ދުނިޔެ

ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް ފެށޭނެ ތާރީޚެއް އަދިވެސް ކަނޑަނޭޅި


ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް އަލުން ފެށުމަށް ތާރީޚެއް ކަނޑައެޅުމުގައި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ޚާރިޖީ ވަޒީރުން ނާކާމިޔާބުވެވަޑައިގެންފިއެވެ.

ސޫރިޔާގެ މައްސަލާގައި ވިއެނާގައި އަންގާރަދުވަހު ބޭއްވި ބައްދަލުވުމުގައި ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ އިތުރުން ސޫރިޔާގެ މައްސަލައާ ގުޅުންހުރި ތުރުކީވިލާތާއި އީރާން އަދި ސަޢޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރުންވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ވިއެނާގައި ބޭއްވި ސޫރިޔާގެ މައްސަލައާގުޅުންހުރި ޤައުމުތަކުގެ ބައްދަލުވުން ނާކާމިޔާބުވީ ސޫރިޔާގެ މައްސަލާގައި އެޤައުމުތައް ގެންގުޅޭ ސިޔާސަތުތައް ތަފާތުތައް ބޮޑުވުމުގެ ސަބަބުންނެވެ. އެބައްދަލުވުމުގައި ބައިވެރިވި ޤައުމުތަކުގެ ތެރެއިން އެމެރިކާއާއި ސަޢޫދީ އަރަބިއްޔާއާއި ތުރުކީވިލާތުން ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާޢަތްތަކަށް ހަތިޔާރާއި ތަމްރީނާއި މާލީ އެހީދެމުން ގެންދާއިރު، އީރާނާއި ރަޝިޔާއަކީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމުގެ ނިޒާމު ދެމެހެއްޓުމަށް މަސައްކަތްކުރާ ދެޤައުމެވެ.

މިދެގައުމުގެ ތެރޭން ރަޝިޔާއަކީ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރުގެ ދިފާއުގައި ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ސީދާގޮތެއްގައި ވަދެފައިވާ ޤައުމެކެވެ. އަދި އީރާނަކީ ރައީސް ބައްޝާރުގެ ޙިމާޔަތުގައި ނުސީދާ ގޮތެއްގައި ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ ޝާމިލްވާ ޤައުމެކެވެ.

މިޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުން ނެރުނު ގުޅިފައިވާ ބަޔާނުގައި ސޫރިޔާ ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ޖެނީވާގައި ބޭއްވުމަށް މަސައްކަތްކުރާ ސުލްހައިގެ ވާހަކަތައް އަލުން ފަށާނެތާރީޚެއް ކަނޑައަޅާފައެއް ނުވެއެވެ. އޭގެބަދަލުގައި މިބަޔާން ގޮވާލާފައިވަނީ ސޫރިޔާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ސޫރިޔާ ސަރުކާރާ އަދި އިދިކޮޅު ފަރާތްތަކުންވެސް އިޙްތިރާމް ކޮށް ހަމަލާތައް ބަދަލުކުރުން އަވަހަށް ހުއްޓާލުމަށެވެ. އަދި ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް އަލުން ފެށުމަށް އިސްކަން ދިނުމުގެ ބަދަލުގައި މިބައްދަލުވުމުން އިސްކަންދީފައިވަނީ ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ ސޫރިޔާގެ އެކިސަރަހައްދުތަކުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ކަންތައް ކުރިޔަށް ގެންދިޔުމަށެވެ. ނަމަވެސް މިބައްދަލުވުމަށްފަހު ދެއްވި ބަޔާނެއްގައި ސޫރިޔާއިން އދ. އަށް ކަނޑައަޅާފައިވާ މަންދޫބު ސްތަފާން ދެމިސްތޫރާ ވިދާޅުވީ ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް އަލުން ފަށާނެ ތާރީޚެއް ކަނޑައެޅުމަށް ހުރިހާ ފަރާތްތަތަކުން ބޭނުންވާ ކަމަށާ މިކަމާމެދު ގޮތެއް ނުނިންމުނީ ސޫރިޔާ ގެ އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ ގައުމުތަކާއި ސޫރިޔާ ސަރުކާރަށް ތާއީދުކުރާ ގައުމުތަކާ ދެމެދުގައިވާ ޚިޔާލު ތަފާތުވުންތައް ބޮޑުވުމުގެ ސަބަބުންކަމަށެވެ.

ބަރަކާތްތެރި ރަމަޟާން މަސް ފެށެން ގާތްވެފައިވާއިރު ސޫރިޔާގެ ހަނގުރާމަ ނުހުއްޓި ކުރިޔަށް ދިޔުމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށްވެސް ސްތަފާން ދެމިސްތޫރާ ވިދާޅުވިއެވެ. ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ސޫރިޔާގެ ހަނގުރާމައިގެ ޙަމަލާތައް މުޅިން ހުއްޓާލައި އިންސާނީ އެހީބޭނުންވާ ސަރަހައްދުތަކަށް އިންސާނީ އެހީ ފޯރުކޮށް ނުދެވެނީސް ސުލްޙައިގެ ވާހަކަތަކުގައި ބައިވެރިނުވާނެ ކަމަށެވެ. ސޫރިޔާ ސަރުކާރާއި އެޤައުމުގެ އިދިކޮޅު ފަރާތަކާ ދެމެދު ޖެނީވާގައި ކުރިޔަށްދިޔަ ސުލްޙައިގެ ވާހަކަތައް މިދިޔަ މަހުގެ މެދެއްހާ ހިސާބު ރޫޅިގެން ދިޔައީ އެވާހަކަތަކުން ކުރިއެރުމެއް ނުލިބޭކަމަށް ބުނެ ސޫރިޔާގެ އިދިކޮޅު ފަރާތްތައް އެވާހަކަތަކަށް ޙާޒިރު ނުވުމަށް ނިންމުމާ ގުޅިގެންނެވެ.

ސޫރިޔާގެ ސުލްހައިގެ ވާހަކަތައް އަލުން ފެށުމަށް ތާރީޚެއް ކަނޑައެޅުމުގައި ދުނިޔޭގެ ބޮޑެތި ބާރުތައް ނާކާމިޔާބުވުމުގެ ސަބަބުން ވިލާތުގެ އިއްތިޙާދުންވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ.