ޚަބަރު

ނޭޕާލްގެ އައު ބޮޑުވަޒީރަކީ ކޮމިޔުނިސްޓް ޕާޓީގެ އޮލީ


ނޭޕާލްގެ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީ ގުޅިގެން އިއްތިހާދެއް އެކުލަވައިލައި, ބޮޑުވަޒީރު ކަމުގެ މަޤާމަށް ކަޑްގާ ޕްރަސާދް ސޮރްމާ އޮލީ ޢައްޔަން ކޮށްފިއެެވެ. އެއީ, 72 އަހަރުގެ އޮލީ ނޭޕާލްގެ ބޮޑުވަޒީރު ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގަންނަވާ ހަތަރު ވަނަ ފަހަރެވެ. އޭނާއަކީ ނޭޕާލްގެ ކޮމިޔުނިސްޓު ޕާޓީގެ ވެރިޔާއެވެ.

ނޭޕާލްގެ ރައީސް އޮފީހުން ބުނީ, ޖުލައި 15ވަނަ ދުވަހު ބޮޑުވަޒީރު ކަމުގެ ހުވައި ކުރައްވައި, އޮލީ އެ މަޤާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ވަޑައިގަންނަވާނެ ކަމުގައެވެ. އޭނާއަށް ބޮޑުވަޒީރު ކަމުގެ މަޤާމު ލިބިވަޑައިގަންނަވާފައި ވަނީ, އެ މަޤާމު ފުުރުއްވަމުން ގެންދެވި ޕުސްޕާ ކަމަލް ދަހަލްގެ ސަރުކާރު ރޫޅި, އޭނާއާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ފާސް ކުރުމާ ގުޅިގެންނެވެ.

ދަހަލްގެ ސަރުކާރު ވެއްޓުނީ, ޤާނޫނު ހަދާ މަޖިލީހުގައި ހިމެނޭ އޮލީގެ ކޮމިޔުނިސްޓް ޕާޓީ އޮފް ނޭޕާލް-ޔުނިފައިޑް މާކްސިސްޓް ލެނިނިސްޓުން ނޭޕާލީ ކޮންގްރެސް ޕާޓީއާ ގުޅިގެން އިއްތިހާދެއް އެކުލަވައިލުމުންނެވެ. ދަހަލްގެ ސަރުކާރު ވެެއްޓިފައި ވަނީ 18 މަސް ދުވަހަށް ފަހުއެވެ.

ކޮމިޔުނިސްޓު ޕާޓީއާއި ކޮންގްރެސް ޕާޓީ ގުޅިގެން އެކުލަވައިލާފައިވާ ކޯލިޝަން އެއްބަސްވުމުގެ ދަށުން, 2027ވަނަ އަހަރުގެ ޢާންމު އިންތިޚާބުގެ ކުރިން އޮލީއާއި ކޮންގްރެސްގެ ވެރިޔާ ސޭރް ބަހާދުރް ދެއުބާ ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވާނެއެވެ. ނަމަވެސް, އޮލީ ބޮޑުވަޒީރު ކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތައް ދެއުބާއާ ހަވާލު ކުރައްވާނެ ތާރީޚެއް އިޢުލާނު ކޮށްފައެއް ނުވެއެވެ.

ނޭޕާލްގެ ސިޔާސީ މައިދާނާ އޮލީ ގުޅިވަޑައިގަތީ ޒުވާން އުމުރުގައެވެ. ނޭޕާލްގެ ރަސްކަން ވައްޓައިލުމަށް ގޮވައިލައި ކެމްޕޭން ކުރުމުގެ ކުށުގައި އޭނާއަށް 14 އަހަރު ދުވަސް ޖަލުގައި ހޭދަ ކުރައްވަން ޖެހިވަޑައިގަތެވެ. އޭނާ ކޮމިޔުނިސްޓް ޕާޓީއާ ގުޅިވަޑައިގަތީ 1987ވަނަ އަހަރެވެ. އަދި, އެއަށް ފަހު, ޕާޓީގެ އިސް މަޤާމުތައް ފުރުއްވަމުން ގެންދަވާފައިވެއެވެ.

ބޮޑުވަޒީރު ކަމުގެ މަޤާމާ އޮލީ ފުރަތަމަ ހަވާލުވެ ވަޑައިގަތީ 2015ވަނަ އަހަރުއެވެ. އަދި, އެއަށްފަހު 2018ވަނަ އަހަރު ބޭއްވި ޢާންމު އިންތިޚާބު ކާމިޔާބު ކުރައްވައި, ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވިއެވެ. 2021ވަނަ އަހަރު ވެސް ކުރު މުއްދަތަކަށް އޭނާ ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވާފައިވެއެވެ.

2008ވަނަ އަހަރުން ފެށިގެން ނޭޕާލަކީ ފެޑެރަލް ޖުމްހޫރިއްޔާއެކެވެ. އެ ކަން ހާސިލު ކޮށްފައި ވަނީ, ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދިޔަ މައޮއިސްޓުންނާ އެކު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލައި, ވެރިކަން ކުރުމުގައި ބައިވެރިވުމުގެ ފުރުޞަތު އެ ޖަމާޢަތަށް ދީގެންނެވެ. އެއާ އެކު, ދަހަރަކަށް ވުރެ ގިނަ ދުވަހަަށް ދެމިގެން ދިޔަ ނޭޕާލްގެ ދާޚިލީ ހަނގުރާމައަށް ވެސް ނިމުމެއް އައެވެ.

ނަމަވެސް, ނޭޕާލްގެ ސިޔާސީ މަސްރަޙު އަދިވެސް ފެނިގެން ދަނީ ވަރަށް ނުތަނަވަސްކޮށެވެ. އެއްވެސް ސަރުކާރަކަށް ދައުރު ފުރިހަމަ ކުރުމުގެ ފުރުޞަތު އެންމެ އެކަށީގެންވާ ގޮތުގައި ލިބިދީފައި ނުވާ ކަަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. މީގެ އިތުރުން, 30 މިލިޔަން މީހުންގެ އާބާދީއެއް އޮތް ނޭޕާލަށް ވަނީ އިޤުތިޞާދީ ގޮތުން ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

ޚާއްޞަ ގޮތެއްގައި, ކޮވިޑް-19ގެ ބަލިމަޑުކަމަށް ފަހު ނޭޕާލްގެ ފަތުރުވެރި ކަމުގެ ސިނާޢަތް ހިނގައިގަނެފައި ނުވާ ކަން ފާހަގަ ކުރެވެއެވެ. ނޭޕާލަކީ ޗައިނާއާއި އިންޑިޔާއާ އިންވެގެން އޮތް ކުޑަ ޤައުމެކެވެ. ބައިނަލްއަޤުވާމީ މައިދާނުގައި ނޭޕާލަކީ ޗައިނާއަށް ތާޢީދު ކުރާ, ޗައިނާއާ އެކު ގާތް ގުޅުންތަކެއް ބާއްވަމުންދާ ޤައުމެއްގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައެވެ.