ޚަބަރު

އިމްރާން ޚާންގެ ޕީޓީއައި އުވައިލަން ޕާކިސްތާން ސަރުކާރުން މަސައްކަތް ފަށައިފި


ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކް އިންސާފް (ޕީޓީއައި)އަކީ ނުޤަވާޢިދުން ހިންގާ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ކަނޑައަޅައި, އެ ޕާޓީ އުވައިލުމުގެ މަސައްކަތް ފަށާފައިވާ ކަން ޕާކިސްތާނުގެ މަޢުލޫމާތާ ބެހޭ ވަޒީރު ހާމަ ކޮށްފިއެވެ. އޭގެ އިތުރުން, ދަޢުލަތަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ޚާނާ ދެކޮޅަށް އުފުލަން ތައްޔާރުވަމުންދާ ކަމުގައި ވެސް ވަޒީރު ޢަތާއުالله ތަރާރް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ, ޕީޓީއައިއަކީ ބޭރު ޤައުމުތަކުން ނުޤަވާޢިދުން ޚަރަދު ކޮށްގެން ހިންގަމުންދާ ޕާޓީއެއް ކަން ސަރުކާރަށް ސާބިތު ކޮށްދެވޭނެ ކަމުގައެވެ. އަދި, އެއީ ހަމަނުޖެހުމަށް ހިތްވަރުދޭ ޕާޓީއެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ. އެ މައްސަލަތަކާ ދެކޮޅަށް ދަޢުވާކޮށް, ޕާޓީ އުވައިލުމަކީ ޕާކިސްތާނުގެ ސަރުކާރަށް ކުރެވިދާނެ ކަމެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.

ޕީޓީއައިއަކީ ހަމަނުޖެހުމަށް ހިތްވަރުދޭ ޕާޓީއެއްގެ ގޮތުގައި އޭނާ ސިފަ ކުރައްވާފައި ވަނީ, ޚާން ހައްޔަރު ކުރުމާ ގުޅިގެން އެ ކަމާ މެދު ނުރުހުން ފާޅު ކުރުމަށް އޭނާއަށް ތާޢީދު ކުރާ އެތަކެއް ސަތޭކަ ހާސް ބަޔަކު މަގުތަކަށް ނިކުމެ ކޮށްފައިވާ މުޒާހަރާތަކާ ގުޅުވައެވެ. ހުސްވި އަހަރުގެ މުޒާހަރާތަކުގެ ތެރޭގައި ފުލުހުންނާއި ޢާންމުންނާ ދެމެދު ކުރިމަތިލުންތައް ހިނގައި, މުޒާހަރާގެ ބައެއް ބައިވެރިން ޕާކިސްތާނުގެ އަސްކަރިއްޔާގެ މަރުކަޒުތަކަށް ޙަމަލާ ދޭން މަސައްކަތް ކޮށްފައިވެއެވެ.

"ޕީޓީއައި އުވައިލުމާ ގުޅޭ މައްސަލަ ފެޑެރަލް ސަރުކާރުން ކުރިއަށް ގެންދާނެ،" އެ ކަމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ކެބިނެޓަށް ހުށަހަޅަން ތައްޔާރަށް އޮތް ކަން ހާމަ ކުރައްވަމުން ތަރާރް ވިދާޅުވިއެވެ. މީގެ އިތުރުން, ޚާނާއި ޕާކިސްތާނުގެ ކުރީގެ ރައީސް ޢާރިފް ޢަލްވީއާ ދެކޮޅަށް ދަޢުލަތަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ އެ ޤައުމުގެ ސުޕްރީމް ކޯޓުގައި އުފުލަށް ތައްޔާރުވަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ތަރާރްގެ ވާހަކަފުޅާ ގުޅިގެން ޕީޓީއައިން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އެއީ, އަސްކަރީ ވެރިކަމެއްގެ ފެށުމުގެ ގޮތުގައި ޚާންގެ ގާތް ބޭފުޅެއް ކަމުގައިވާ ޛުލްފިޤާރު ބުޚާރީ ސިފަ ކުރެއްވިއެވެ. އަދި, ޕީޓީއައިން ހޯދަމުންދާ ކާމިިޔާބީތަކާ ގުޅިިގެން ސަރުކާރު ޕްރެޝަރަށް ވެއްޓިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނުގެ ސިޔާސީ މަސްރަޙު ހޫނުވެފައި ވަނީ, ޤައުމަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ދަތިކަމުން އަރައިގަތުމަށް ޓެކުސްތައް ބޮޑު ކުރުން ފަދަ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާ ދަނޑިވަޅެއްގައެވެ. އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފު)ން 7 ބިލިޔަން އެމެރިކާ ޑޮލަރުގެ އެހީ ފޯރު ކޮށްދިނުމުގެ ޝަރުޠުތަކުގެ ތެރޭގައި ދަނޑުވެރި ކަމުގެ ސިނާޢަތުން ނަގާ ޓެކުސްތައް ބޮޑު ކުރުން ހިމެނެއެވެ. ނަމަވެސް, އެއީ ޕާކިސްތާނުގެ ޢާންމު ރައްޔިތުން ބަލައިގަންނާނެ ނިންމުމަކަށް ނުވާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.

"މިއީ ބަލިކަށި ސަރުކާރެއް. މި ސަރުކާރުގެ ސައްޙަކަމާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުން. ސަރުކާރުން ދަނީ އިމްރާން ޚާން ޖަލުގައި ބާއްވަން ގިނަ މަސައްކަތްތަކެއް ކުރަމުން. އަދި, އައިއެމްއެފްގެ އެހީގެ ޕުރޮގުރާމުގައި ދެމިއޮތުމަށް ވެސް މަސައްކަތް ކުރަމުން،" އިޤުތިޞާދީ ދާއިރާގެ މާހިރެއް ކަމުގައިވާ ޚުއްރަމް ޙުސައިން ވިދާޅުވިއެވެ.

އިޤުތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ޕީޓީއައި އުވައިލައި, އެތަކެއް ސަތޭކަ ހާސް ބަޔެއްގެ އަޑު ކަނޑުވައިލަން ޕާކިސްތާނުގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅުގައި އެ ޤައުމުގެ ސުޕްރީމް ކޯޓުން ދާދި ފަހުން ވަނީ ޕީޓީއައިއަށް ބޮޑު ކާމިިޔާބީއެއް ވެސް ހޯދައިދީފައެވެ.

އެގޮތުން, ޤާނޫނު ހަދާ މަޖިލީހުގައި ސިޔާސީ ޕާޓީތަކަށް ޚާއްޞަ ކޮށްފައިވާ ގޮނޑިތަކަށް ކުރިމަތިލުމުގެ ފުރުޞަތުން ޕީޓީއައިގެ މެންބަރުން އެކަހެރި ކުރަން އެ ޤައުމުގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން ކުރި މަސައްކަތްތަކަށް ސުޕްރީމް ކޯޓުން ދާދި ފަހުން ވަނީ ހުރަސް އަޅާފައެވެ. ސުޕްރީމް ކޯޓުގެ ނިންމުމާ އެކު އިތުރު 20 ދާއިރާއެއްގެ ގޮނޑިއަށް ކުރިމަތިލުމުގެ ފުރުޞަތު ޕީޓީއައިއަށް ލިބި, މަޖިލީހުގައި އެ ޕާޓީ ތަމްސީލު ކުރާ މެންބަރުންގެ ޢަދަދު 100އަށް އިތުރުވާނެ ކަމަށް ބެލެވެއެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, ޕާކިސްތާނުގެ ސަރުކާރުން ޕީޓީއައި އުވައިލުމަށް މަސައްކަތް ފަށާފައި ވަނީ, ބައިނަލްއަޤުވާމީ މަސްރަޙު މެދުވެރިކޮށް އެ ޕާޓީން ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރަމުންދާތީ ކަމުގައެވެ. އެ ގޮތުން, ފެބުރުވަރީ 8ގައި އެ ޤައުމުގައި ބޭއްވި ޢާންމު އިންތިޚާބާ ގުޅިގެން އުފުލާފައިވާ ނަތީޖާ އޮޅުވައިލުމުގެ ތުހުމަތުތަކުގެ ފުރިހަމަ ތަޙުޤީޤެއް ހިންގުމަށް އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް މެދުވެރިކޮށް ޕީޓީއައިން ސަރުކާރަށް ބާރު އަޅަން މަސައްކަތް ކުރަމުންދާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.

އޭގެ އިތުރުން, އައިއެމްއެފުން ޕާކިސްތާން ސަރުކާރަށް މާލީ އެހީތެރިކަން ފޯރުކޮށްދިިނުމުގެ ކުރިން, އިންތިޚާބު ހިނގާފައިވާ ގޮތުގެ ފުރިހަމަ އަދި މިނިވަން އޮޑިޓެއް ހެދުމަށް ވެސް ޕީޓީއައިން ބާރު އަޅަމުންދާ ކަމުގައި އެ ފަރާތްތަކުން ބުނެއެވެ. އެ ކަންކަމާ ގުޅުވައި ޕީޓީއައި އުވައިލަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަން އެ ޤައުމުގެ މަޢުލޫމާތާ ބެހޭ ވަޒީރު ތަރާރް ހާމަ ކުރެއްވުމާ އެކު ޕާކިސްތާނުގެ އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ކޮމިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި, އެ ނިންމުން އަނބުރާ ގެންދިޔުމަށް ސަރުކާރަށް ގޮވައިލާފައެވެ.

2022ވަނަ އަަހަރު އިތުބާރު ނެތް ކަމުގެ މައްސަލައެއް ފާސްކޮށް ބޮޑުވަޒީރު ކަމުގެ މަޤާމުން ޚާން ދުރުކުރި ފަހުން, 240 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޕާކިސްތާނަށް ވަނީ ސިޔާސީ ނުތަނަވަސް ކަން ކުރިމަތިވެފައެވެ. ޚާން ތުހުމަތު ކުރައްވާ ގޮތުގައި އޭނާއާ ދެކޮޅަށް ފާސް ކޮށްފައިވާ އިތުބާރު ނެތް ކަމުގެ ވޯޓުގެ ފަހަތުގައި ތިއްބެވީ އެ ޤައުމުގެ ނުފޫޒު ގަދަ އަސްކަރިއްޔާގެ އިސް ޖެނެރަލުންނެވެ. ނަމަވެސް, އަސްކަރިއްޔާއިން އެ ތުހުމަތުތައް ދޮގު ކުރެއެވެ. 1947ވަނަ އަހަރު ޕާކިސްތާނަށް މިނިވަން ކަން ލިބުނު ފަހުން, އެއްވެސް ބޮޑުވަޒީރަކަށް ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެވިފައެއް ނުވެއެވެ.