ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޙޫޘީ ޖަމާޢަތުން ޢަދަން ކަނޑާއި ޔަހޫދީ ދައުލަތުގެ ދެކުނުގައި އޮންނަ އީލާތުގައި ވަރުގަދަ އަސްކަރީ ޙަރަކާތެއް ހިންގައި ޔަހޫދީންގެ އާގުބޯޓުފަހަރަށް ޙަމަލާތަކެއް ދީފިއެވެ.
ޙޫޘީންގެ ތަރުޖަމާނު ޔަޙްހާ ސަރީޢު ޤާސިމް ވިދާޅުވީ ޢަދަން ކަނޑުގައި ހިންގި ޙަރަކާތުގައި ޔަހޫދީންގެ އާގުބޯޓެއް ކަމުގައިވާ އެމްއެސްސީ ޔުނިފިކަށް ވަރުގަަދަ ޙަމަލާތަކެއް ދީފައިވާނެ ކަމުގައެވެ. އެ އުޅަނދަށް ޙަމަލާ ދޭން ޙޫޘީން ވަނީ ބެލިސްޓިކް މިސައިލާއި އަސްކަރީ ޑްރޯން ބޭނުން ކޮށްފައެވެ. އެއީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން ޚާން ޔޫނިސްގެ އަލް-މަވާސީއަށް ޙަމަލާދީ 90އަށްވުރެ ގިނަ މުސްލިމުން ޝަހީދު ކޮށްލުމުން, އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ޙަމަލާތަކެއްގެ ގޮތުގައި ޤާސިމް ސިފަ ކުރެއްވިއެވެ. މަވާސީގައި ގިނަ ޢަދަދެއްގެ ރެފިއުޖީން ދިރިއުޅެމުން ދިޔަ ފޭލިގެތަކަށް ޔަހޫދީ ފައުޖުން ދިން ރަޙުމު ކުޑަ ވައިގެ ޙަމަލާތަކުގައި 300އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ.
އީލާތަށް ޙޫޘީން ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އެ ރަށުގައި އޮންނަ ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒުތަކަށެވެ. އެ ރަށަށް ޙަމަލާ ދިނުމަށް ޙޫޘީން ބޭނުން ކޮށްފައި ވަނީ އަސްކަރީ ޑްރޯނެވެ. އެ ޙަމަލާތަކުގައި ޔަހޫދީންނަށް ލިބިފައިވާ ގެއްލުންތަކުގެ މަޢުލޫމާތު ސާފެއް ނޫނެވެ.
މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ މައި މަރުކަޒު ޔޫއެސް ސެންޓްރަލް ކޮމާންޑް (ސެންޓްކޮމު)ން ބުނީ, ޙަމަލާތަކުގައި ޙޫޘީން ބޭނުން ކުރި ގިނަ ޢަދަދެއްގެ ޑްރޯންތައް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ. އެ ގޮތުން, ރަތް ކަނޑުގެ ސަރަޙައްދުން ޙޫޘީންގެ ދެ ޑްރޯނަކާއި, ޔަމަންގެ މަތިން އިތުރު ޑްރޯނެއް ވައްޓައިލާފައިވާނެ ކަމުގައި ސެންޓްކޮމުން ބުންޏެވެ. އަދި, ކަނޑުގައި ދުއްވާ ޑްރޯނެއް ވެސް ނައްތައިލާފައިވާނެ ކަމުގައި ސެންޓްކޮމުން ބުންޏެވެ.
"އެ ހަތިޔާރުތައް ނައްތައިލާފައި ވަނީ, އެމެރިކާގެ ސިފައިންނާއި, ގުޅިފައިވާ ކޯލިޝަންގެ ސިފައިންނާއި, އެ ސަރަޙައްދުން ވިޔަފާރި މުދާ ބަރުކޮށްގެން ދަތުރު ކުރަމުންދާ އާގުބޯޓުފަހަރަށް ނުރައްކާވާނެ ކަމަށް ބެލެވުމުން،" ސެންޓްކޮމުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ޔަމަން ކައިރީގައިވާ ކަނޑުގެ ސަރަޙައްދުން ދަތުރު ކުރާ އުޅަނދުފަހަރަށް ޙޫޘީން ޙަމަލާތައް އަމާޒު ކުރަން ފަށާފައި ވަނީ ޣައްޒާ ޢުދުވާނާ ގުޅިގެން, އެ ޢުދުވާން ހުއްޓައިލަން ބާރު އެޅުމުގެ ގޮތުންނެވެ. ޙޫޘީންގެ އަސްކަރީ އޮޕަރޭޝަންގެ ދަށުން އެ ޖަމާޢަތުން ދަނީ ރަތް ކަނޑާއި ޢަދަން ކަނޑުގެ އިތުރުން މެޑިޓެރޭނިޔަން ކަނޑާއި އިންޑިޔާ ކަނޑުން ދަތުރު ކުރާ އުޅަނދުފަހަރަށް ވެސް ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެ ޙަމަލާތަކުގައި މިހާތަނަށް ދެ އާގުބޯޓު ފައްތައިލާފައިވެއެވެ.
ޙޫޘީންގެ ޙަމަލާތައް އަމާޒު ކުރަނީ ޔަހޫދީ ދައުލަތަށް ނިސްބަތްވާ އަދި ޔަހޫދީންގެ މަސްލަޙަތު އޮތް ކުންފުނިތަކުގެ އާގުބޯޓުފަހަރަށާއި އެހެން އުޅަނދުތަކަށެވެ. އޭގެ އިތުރުން, ޔަހޫދީންގެ މަސްލަޙަތު ހިމާޔަތް ކުރަން އެމެރިކާއާއި އިނގިރޭސިވިލާތުން ތެދުވުމުން, ޙޫޘީން ދަނީ އެ ޤައުމުތަކުގެ އަސްކަރީ މަނަވަރުތަކާއި އާގުބޯޓުފަހަރަށް ވެސް ޙަމަލާތައް އަމާޒު ކުރަމުންނެވެ. ޙޫޘީން ހުއްޓުވުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ގުޅިގެން ވަނީ ޔަަމަންގެ ޢާންމުން ދިރިއުޅޭ ރަށްތަކަށް ބޮން އެޅުމުގެ ކެމްޕޭނެއް ފަށާފައެވެ.