ދިވެހިރާއްޖެއާއި ލާއޯ ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކާއި ދެމެދު ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ ލާއޯ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ބުންމީ ވަންމަނީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.
ލާއޯ ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކްގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.
އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ވިސްނުން އެއްގޮތްކަންކަމުގައި ގުޅިގެން ކުރިއަށްދިއުމަށާއި، އަދި ދެ ޤައުމަށްވެސް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެކުގައި މަސައްކަތްކުރެއްވުމަށް މަޝްވަރާކުރައްވާފައެވެ.
ދިވެހިރާއްޖެއާ ލާއޯ ޕީޕަލްސް ޑިމޮކްރެޓިކް އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 2012 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 10 ވަނަ ދުވަހުގައެވެ.
ލާއޯ ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކްގެ ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. ލާއޯ ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކް ސަފީރު ހުންނަވާނީ އިންޑިއާގެ ނިއުދިއްލީގައެވެ.