2018 ވަނަ އަހަރުގެ ޖޫން މަސް ފެށިގެން އައީ ސާއިދު އަހުމަދުގެ ވަރަށްބޮޑު އުއްމީދެއް ހަގީގަތަކަށް ވުމުގެ އުފާވެރި ހުވަފެންތަކާއެކު އެވެ. އެއަހަރުގެ ފީފާ ވަރލްޑްކަޕްގެ ޓީވީއެމް ކަވަރޭޖުން ފުރުޞަތު ލިބުމުގެ އުފާވެރި އިހުސާސްތަކާއެކު އެވެ. ރޭޑިއޯ ދޫކޮށް ޕީއެސްއެމްގެ ޓީވީއެމްއާ ގުޅުނީވެސް އެފަދަ ބޮޑެތި ކަވަރޭޖުތަކުގައި ބައިވެރިވުމުގެ އުއްމީދާއެކުއެވެ. ކުޅިވަރަށް އޮތް ބޮޑު ޝައުގުވެރިކަމާއެކު ދުނިޔޭގެ ތަށްޓަށް ކުޅޭ މުބާރާތުގެ ކަވަރޭޖްގައި ސެޓުން ޖާގަ ހޯދުމަކީ ފަޚުރެއްކަމުގައި ދެކިގެންނެވެ.
ރަޝިޔާގައި އޮތް ވޯލްޑްކަޕްގެ ކަވަރޭޖަށް ޕީއެސްއެމްގެ ޓީމްތައް އަތުރާލިއިރު ސާއިދަކީ ޕްރެޒެންޓަރެއްގެ ގޮތުގައި ސެޓުގައި އިށީންނާނެކަން ޔަގީންވި ކުޅިވަރު ހުށަހެޅުންތެރިއެކެވެ. މުބާރާތް ފެށެން ފަސް ދުވަހަށް ވީއިރުވެސް އެކަން އޮތީ އެހެންނެވެ. ނަމަވެސް މުޅިން މަންޒަރު ބަދަލުވެގެން ދިޔައީ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ. އެއީ ސާއިދުގެ ދިރިއުޅުމަށް ބޮޑު ލޮޅުމެއް އެރި ދުވަހެކެވެ. ކުރިއަށް ދެން އަޅަންވީ ފިޔަވަޅާމެދު ވިސްނަން މަޖުބޫރުވެ, ފަހަތަށް ފިޔަވަޅެއް އަޅަން ޖެހުނު ދުވަހެވެ.
ކުއްލިއަކަށް ބަލިވެ ޑޮކްޓަރަށް ދެއްކުމުން ލިބުނު ޚަބަރަކީ ސާއިދުގެ އިތުރުން ވޯލްޑްކަޕުގެ މުޅި ކަވަރޭޖް ޓީމް ރޮއްވާލި ޚަބަރަކަށެވެ. ސާއިދުގެ ދެ ކިޑްނީ ފެއިލްވެ އަވަސް ފަރުވާއަށް ދާން ޖެހުން ވެގެންދިޔައީ ކުއްލި ސިހުމަކަށެވެ. ގަބޫލުކުރަން ދަތި އެ ޚަބަރާއެކު ފްރާންސް ދެވަނަ ފަހަރަށް ވޯލްޑުކަޕް ހޯދި ކަވަރޭޖުގައި ބައިވެރިވުމުގެ ނަސީބު ގެއްލިގެންދިޔައެވެ.
އެއީ ސާއިދުގެ ހިތްވަރު ބަލިކޮށްލެވޭނެ ހާލަތަކަށް ނުވިއެވެ. އެނބުރި އައުމަށް ގަދަ ހިތްތަވަރާއެކު މިއަދުވެސް އެދަނީ މަސައްކަތް ކުރަމުންނެވެ. ހަ އަހަރު ފާއިތުވެގެން ދިޔައީ ޝިފާއެއް ނުލިބި, އެކަމަކު ޝިފާއެއް ލިބި ޢާއްމު ދިރިއުޅުމަށް އާދެވޭނެކަމުގެ އުއްމީދާއެކު އެވެ. ސާއިދު ދައްކުވައިދެނީ ގަދަ ހިތްވަރުގެ މިސާލެވެ. ކުޅިވަރު ނޫސްވެރިންގެ ތެރެއިން މަސައްކަތުގެ ރޭޓަށް ބަލާނަމަ މިއަދުވެސް އޭނާއަކީ ގަދަ ތިނެއްގެ ތެރެއިން އެކެކެވެ.
ކޮމެންޓްރީ ދިނުން ދޫކޮށެއް ނުލި, ޕްރޮގްރާމްތައް ޕްރޮޑިއުސްކުރުމާއި ހުށަހެޅުން މެދެކަނޑައެއް ނުލި, ޓީވީއާއި ރޭޑިއޯ ޚަބަރަށްވެސް އެންމެ ގިނައިން އަރާ މީހަކީ ކޮންމެ ދެ ދުވަހަކުން އެއްދުވަހު ޑަޔަލަސިސް ހަދަމުންވެސް ސާއިދެވެ. އިވެންޓްތަކަށް ދިއުމާއި, ޚަބަރުތައް އުފެއްދުމުގައި އޭނާ މިއަދުވެސް ހުރީ ކުރީސަފުގައެވެ. މިއިން ކޮންމެ ކަމަކުން ދައްކައިދެނީ ވަރުގަދަ ހިތްވަރާއި, އަޒުމާއި, ޝައުގުވެރިކަމެވެ.
ވޯލްޑުކަޕް ކަވަރޭޖާއި, ޔޫރޯ ކަވަރޭޖްގައި ޓީވީ ކުރިމަތިން ބައްދަލުކުރުމަކީ ކޮންމެ ކުޅިވަރު ހުށަހެޅުންތެރިއެއްގެވެސް އުއްމީދެކެވެ. އެ އުއްމީދު މިދިޔަ ހަ އަހަރުވެސް ސާއިދު ދޫކޮށެއް ނުލައެވެ. ނަތީޖާއަކީ 2022 ވަނަ އަހަރު އެއުއްމީދު ފުރިހަމަކުރުމެވެ. ޤަތަރުގައި އޮތް ވޯލްޑްކަޕުގެ ކަވަރޭޖަކީ އެންމެ ވާދަވެރި ކަވަރޭޖެވެ. އެ ކަވަރޭޖުގެ ޓީވީއެމްގެ އެންމެ މުހިއްމު އެއް ޕްރެޒެންޓަރަކީ ސާއިދެވެ. އެ އުއްމީދު ފުރިހަމަކުރީ އޭނާއަށް ޢާއްމު ހާލަތަށް އާދެވިގެނެއް ނޫނެވެ. ބައްޔާއި ހަނގުރާމަކުރަމުން, ކޮޅަށް ހުރުމަށް ނަގަންޖެހޭ ވޭންހުރި ފަރުވާތައް އެކަނި ފުރިހަމަކުރަމުންނެވެ. ކިތަންމެ ދުވަހަކު ވަރުބަލިކަމާއި, ލޮޑުކަން އިހުސާސްވިޔަސް ސާއިދު ދެއްކީ ގަދަ ހިތްވަރެވެ.
އެ މުބާރާތުގެ ތެރޭގައި ބަލިބޮޑުވެ, ކުރިމަތިވި މައްސަލަތައް އޭނާ ޓީމްގެ އެހެން މެމްބަރުންނަށް ސިއްރުކުރީވެސް އެހެން މީހުން ކަންބޮޑުވެ, ފުރުޞަތު ގެއްލިދާނެތީއެވެ. އެ ހާލަތު އޭނާ ހިއްސާކުރީ މުބާރާތަށް ފަހުގައެވެ. އޭގެ ކުރިން ބައްޔާ ދެކޮޅަށް ހަނގުރާމަ ކުރަމުން 2021 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދިވެހި ކޮމެންޓްރީ އޭނާ ކްލަބް ހައުސްގައި ގެނެސްދިނެވެ. އެއީ ލޯފަން ޒުވާނުންނަށް ޚާއްޞަކޮށް އޭނާ ކޮށްދިން އަގުހުރި ޚިދުމަތެކެވެ. ދައްކުވައިދިނީ ގަދަ ހިތްވަރާއި, ޝައުގާއި, ކުޅިވަރަށް އޮތް ލޯތްބެވެ.
ވޯލްޑްކަޕުގެ އުއްމީދު ފުރިހަމަވެ, މި ނިމޭ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކަވަރޭޖުގައިވެސް ޕްރެޒެންޓަރެއްގެ ގޮތުގައި ބެލުންތެރިންނާ ބައްދަލުކުރަން އޭނާ އުއްމީދު ކުރިއެވެ. އެކަމަށް ސިކުނޑި ތައްޔާރުކޮށް, މައުލޫމާތުގެ ގޮތުން އޭނާ ފައްކާވިއެވެ. އެކަމަކު މިފަހަރުވެސް އޭނާ ގެންދިޔައީ 2018 ގެ ހަނދާންތަކަށެވެ.
މުބާރާތް ފެށެން ދިހަވަރަކަށް ދުވަހަށް ވެފައި ވަނިކޮށް އެމަޖެންސީ ހާލަތުގައި އޮޕަރޭޝަން ކުރީ މުބާރާތް ފެށި ހަފްތާއެއްގެ ތެރޭގައި އެނބުރި ސެޓަށް އާދެވޭނެ ކަމުގެ އުއްމީދުގައެވެ. ޑޮކްޓަރުން އެއުއްމީދު ދިން ނަމަވެސް މުބާރާތް ނިމިގެން މިދަނީ ސާއިދުގެ އުއްމީދު ހާސިލްނުވެއެވެ. އެކަމަކު ސާއިދުގެ ހިތްވަރާއި މަސައްކަތުން ކަވަރޭޖަށް ފުރިހަމަކަމާއި މުއްސަނދިކަން ގެނެސްދެމުންނެވެ. މުޅި ޓީމަށް ހިތްވަރެއް ކަމުގައި ވެގެންނެވެ. ޚަބަރުތައް ވަގުތުން ވަގުތަށް ބެލުންތެރީންނާ ކިޔުންތެރީންނާ ހަމައަށް ގެނެސްދިނުމުގެ ބޮޑު ޒިންމާ އުފުލުމުގައި އިސް މީހަކީ ސާއިދެވެ. މެޗުތައް ހިނގަމުންދާއިރު ސްޓޫޑިއޯގައި އެންމެ ގިނަ ވަގުތު ހޭދަކޮށް, އެހެން މީހުންނަށް އެހީތެރިވާ މީހަކީ ސާއިދެވެ. އޭނާގެ މައުލޫމާތުން ޓީމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ވަރުބައްޔެއް ނުވެއެވެ.
އެކަމަކު ހަގީގަތުގައި ވަށައިގެން އުޅޭ ކޮންމެ މީހަކަށްމެ ސާއިދުގެ ކިބައިން ވަރުބަލިކަން އިހުސާސް ކުރެވެއެވެ. އެ ވަރުބަލިކަމާއި ދެކޮޅަށް ގަދަ ހިތްވަރު ނެރެ، އޭނާ އެންމެ ލޯބިވާ, ޝައުގުވެރިވާ މަސައްކަތުގައި ފައިނަލް މެޗުގެ ފަހު ކަށިގަނޑާ ހަމައަށްވެސް އެހުރީ މުޅި ޓީމަށް ހިތްވަރުދެމުންނެވެ. ހަގީގަތުގައި މުޅި ކުޅިވަރު އާއިލާއަށް ހިތްވަރުދެމުންނެވެ. ކޮންމެ ހާލަތެއްގައިވެސް އޭނާގެ މުހިއްމުކަން ސާބިތުކޮށްދެމުންނެވެ. ހަގީގަތުގައިވެސް ސާއިދަކީ އަހަރެމެން އެންމެންގެ ހިތްވަރެވެ.