ޚަބަރު

ގިނަ ޚިދުމަތްތަކާއެކު ބިދޭސީ އެކޮމޮޑޭޝަންތަކެއް އެޅުމަށް މެލޭޝިއާ ކުންފުންޏެއްގެ ހުށައެޅުމެއް


  • ޑޯމެޓަރީތައް ފުރަތަމަ އަޅާނީ މާލެ ސަރަހައްދުގައި

  • ޑޯމެޓަރީތަކުގައި ބިދޭސީންނަށް ބޭނުންވާ ޚިދުމަތްތައް ޤާއިމްކުރެވޭނެ

  • ބިދޭސީންގެ މައްސަލައަށް ޖުމްލަ ޙައްލެއް ގެންނާނެ

ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ބިދޭސީ މަސައްކަތްތެރިން ބައިތިއްބާނެ އެކޮމޮޑޭޝަންތަކެއް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކުން ޝަޢުގުވެރިކަން ފާޅުކޮށްފައިވާކަމަށް ދާޚިލީ ސަލާމަތާއިި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. އެ ޝަޢުގުވެރިކަން ފާޅުކޮށްފައިވަނީ މެލޭޝިއާގެ ކުންފުންޏެއްކަމަށްވާ އަލްޓައިޒް ޑިޖިޓަލް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނިން ހުށައަޅާފައިވަނީ ބިދޭސީންނަށް އެއްތަނަކުން ހުރިހާ ޚިދުމަތްތަކެއް ލިބޭގޮތަށް އެކޮމޮޑޭޝަންތަކެއް އެޅުމަށެވެ.

ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ޖުމްލަ ޙައްލެއް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލާމަތީ ޚިދުމަތްތަކާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ތިން ގޮތަކަށް ކުރަމުން އަންނަކަމަށެވެ. އެގޮތުން އެއް ގޮތަކީ ބިދޭސީ މަސައްކަތްތެރިން ރެކްރޫޓުމަންޓާއި ވިސާ ދޫކުރުން ހަރުދަނާކުރުމެވެ. މިހާރު އެއްވެސް ކޮންޓްރޯލެއްނެތި ބިދޭސީން ރެކްރޫޓްކުރުމަށް އޮތް އޮތުން ކޮންޓްްރޯލްކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ދެވަނަ ކަމަކަށް ވަޒީރު ފާހަގަކުރެއްވީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ވެލްފެއަރ ކަންކަން ރަނގަޅަށް ބެލެހެއްޓުމާއި ބިދޭސީންގެ މާހައުލުގެ ފެންވަރު ރަނގަޅުކުރުމެވެ. އަދި ތިންވަނަ ކަމަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި، ވިސާއާއި ޚިލާފްވާ މީހުންނަށް ފިޔަވަޅު އެޅުމެވެ.


ބިދޭސީންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކޮށް އެމީހުން ވަކި އުސޫލެއްގެ ތެރެއަށް ގެނައުމަށް ކުރާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި އެކިކަހަލަ މަސައްކަތްތައްކުރުމަށް އުޅޭ ގިނަ ބިދޭސީން ނުވަތަ އަން ސްކްލިންޑް ލޭބަރ ފޯސްގެ ދިރިއުޅުމުގެ ޙާލަތު ދަށް ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ވިސްނުމަކީ އެމީހުންގެ ޢާންމު ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް ބިދޭސީންނަށް ޑޯމެޓަރީތަކެއް ނުވަތަ އެކޮމޮޑޭޝަންތަކެއް އެޅުންކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.

އެގޮތުން މިދިޔަ މާރޗް މަހުގެ 1 ވަނަ ދުވަހު މެލޭޝިޔާގެ އަލްޓައިޒް ޑިޖިޓަލް ނަމަކަށް ކިޔާ ކުންފުންޏަކުން ރާއްޖޭގައި އެކި މަސައްކަތްކުރުމަށް ހިޖުރަކޮށްގެން އުޅޭ ބިދޭސީން ބައިތިއްބުމަށް ޑޯމެޓަރީތަކެއް އަޅައިދޭނެކަމަށްބުނެ ޕްރޮޕޯސަލްއެއް ވުޒާރާއަށް ހުށައަޅާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެމީހުން ހުށައަޅާފައިވަނީ މި ޑޯމެޓަރީތައް ހިލޭ އަޅައިދޭނެކަމަށާއި، ނަމަވެސް ކޮންމެ ބިދޭސީއެއް ގެންގުޅޭ ފަރާތުން 120 ޑޮލަރުގެ ފީއެއް ކޮންމެ މަހަކުވެސް ކުންފުންޏަށް ދައްކަންޖެހޭނެކަމަށް އެ ކުންފުނީގެ ޕްރޮޕޯސަލްގައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ބިދޭސީން ބައިތިއްބުމަށް މަހަކު 120 ޑޮލަރު ދެއްކުމަކީ ބޮޑު އަދަދެއް ނޫންކަމަށާއި މިހާރުވެސް ރާއްޖޭގައި އުޅޭ ބިދޭސީން ހުރުމާއި ކެއުމަށް އެމީހުން ގެންގުޅޭ ފަރާތްތަކުން 1500 އާއި 2000 އާ ދެމެދުގެ ރުފިޔާ ބިދޭސީންނަށް ދޭ ކަމަށެވެ. އަދި ކުންފުންޏާއެކު ބޭއްވުނު ބައްދަލުވުންތަކުން މަހަކު ދައްކަންޖެހޭ 120 ޑޮލަރު، 100 ޑޮލަރަށް ތިރިކުރެވިފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މެލޭޝިޔާ ކުންފުނީގެ މި ޕްރޮޕޯސަލް 13 މެއިގައި އިންވެސްޓް މޯލްޑިވްސްއަށް ފޮނުވީ. އަޅުގަނޑުމެން ބުނިން މި ޕްރޮޖެކްޓަށް އަޅުގަނޑުމެން އެއްބަސްވާކަމަށް. އަދި 10 ޖުލައި އިކޮނޮމިކް ކައުންސިލްގައި މި ޕްރޮޕޯސަލްއާ ގުޅޭގޮތުން މަޝްވަރާކުރީ. މިހާރު ވާނީ ކުންފުނިން ބޭނުންވާ ފައިނަލް ޓަރމްސް އަޅުގަނޑުމެންނަށް ފޮނުވުމަށް. އަދި އެމީހުން ފޮނުވާ ފައިނަލް ޓަރމްސްއާމެދެ އިކޮނޮމިކް ކައުންސިލްގައި މަޝްވަރާކޮށްފައި ފައިނަލް އެއްބަސްވުމަކާ ހަމައަށް ދާނީ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި އެކޮމޮޑޭޝަން ފެސިލިޓީ ޤާއިމްކުރަން އެ ކުންފުނިން ބޭނުންވަނީ މާލެ ސަރަހައްދުގައި ކަމަށެވެ. އެގޮތުން މާލޭގައި 40،000 ބިދޭސީންނަށްވާވަރަށް އެކޮމޮޑޭޝަން އަދި ހުޅުމާލޭ ފޭސް 1 އަދި 2ގެ އިތުރުން ތިލަފުށީގައި 20،000 ބިދޭސީންނަށްވާވަރަށް އެކޮމޮޑޭޝަން ޤާއިމްކުރަން ކުންފުނިން ހުށައަޅާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މެލޭޝިޔާގެ ކުންފުނިން ޕްރޮޕޯސަލް ހުށައަޅާފައިވަނީ ޑޯމެޓަރީތަކުގެ އިތުރުން އެތަނުގައި ދިރިއުޅުމަށް ބޭނުންވާ ވަޞީލަތްތަކާއި ޚިދުމަތްތަކެއްވެސް ޤާއިމްކުރާ ގޮތަށް ކަމަށެވެ. އެގޮތުން ބިދޭސީންނަށް ޚިދުމަތްދޭ ކްލިނިކަކާއި ރެކްރިއޭޝަން ސަރަހައްދުތަކާއި ދޮވެ، ކައްކާ ކެވޭނެގޮތާއި އެނޫންވެސް މުހިންމު ޚިދުމަތްތައް އެ ކުންފުނީގެ ޕްރޮޕޯސަލްގައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ޑޯމެޓަރީތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޑޯމެޓަރީތަކުގައި ބަޔޯމެޓްރިކް ސޮފްޓްވެއަރއެއް ޤާއިމްކުރެވޭނެކަމަށް ކުންފުނީގެ ޕްރޮޕޯސަލްގައިވާ ކަމަށެވެ. އަދި މި ސޮފްޓްވެއަރގައި ހިމެނޭ ޑޭޓާބޭސް ރާއްޖެއާ ހިއްސާކުރާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޢަލީ އިޙްސާން ވަނީ 1000 އަށްވުރެ ގިނަ ބިދޭސީން ރާއްޖޭގައި އުޅޭ ސަރަހައްދުތަކުގައި ޑޯމެޓަރީ ފެސިލިޓީތައް އެޅުމުގެ ވިސްނުން އެބަހުރިކަމަށެވެ.

އެކި މަސައްކަތްކުރުމަށް ރާއްޖެއަށް ހިޖުރަކޮށްގެން އުޅޭ ބިދޭސީންގެ ދިރިއުޅުމުގެ ޙާލަތު ދަށްވުމުގެ އިތުރަށް ގަވައިދާ ޚިލާފަށްވެސް ރާއްޖޭގައި އެތައް ބިދޭސީންނެއް އުޅެއެވެ. އެގޮތުން ތަފާތު މަސައްކަތްތަކާއި ވިޔަފާރިކުރަން ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ގިނައެވެ. މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގެންދަވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން ރާއްޖޭގައި ގަވައިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެދަށަށް ދަނީ ގެންދަމުންނެވެ.