤަރާރުގައި ގޮވައިލާފައިވާ ކަންކަމުގެ ތެރޭގައި ޒަޕޮރީޜިޔާ ނިއުކްލިޔަރ ޕްލާންޓުގައި ތިބި ރަޝިޔާގެ ސިފައިންގެ އިތުރުން އެ ތަނުގައި މަސައްކަތް ނުކުރާ ބޭރު މީހުން އެ ތަނުން ނެރުން ހިމެނެއެވެ. އަދި, އެ ތަން ހިންގުމުގެ ހުރިހާ ބާރުތަކެއް ޔޫކްރެއިންގެ އަތްމައްޗަށް ދޫކޮށްލުމަށް ވެސް ޤަރާރުގައި ގޮވައިލާފައިވެއެވެ.
ރަޝިޔާގެ ފައުޖުން ޒަޕޮރީޜިޔާ ޕްލާންޓަށް އަތްގަދަ ކޮށްފައި ވަނީ 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމައިގެ ކުރީކޮޅުގައެވެ. ހަނގުރާމައާ ގުޅިގެން އެ ތަނުގައި ހަކަތަ އުފެއްދުމުގެ މަސައްކަތްތައް މެދުކަނޑައިލާފައި އޮތް ނަމަވެސް, އެ ތަނުގައި ހުރި ނިއުކްލިޔަރ ރިއެކްޓަރުތަކުގެ ރައްކާތެރި ކަން ކަށަވަރު ކުރުމަށް އެ ތަނަށް ކަރަންޓު ދޭން ޖެހެއެވެ.
ޤަރާރަށް ވޯޓަށް އެހުމުގެ ކުރިން ވާހަކަ ދައްކަވަމުން ޔޫކްރެއިނުން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަރްހީ ކިސްލީތުސާ ވިދާޅުވީ ނުރައްކާތެރި ނިއުކްލިޔަރ ކާރިސާއެއް ތަކުރާރުވުމުގެ ކުރިން ޒަޕޮރީޜިޔާ ޕްލާންޓުގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކުރަން ޖެހޭ ކަމުގައެވެ. އަދި, އެއީ ކުރިއަށް އޮތް ޖީލުތަކުގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކުރުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅުގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ތެރެއިން އެތަކެއް ފަހަރެއްގެ މަތިން ޒަޕޮރީޜިޔާ ނިއުކްލިޔަރ ޕްލާންޓަށް ޙަމަލާތައް އަމާޒު ކޮށްފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. އެ ޙަމަލާތަކުގެ ޒިންމާ ރަޝިޔާއާއި ޔޫކްރެއިނުން އަޅުވަމުން ދަނީ އަނެއް ޤައުމުގެ ކޮނޑުގައެވެ. ބައެއް ޙަމަލާތަކުގައި, ޕްލާންޓަށް ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުން ކުރާ ކޭބަލްތަކާއި ވަސީލަތްތައް ބޮޑެތި ގެއްލުންތަކެއް ލިބި, ނިއުކްލިޔަރ ކާރިސާއެއް ހިނގުމުގެ ބިރާ ކުރިމަތިލާން ޖެހިފައިވެއެވެ.
ޔޫކްރެއިންގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ އިންޖީނުގެތަކާއި އެ ކަމަށް ބޭނުން ކުރާ ވަސީލަތްތަކަށް ރަޝިޔާއިން އަމާޒު ކުރަމުންދާ ޙަމަލާތައް ވަގުތުން ހުއްޓައިލުމަށް ވެސް އދގެ ޢާންމު މަޖިލީހުގެ ޤަރާރުގައި ގޮވައިލާފައިވެއެވެ. "މި ފަދަ ޙަމަލާތަކާ ގުޅިގެން ނިއުކްލިޔަރ އެކްސިޑެންޓެއް ހިނގުމުގެ ފުރުޞަތު އެތަކެއް ގުނައަކަށް އިތުރުވޭ،" ޤަރާރުގައި ބުނެފައިވެއެވެ.
ޤަރާރަށް ވޯޓަށް އެހުމުގެ ކުރިން ވާހަކަ ދައްކަވަމުން ރަޝިޔާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ނައިބު ދްމީތުރީ ޕޮލިޔަންސްކީ ވަނީ ހުޅަނގަށް ފާޑު ވިދާޅުވެފައެވެ. އެ ޤަރާރަކީ ހުޅަނގުން ފަތުރަމުންދާ ދޮގުތަކަށް ބާރުދޭ ޤަރާރެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ. އަދި, ޒަޕޮރީޜިޔާ ޕްލާންޓަށް ޙަމަލާދޭން ޔޫކްރެއިނުން ބޭނުން ކޮށްފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި ޑްރޯނެއްގެ ބައިތައް ވެސް ޢާންމު މަޖިލީހުގެ ޖަލްސާގައި އޭނާ ވަނީ ދައްކައިލައްވާފައެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ރަޝިޔާ އެކަހެރި ކޮށްލުމަށް އެމެރިކާއިން އިސްވެ ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އދގައި ވެސް ރަޝިޔާ އެކަހެރި ކޮށްލަން މަސައްކަތްތަކެއް ކޮށްފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. އަދި, ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ކުށްވެރިކޮށް އދގެ ޢާންމު މަޖިލީހުން ވަނީ ޤަރާރުތަކެއް ފާސް ކޮށްފައެވެ.
އދގެ އެންމެ ބާރުގަދަ ގުނަން ކަމުގައިވާ ސަލާމަތީ މަޖިލިސް މެދުވެރިކޮށް ރަޝިޔާއާ ދެކޮޅަށް ފިޔަވަޅުތައް އަޅަން އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކުގައި އެ ޤައުމަށް ކުރިމަތިވެފައި ވަނީ ނާކާމިޔާބީއާއެވެ. ސަބަބަކީ, ރަޝިޔާއަކީ އެ މަޖިލީހުގެ ދާއިމީ ފަސް މެންބަރުންގެ ތެރޭގައި ހިމެނޭ ޤައުމެއް ކަމަށްވުމެވެ. އެ މަޖިލީހުގެ ދާއިމީ މެންބަރުންގެ ގޮތުގައި ދެން ތިބީ އެމެރިކާއާއި, ޗައިނާއާއި, ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތެވެ.