ޚަބަރު

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ އައު ވެބްސައިޓުގައި އީ-ބުކް ލައިބްރަރީއެއް


  • ވެބްސައިޓު އިފްތިތާހްކުރާން އޮންނާނީ މިމަހު 26 ގައި

  • ލައިބްރަރީގައި ހިމެނޭނީ 2008 އިން ފެށިގެން ވުޒާރާއިން ނެރުނު ފޮތްތައް

  • ކީރިތި ރަސޫލާގެ ސިޔަރަތު ވީޑިއޯ ރިޕޯޓުތަކުގެ ސިފައިގައި ބެލޭނެ

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ އައު ވެބްސައިޓުގައި އީ-ބުކް ލައިބްރަރީއެއް ހިމެނޭނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ ވުޒާރާގެ އައު ވެބްސައިޓު އިފްތިތާހް ކުރުން މިމަހުގެ 26 ވަނަ ދުވަހު އޮންނާނެ ކަމަށެވެ. މި ވެބްސައިޓުގައި ފޮތް ޑައުންލޯޑު ކުރެވޭ ގޮތަށް އީ-ބުކް ލައިބްރަރީއެއް ހިމެނޭނެކަމަށާއި މި ލައިބްރަރީގައި 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެވުޒާރާއިން ނެރެފައިވާ ހުރިހާ ފޮތެއް ހިމެނޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން އައު ވެބްސައިޓުން ކީރިތި ރަސޫލާގެ ސިޔަރަތު ދިވެހިބަހުން ވީޑިއޯ ރިޕޯޓްތަކުގެ ސިފައިގައި ބަލައިލެވޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ރިސާލަތު ޕްރޮގްރާމްގެ ހުރިހާ މައުޟޫއެއް ދިވެހިބަހާއި އިނގިރޭސިބަހުން ވެބްސައިޓުން ބެލޭނެކަމަށްވެސް ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވީ އިދާރީ ހުރިހާ މުޢާމަލާތަކާގުޅޭ މަޢުލޫމާތާއި އުޞޫލުތަކާއި ފޯމްތައްވެސް ސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ގެންދަވަނީ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އަޚްބާރުގެ ނަމުގައި މަޖައްލާއަކާއި ރިސާލަތުގެ ނަމުގައި ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތަކެއް ދަނީ ހިންގަމުންނެވެ. އައު ވެބްސައިޓާއެކު މިފަދަ ޕްރޮގުރާމްތައް ފަސޭހަކަމާއެކު ބަލައިލެވެން ހުންނާނެއެވެ.