ކޮޕާ އެމެރިކާ 2024 ގެ ފައިނަލްގައި ކޮލަމްބިއާ ބަލިކޮށް، އާޖެންޓީނާ އިން ރެކޯޑް 16 ވަނަ ފަހަރަށް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މި މެޗުން އާޖެންޓީނާ މޮޅުވީ 1-0 އިންނެވެ.
މި މޮޅާއެކު އާޖެންޓީނާ އިން ވަނީ ޖެހިޖެހިގެން ތިންވަނަ ބޮޑު މުބާރާތުގެ ތަށި ކާމިޔާބުކޮށްފައެވެ. އެއީ، 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާ އާއި 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ އިތުރުން މި އަހަރުގެ ކޮޕާ އެމެރިކާ މުބާރާތެވެ. ކުރީން، މި ރެކޯޑް އޮތީ ޔޫރޯ 2008 އާއި 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އަދި 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްގެން ސްޕެއިން އަތުގައެވެ.
ހާޑް ރޮކް ސްޓޭޑިއަމަށް މުބާރާތުގެ ފައިނަލް މެޗު ބަލަން ޓިކެޓްނެތި ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް ވަންނަން މަސައްކަތްކުރުމުގެ ސަބަބުން އެއްގަޑިއިރާއި 20 މިނެޓުފަހުން ފެށިއިރު، މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، އިތުރުވަގުތުގެ ދެވަނަ ހާފުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ލަޓާރޯ މާޓިނޭޒް އެވެ. މެޗުގެ 112 ވަނަ މިނެޓުގައި މާޓިނޭޒް މި ލަނޑުޖެހީ ޖިއޮވާނީ ލޮ ސެލްސޯ ދިން ތުރޫ ޕާހަކުންނެވެ. މިއީ ގައުމީ ޓީމަށް އޭނާ ޖަހައިދިން 29 ވަނަ ގޯލެވެ. އަދި މިއީ މި ފަހަރުގެ މުބާރާތުގައި މާޓިނޭޒް ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ.
ފުރަތަމަ ހާފުގައި ކޮލަމްބިއާ އިން ވަނީ އާޖެންޓީނާގެ ގޯލަށް އަމާޒުކޮށް ހަތަރު ހަމަލާއެއް ފޮނުވާލައިފައެވެ. މި ހަތަރު ހަމަލާ ވެސް އާޖެންޓީނާގެ ގޯލްކީޕަރު، އެމިލިއާނޯ މާޓިނޭޒް މަތަކުރިއެވެ. މި ހާފުގައި ކޮލަމްބިއާ އަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި މެޗު ފެށިގެން ހަތްވަނަ މިނެޓުގައި އެ ޓީމުގެ ފޯވާޑް، ޖޯން ކޯޑޮބާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ.
ފަހު ހާފުގެ ކުރީކޮޅު އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކޮށްފައިވާއިރު، އޭގެ ކުޑައިރުކޮޅެއްފަހުން، އާޖެންޓީނާގެ ނިކޮލަސް ޓަގްލިއަފީކޯ ވަނީ 75 ވަނަ މިނެޓުގައި ގޯލެއް ކާމިޔާބުކޮށްފައެވެ. އެކަމަކު، ވިއޭއާރް އިން ބެލުމަށްފަހު ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމައި، އެލަނޑު ގަބޫލުނުކޮށްފައެވެ. އޭގެފަހުން، މެޗުގެ 95 ވަނަ މިނެޓުގައި ނިކޮލަސް ގޮންޒާލޭޒް ފޮނުވާލި ހަމަލާ ކޮލަމްބިއާގެ ކީޕަރު، ކެމީލޯ ވާގަސް ހުއްޓުވިއެވެ.
މި މެޗުގައި ކޮލަމްބިއާގެ މައްޗަށް އާޖެންޓީނާ އިން ހޯދީ މޮޅާއެކު، އެ ޓީމުން ވަނީ ކޮލަމްބިއާ އިން ދަމަހައްޓަމުންއައި 28 މެޗުން ބަލިނުވުމުގެ ރެކޯޑް ނިމުމަކަށް ގެނެސްފައެވެ. ކޮލަމްބިއާ އެންމެ ފަހުން ބަލިވީ ވެސް 2022 ވަނަ އަހަރުގެ ފެބުރުއަރީ މަހު އާޖެންޓީނާ އަތުންނެވެ.